ވެލިފުނިތަކާއި ނެޓުވޯކުތައް އަދި މަގަށް އަރާ ގޮތަށް ހުޅުމާލެއިން ދޫކުރި ގޯތިތައް ނޫސްވެރިންނަށް ދައްކާލައިފިއެވެ.
އިއްޔެ ހަވީރު ނޫސްވެރިންނަށް އެ ސަރަހައްދުތައް ދައްކާލުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބޭއްވި މީޑިއާ ޓުއާގައި ތިން ސަރަހައްދަކަށް ވަނީ ގޮސްފައެވެ.
އެގޮތުން އެ ޓުއާގެ ފުރަތަމަ މަންޒިލަކީ ވެލި ފުނިތަކާއި ހިލަ ފުނިތަކަށް އަރާ ގޮތަށް ގޯތި ދޫކޮށްފައިވާ ސަރަހައްދެކެވެ. އެ ސަރަހައްދުގައި ހުރި ވެލިފުނިތަކާއި ހިލަފުނިތަައް ނަގާ، ސާފުކުރުމުގެ މަސައްކަތް އެ ވަގުތުވެސް ދިޔައީ ކުރަމުންނެވެ.
އެ ތަނުގެ މައުލޫމާތު ހިއްސާކުރައްވަމުން އެޗްޑީސީގެ ޕްބަލިކް ރިލޭޝަންސް، އެސިސްޓަންޓް މެނޭޖަރު މުހައްމަދު ސިރާޖު ވިދާޅުވީ އެ ސަރަހައްދުގައި ހުރި ބިންތައް ދޫކުރެވެން އަންނަނީ އެހެން ހުރި ބައެއް ވެލިފުނިތައް ނަގާ ސާފުކޮށްގެން ކަމަށާއި މިހާރު އެ މަސައްކަތް އެ ދަނީ ބާރަށް ކުރިއަށް ކަމަށެވެ. އަދި އެތަން ސާފުކުރެވުނުހާ އަވަހަކަށް ގޯތިތައް ދޭނެ ކަމަށްވެސް ސިރާޖު ވިދާޅުވިއެވެ.
މަގަށް އަރާ ގޮތަށް ބިން ދޫކޮށްފައިވާ ސަރަހައްދަށް ދެވުނު އިރު އެ މަގަކީ ޒަމާނީ ފެންވަރަށް ތާރު އަޅާ، ތަރައްގީކޮށްފައިވާ މަގެކެވެ. އެ މަގަށް އަރާ ގޮތަށް ގޯތި ދޫކޮށްފައިވާއިރު ސިރާޖު ވިދާޅުވީ އެކަން ހައްލުކޮށް ގޯތި ދޫކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ގޮތަށެވެ.
އެ ޓުއާގައި އެންމެ ފަހުން ދެވުނީ މީގެ ކުރިންވެސް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވެސް ފާހަގަކުރައްވާފައިވާ ފަދައިން ފެނާއި ނަރުދަމާ އަދި ކަރަންޓު ނެޓްވޯކަށް އަރާގޮތަށް ގޯތި ދޫކޮށްފައިވާ ސަރަހައްދަށެވެ. އެ ސަރަހައްދުގެ ގޯތިތައް މީގެ ކުރިން ހަވާލުކޮށްފައިވާއިރު އިން ފާރުގެ މަސައްކަތްތައްވެސް ވަނީ ކޮށްފައެވެ.
މިދިޔަ ޑިސެންބަރު މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފަޒުލް ވިދާޅުވީ ބައެއް ދިމަދިމާލުން ގާތްގަނޑަކަށް 180 ވަރަކަށް ބިން ދޫކޮށްފައިވަނީ ފެނާއި ނަރުދަމާ އަދި ކަރަންޓު ނޫނީ އެޗްޑީސީގެ ނެޓްވޯކަށް އަރާ ގޮތަށް ކަމަށާއި އެހެން އަރާ ގެތަކުގައި އިންފާރު ރޭނުމުގެ ފުރުސަތު ދިނުން ދަތިވާ ކަމަށެވެ. އެހެންނަމަވެސް އެކަމަށް ހައްލު ގެނެސްދެއްވާނެ ކަމަށް ފަޒުލް ވިދާޅުވިއެވެ.
ސިރާޖު ވިދާޅުވީ ބައެއް ގޯތިތައް ހަވާލުކޮށްފައިވާއިރު އިން ފާރުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ގޯތީގެ އިމުގެ ތެރޭގައި ހުރި ނެޓުވޯކުތައް ބަދަލުކުރަން ޖެހޭ ކަމަށާއި ސްޓެލްކޯއާއި އެމްޑަބްލިޔުއެސްސީއާ މަޝްވަރާކޮށްގެން ނެޓުވޯކުތައް ބަދަލުކޮށް އިންފާރު ރޭނުމުގެ ހުއްދަ ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސިރާޖު ވިދާޅުވިއެވެ.
ސިރާޖު ވިދާޅުވީ އެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމާ ގޯތިތައް ދޫކުރާނެ ކަމަށެވެ.
މި މަހުގެ 3 ވަނަ ދުވަހުގެ ރޭ ޕީއެންސީގެ ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން ފަޒުލް ވިދާޅުވީ އޭނާ އެޗްޑީސީއާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ފެއްޓެވި މަސައްކަތުގެ ތެރޭގައި އެންމެ ފުރަތަމަ ބެއްލެވީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަ ހިދުމަތްތަކެއް ދިނުމަށްޓަކައި ކުރެވެން ހުރީ ކޮން މަސައްކަތްތަކެއް ތޯ ކަމަށާއި ދެން ބެއްލެވީ ހުޅުމާލޭގެ ބިންތަކަށް ވީ ކިހިނެތްތޯ ކަމަށެވެ.
ފަޒުލް ވިދާޅުވީ ބިން ވެރިޔާގެ ކަންތައްތަަކުގައި ދިޔައިރު ބިންވެރިޔާގެ ޕްލޮޓްތައް އަރަނީ ޖެހިގެން ހުރި ފަރުބަދައަށް ނޫނީ ޖެހިގެން ހުރި ހިލަފަރުބަދައަށް ކަމަށެވެ. އަދި ގޯތި ދޫކުރެވޭނީ ވެލިފުނިތަކާއި ހިލަފުނިތައް ބަދަލުކޮށްގެން ފާހަގަކުރައްވާ ފަޒުލް ވަނީ އެކަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
މިދިޔަ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯތިތަކުގެ ދާއިމީ ލިސްޓް އާންމު ކުރި އިރު، ގޯތި ލިބުމަށް ޝަރުތު ހަމަވާ 19،631 މީހުން ތިބިއިރު އޭގެތެރެއިން 18،948 ފަރާތަކަށް ވަނީ ގޯތިދީފައެވެ. އޭގެ ތެރެއިން ގުޅިފަޅުން 2،218 ގޯތި ދޫކޮށްފައިވާއިރު ހުޅުމާލެއިން 1،351 ގޯއްޗާއި ގިރާވަރުފަޅުން 5،432 ގޯތި ވަނީ ދޫކޮށްފައެވެ.
މިސަރުކާރު ވަނީ ފޭލްވެފައި ހެދޭނީ އަދި ހަދާނީ ވެސް ހުސްދޮގު ސަރުކާރުން ރައްޔިތުން ބޭނުމެއް ނުވޭ!