ކަޔާން ގެއިން ނުކުތުމުން މަރީޝާ އަނބުރާ އެ ކޮޓަރިއަށް ދިޔައީ އެކޮޓަރި ސާފު ކޮށްލުމަށްށެވެ. ކޮޓަރީގައި ހުރި ހުރިހާ އެއްޗެއް ތަރުތީބު ކުރުމަށްފަހު ކަޔާންގެ ދާވެފައިވާ ހެދުންތައް ހިފައިގެން ނުކުންނަމުން އެ ވާހަކަފޮތް އެ ކޮޓަރީގައި ހުރި ފޮތް ބަހައްޓާ ހަރު މަތީ ބާވާފައި ކޮޓަރިން ނުކުތެވެ. އަދި ހިތާހިތުން ބުނެލިއެވެ. "ކޮންކަހަލަ ބިރުވެރި ވާހަކައެއްތަ؟ މިރޭ ނުވެސް ނިދޭނެ ތޯއްޗެ... ކިޔުނު މޮޔަ ހިތަށް އަރާ..."
ކެފޭތެރޭގައި ހުރި މޭޒެއްގެ ދޮށުގައި އިށީނދެގެން ތިބި ވިޝާލާއި ކަޔާން ހުރީ މިޝްކާ އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. ފޯނުގެ އެކި އެޕްލިކޭޝަންތައް ހާވަމުން ދިޔަ އިރު ކަޔާން ހުރީ ކެތްމަދުވެފައިކަން ބަލަންހުރި ހޮންމެ މީހަކަށް އެނގޭނެއެވެ. ކަޔާންމެން އޯޑަރުކުރި ކޮފީތަށި ހިފައިގެން ވެއިޓަރ މޭޒުދޮށަށް އައެވެ. އެ ވަގުތު އެމީހުން ތިބި މޭޒު ކައިރިއަށް ދެ ޒުވާނުން އައިސް ހުއްޓުމުން އެމީހުންގެ އޯޑަރ ނެގުމަށް ވެއިޓަރު މަޑުކޮށްލީ އެ މޭޒުދޮށަށް އަދި ބަޔަކު އަންނާނެ ވާހަކަ ކުރިން ވިޝާލްމެން ބުނެފައި ވާތީއެވެ. ފޯނުގެ ޑިސްޕްލޭއަށް ކަޅި ހުއްޓައިގެން ހުރި ކަޔާނަށް ކައިރިން ދުވި މީރު އަންހެން ސެންޓެއްގެ ވަހުން ފުން ނޭވާއެއް ދަމާލަމުން އެމީހުންނާ ދިމާލަށް ބަލާލިއެވެ. ލިބުނު ހައިރާންކަމާއެކު ކަޔާނަށް އެ މޭޒު ދޮށުން ތެދުވެވުނެވެ.
"ހެއި... ކިހިނެއްވީ.... އިށީންދެބަލަ..." ކަޔާން ފުންމައިގެން ތެދުވުމުން ވިޝާލް މިހެން ބުނެލީ މިޝްކާއާއި އަލީނާ ގާތުގައިވެސް އިށީނުމަށް އިޝާރާތް ކުރަމުންނެވެ.
އަލީނާ އާއި ކަޔާން ލުއި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. ކަޔާންވެސް މަޑުމަޑުން ގޮނޑީގައި އިށީނދެ ފޯނާ ކުޅެން ފެށިއެވެ. މިޝްކާއާއި ބައްދަލުވުމުން އެތައް ވާހަކައެއް ދައްކަން ބޭނުންވެފައި ހުރި ކަޔާންގެ ދުލުގައި ތަޅެއްލެވުނު ކަހަލައެވެ. މިޝްކާއާއި ވިޝާލް ސަމާސާ ކުރަމުން އެކި ވާހަކަތައް ހިއްސާ ކުރުމުގައި ތިބިއިރު އަލީނާއާއި ކަޔާން ހުރީ އެމީހުން ދައްކާ ވާހަކަތަކަށް ހިނިތުން ވުމުގެ މޫނެއް ދައްކައިގެން ދޫންޏެއް ފަދައިން ބޯ ޖަހާލަޖަހާލައެވެ.
ކަޔާންގެ ހިތް އަވަސްވެ އެތައް އުނދަގޫތަކެއް ވަމުން ދިޔައެވެ. މަޑު މަޑުން ކޮފީތަށި ގިރާލުމަށްފަހު ތުބުގައި ޖަހާލާ ކޯވަރެއް ހާ އެތިފޮދު ބޯލިއެވެ. އެވަގުތު އަލީނާ ވާހަކަ ދައްކަން ފެށިއެވެ. "ކޮފީ.... ކަޔާން ކޮފީއެއް ނުބޮމެއްނު؟..."
"ހުންންން.... ކޮފީ ދޯ!.... މި ނުބޮންޏާ މިހާރު ބިޓެއްވެސް ސެޓު ނުވޭ...." ކަޔާން ސަމާސާ ރާގަކަށް މިހެން ބުނެލީ ޖެއްސުމަށްކަން އަލީނާއަށް އެނގުނެވެ. "ސީރިއަސްކޮށޭ.... ކަޔާން ބުނި ކޮފީ ޓޭސްޓް ކަމުނުދާ ވާހަކަ....ދެން މިހާރު މީރުވެގެންތަ ތިބޮނީ..." އަލީނާ ގެ އަމާޒު ހުރީ އަދިވެސް ކަޔާން ބޮމުން ގެންދާ ކޮފީތައްޓަށެވެ. އެކަމާ ވިޝާލް ގާތަށް ލާނެއް ހިންޏެއް އަންނަމުން ދިޔައެއްކަމަކު ހިނިގަނޑު ބަނޑަށް ހިންދާލައިގެން މިޝްކާއާ ހަތަރު ކަޅި ހަމަކޮށްލާފަ ނިއްއަރުވާލިއެވެ. މިޝްކާ ވެސް ތުން ފިއްތައިގެން ނުހޭންކުރަމުން ދިޔަ މަސައްކަތް ބަލަން ހުރި ކޮންމެ މީހަކަށް އެނގޭނެއެވެ.
އަނެއްކާވެސް ކަޔާން ކޮފީތަށިން އެތިފޮދެއް ބޯލިއެވެ. އަދި ވާހަކަ ދައްކަން ފެށިއެވެ. "އަލީނާ ތި ދައްކަނީ މީގެ 3 އަހަރު ކުރީގެ ވާހަކައެެއް.... އޭރާ މިހާރާ ވަރަށް ތަފާތުވާނެ ދޯ.... އޭރު ކަމު ނުދާ ކިތަންމެ ކަމެއް މިހާރު ކަޔާން ކުރަމޭ...."
ވާހަކަ އެހިސާބަށް ދިޔައިރު އަލީނާމެން އޯޑަރުކުރި ޖޫސްތަށިތައް މޭޒު ދޮށަށް ވެއިޓަރު ގެނެސްދީފިއެވެ. ބައި ގަޑިއިރުގެ އެ ކޮފީގައި އެތައް ވާހަކަ ތަކެއް ހިއްސާ ކުރަމުން ދިޔަ ނަމަވެސް އެ ކޮފީގައި ދައްކަމުން ދިޔަ ގިނަ ވާހަކަތައް ކަޔާނަށް އަޑު ނީވޭ ކަހަލައެވެ. މިޝްކާ ގާތުގައި އަހަން ޖަމާކޮށްގެން ހުރި ވާހަކަތައް އަހަން ހައްޤުވާ ފަރާތް މިއަދު މި ތަނަށް ހާޒިރުވެފައި އެބަހުއްޓެވެ. ނަމަވެސް އެއިން އެއްވެސް ވާހަކައެއް އަހާކަށެއް ކަޔާނަކަށް ނުކެރުނެވެ. މާޒީގައި އަލީނާ އާއި ކަޔާން ދުރުވާން ދިމާވި މައިގަނޑު ސަބަބު ސިއްރު ކުރެވިފައިވާ އިރު އެ ސަބަބު އޮޅުންފިލުވަން ކަޔާން ކިތަންމެހާ ވެސް ބޭނުމެވެ. އަދިވެސް ކަޔާން އެ އުޅެނީ ލޯބީގެ ގޮތުން އެހެން އަންހެން ކުއްޖަކާއި ގުޅޭނެ ހިތްވަރު ނުލިބިގެންނެެވެ.
އެވަގުތު ވިޝާލް ދައްކަމުން ދިޔަ ވާހަކައަށް މެދުކެނޑުމެއް ގެނުވީ ވިޝާލަށް އައި ފޯނުކޯލެވެ. ވަރަށް އަވަސް އަވަހަށް ތުންޖަހާ އެއްފަހަރުން ކޮފީތަށި ދަމާލުމަށްފަހު ތަށި ބަހައްޓާފައި ދުފަން ގެންސްފައިހުރި ފޯއް ތަބަކުން އެތިކޮޅެއް އަނގަޔަށް ލަމުން ތެދުވެ ފޯނު ޖީބަށް ލިއެވެ. އަދި މޭޒުމަތީގައި އޮތް ތަޅުދަނޑި ފަތި ނަގަމުން ވަރަށް މުހިއްމު ކަމެއްގައި ދާންޖެހިގެން ދަނީއޭ ބުނެލިއެވެ. އެވަގުތު މިޝްކާވެސް ގަޑި ބަލާލަމުން ތެދުވީ ކުއްލިއަށް ކަމެއް ހަނދާންވެގެން ކަހަލަ ގޮތަކަށެވެ. "ހެއި...އަހަރެން އިރުއޮއްސެން ވާއިރަށް ޑިއުޓީއަށް ދާންޖެހޭ.... މަވެސް ތި ދާއިރު ގެއަށް ޑްރޮޕް ކޮށްދީބަލަ..." މިޝްކާގެ އެދުމަށް ބޯޖަހާލަމުން ވިޝާލް އެ ކެފޭއިން ނުކުތުމަށް ހިނގައިގަތީ މިޝްކާއާއި އެކީގައެވެ.
ވެއިޓަރު ބިލް ގެނެސް ދިނުމުން ކަޔާން އެ ބިލަށް ފައިސާ ދެއްކުމަށް އަވަސް ވެގަތެވެ. އެ ވަގުތު އަލީނާ އެނާގެ ފޯނުން މީހަކަށް ގުޅައިގެން ހުރެ ވާހަކަ ދައްކަމުން ދިޔައެވެ. ނަމަވެސް މާޔޫސްވެ ހުރެ ފޯނު ބޭއްވުމަށްފަހު ކަޔާނަށް ބަލާލިއެވެ.
ކަޔާންގެ ހިތަށް ކުރަމުން ދިޔަ އުނދަގޫތަކުން ބައެއްފަހަރު ނޭވާލާން އުނދަގޫ ވާހެންވެސް ހީވެއެވެ. އެހެން ކަމުން އޭނަ ބޭނުންވީ އަވަހަށް އެ ކެފޭއިން ބޭރަށް ނުކުތުމަށެވެ. ކަޔާންގެ ފަހަތުން އަލީނާވެސް ނުކުތެވެ. އަދި ކަޔާނަށް ގޮވާލިއެވެ. "ހެއި ކަޔާން ސައިކެއްވެސް ނުގެންގުޅެންތަ؟.." ކަޔާން ލުއި ހިނތުންވުމަކާއި އެކީ އަލީނާއަށް ޖަވާބުދިނެވެ. "ފަހަތަށް އަރުވާނެ ކުއްޖެއް ނެތޭ.... ސޯ ހިނގާފަ ދިޔުންވެސް މާ ސަޅިވާނެއްނު.... ކިހިނެއްވީ...."
އަލީނާ އެ ސުވާލުކުރިި ސަބަބު އޮޅުން ފިލުވައި ދިނެވެ. "އަސްލު ޑްރޮޕެއް ކޮށްދީފާނަންތޯ އަހާލަންވެގެން މިހެން މި އެހީ.. އެކަމް އޯކޭ... އަހަރެން ހިނގާލާފަ ހިނގައިދާނަން...." އަލީނާ މަޑު ފިޔަވަޅުތަކެއްގައި ބޮޑުތަކުރުފާނު މަގުން ކާނިވަލް ހުރި ފަރާތަށް ހިނގައިގަތެވެ. އަލީނާ އެކަނި ދާތަން ބަލާކަށެއް ކަޔާނަކަށް ނުހުރެވުނެވެ. އެހެން ކަމުން އަލީނާގެ ފަހަތުން ހިނގަމުން މަޑު މަޑުން ދިޔައީ އަލީނާއާ ދައްކާނީ ދެން ކޮންވާހަކައެއްބާއޭ ހިތައް އަރުވަމުންނެވެ. ކާނިވަލް ސަރަހއްދަށް އައިސް އަލީނާގެ ފިޔަވަޅު ބާރުކޮށްލިއެވެ. ކަޔާން އަވަސް ފިޔަވަޅު ތަކެއްގައި އައިސް އަލީނާއާ އެއްވަރުކޮށްލިއެވެ.
"ހެއި ކަޔާން ކޮންތާކަށް...." އަލީނާއަށް ލިބުނު ސިހުމާއި އެކީ އަހާލިއެވެ.
"އަލީނާ އެކަނި ދާތީ.... ޑްރޮޕްކޮށްދޭން... ޔޫނޯ ވަރަށް ނުބައި މީހުން އުޅެޔޭ... މޭބީ އަލީނާ ކިޑްނޭޕްވެސް ކޮށްފާނެއްނު.... އެންޑް ނައު ޔޫއާ ފޭމަސް... ސޯ.." ކަޔާންގެ ޖުމްލަތަކުން އަލީނާ ގާތަށް ހިނިއައެވެ.
"އޯކޭ ބޮޑީ ގާޑް.... މި ދަނީ ބްރިޖް ކައިރިއަށް.... އެކަނި އިޓްސް ބޯރިންގް.... އާދޭ... އައި ޑޯންޓް މައިންޑް.." އަލީނާ ގެ މިސްރާބު ހުރި ދިމާ ހާމަކުރިއެވެ.
ދެމީހުންގެ މެދުގައި ދެކެވުނީ މަދު ވާހަކަ ތަކެކެވެ. ކަޔާން ކިތަންމެ އަހަން ބޭނުންވި ކަމުގައިވީ ނަމަވެސް، ހިތުގައި ބަހައްޓައިގެން ހުރި ވާހަކަތައް އަހާކަށް ނުކެރުނެވެ. ތިން އަހަރަށް ފަހު ދިމާވި ފުރަތަމަ ދުވަހު އެހުރިހާ ޝަކުވާއެއް ކުރާނެ ހިތްވަރު ނުލިބުނީއެވެ.
ކާނިވަލް ސަރަހައްދުގައި ހުރި ހުޅުލެއަށް ދާ ބަސް ސްޓޮޕް ކައިރިއަށް ދެވުމުން، ބަސް ދަތުރު ކުރާ ގަޑި އެނގޭ ގޮތަށް ލިޔެފައިވާ ނޯޓިސް ބޯޑަށް އަލީނާ ބަލާލިއެވެ. އެ ގަޑިތަކަށް ބަލަން ހުރި އަލީނާ އޭނާގެ ފޯނުގެ ޑިސްޕްލޭއަށް ބަލާލުމަށްފަހު ޗޮކެއް ކަނޑާލިއެވެ. "އަދި އެބައޮތް ވިހި މިނިޓު... ދެން މިތާ މަޑުކުރާނީ... އޯކޭ ކަޔާނަށް ލަސްވަންޏާ ދިޔަޔަސް..."
"ހޫމް... ހިނގާ މީނި ސަލްމާން މިސްކިތް ކައިރީ މަޑުކޮށްލަން.... ބަސް އަންނަ ތަން ފެންނާނެ އެތާ ތިބޭ އިރު... ސޯ ވީ ކޭން ވެއިޓް..." އެދިމާއަށް އިޝާރާތް ކުރަމުން ކަޔާން ވާހަކަ ދެއްކިއެވެ. އެ ހިޔާލަށް ތާއީދުކުރަމުން ދެމީހުން އެކީގައި އެ ދިމާއަށް ގޮސް އެތަނުގައި ޖަހާފައި ހުރި ގޮނޑިތަކުން ގޮނޑިއެއްގައި އިށީނެވެ. ހަވީރުގެ ވަގުތެއް ކަމުން އެ ސަރަހއްދުގައި ކުޑަކުދިން ހަރަކާތްތެރިވާ މަންޒަރު ފެނެއެވެ. ދުވަން އައިސް އުޅޭ މީހުންނާއި ހަވީރު ފިންޏަށް ކުޑަކުދިން ގޮވައިގެން ނިކުމެ އުޅޭ މީހުން ވެސް މަދެއްނޫނެވެ.
- ނުނިމޭ -