ސައުދީ އަރަބިއްޔާއިން ރާއްޖެއަށް 55 ޓަނުގެ ކަދުރު މިއަދު ހަދިޔާކޮށްފިއެވެ.

ކޮންމެ އަހަރަކުވެސް ރަމަޟާން މަހާ ދިމާކޮށް ސައުދީއިން ރާއްޖެއަށް ކަދުރު ހަދިޔާކުރާއިރު އެ ކަދުރު ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ބަހައެވެ.

އިސްލާމިކް މިނިސްޓްރީއިން ބުނީ ސައުދީ ސަރުކާރުން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. އަދި ސައުދީގެ ފަރާތުން ސޮއިކުރެއްވީ ސައުދީއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މަތްރިކް އައްދައުސަރީއެވެ.

އޭގެ އިތުރުން މިއަދު ވަނީ އިތުރު ފަސް ޓަނުގެ ކަދުރުވެސް މިނިސްޓްރީއާ ހަވާލުކޮށްފައެވެ. އެ ފަސް ޓަނުގެ ކަދުރު ހަދިޔާ ކޮށްފައިވަނީ އެކަމަށްޓަކައި ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގައި ބޭއްވި ރަސްމިއްޔާތެއްގައި ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަތްރިކް އައްދައުސަރީއެވެ.

މިދިޔަ އަހަރުވެސް ސައުދީއިން 50 ޓަނުގެ ކަދުރު ހަދިޔާކޮށްފައިވާއިރު މިދިޔަ އަހަރު އިސްލާމިކް މިނިސްޓްރީއިން ބުނީ ފަގީރުންގެ ދަފްތަރުގައި ހިމެނޭ މީހުން ދިރިއުޅޭ ކޮންމެ ގޭބިސީއަކަށް 1 ޕެކެޓް ކަމަށާއި ކަދުރު ބަހާފައިވަނީ މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލައި ހާޒިރުވާ ތަރުތީބުން ކަމަށެވެ.

މާލެއާއި، ވިލިމާލެ އަދި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މިނިސްޓްރީ މެދުވެރިކޮށް ކަދުރު ބަހާފައިވާއިރު އަތޮޅުތެރޭގެ ރަށްރަށަށް ކަދުރުބަހާފައިވަނީ ރަށު ކައުންސިލްތަކުން މިދިޔަ އަހަރު މިނިސްޓްރީއަށް ފޮނުވި ގޭބިސީގެ ލިސްޓުތަކަށް ބެލުމަށްފަހު އެ ކައުންސިލްތަކުންނެވެ.