ލަވަކިޔުންތެރިޔާ އަދި ބޮލީވްޑް ސްޓާ، ވިލް ސްމިތް ޤުރުއާން ކިޔައި ﷲ ގެ ކަލާމްފުލާ ބެހޭގޮތުން ބުނީ އެ ފޮތަށް ވުރެ ދޭހަވާން ފަސޭހަ ފޮތެއް ނެތް ކަމަށެވެ.
މިސްރުގެ ނޫސްވެރިއަކު ހޯސްޓް ކުރި ޕްޑްކާސްޓު 'ބިގް ޓައިމް ޕޮޑްކާސްޓް' ގައި ވާހަކަ ދައްކަމުން ވިލް ސްމިތް ބުނީ، ހުރިހާ އަގީދާތަކެއްގެ މައި ފޮތް މިދިޔަ ރޯދަމަހުގެ ތެރޭގައި ކިޔާފައި ވާ ކަމަށެވެ.
އަދި ޤުރުއާންވެސް އަކުރުން އަކުރަށް ކިޔައިފައި ވާ ކަމަށާއި އެ ފޮތަށް ވުރެ ދޭހަވާން ފަސޭހަ ފޮތެއް ނެތްކަމަށެވެ.
"ކްރިސްޓަލް ކްލިއާ [ބިއްލޫރި ކޮޅެއްހާ ސާފު] އޭގައި އޮތް އެއްޗެއް އޮޅުމުގެ ފުރުސަތު ވަރަށް ކުޑަ، ދޭހަވާން އެހާ ފަސޭހަ އެހެން ފޮތެއް ނުކިޔަން"
ސްމިތް ބުނީ، އެކި އަގީދާތަކުގެ ފޮތްތައް ކިޔަން އޭނާ ޝައުގިވެރިވާ މީގެ 2 އަހަރެއްހާ ދުވަހުގެ ކުރިން ހަޔާތުގައި ދިމާވި ބަނަ ދުވަސްތަކާ ގުޅިގެން ކަމަށެވެ. އޭރު އޭނާއަށް ކުރިމަތިލާން ޖެހުނު އެއް ހިތްދަތިކަމަކީ އެލޮޕީސިއާ ބައްޔެއްގެ ސަބަބުން އޭނާގެ އަންހެނުންގެ ބޮލުން އާދަޔާ ހިލާފަށް އިސްތަށި ފައިބަން ދިމާވުމެވެ.
އެ ހާދިސާ އާ ގުޅިގެން ވިލްގެ ހަޔާތަށް އައި ބަދަލާ ގުޅިގެން އޭނާ އެތައް ޝޯ އެއްގައި ވާހަކަ ދައްކާފައި ވާ އިރު، އެހެން ޝީ އެއްގައި އޭނާ ބުނީ، އިންސާނުންނަށް ދުނިޔެމަތީގައި 2 ފުރުސަތެއް ލިބޭ ކަމަށާއި އެއީ އުމުރުން 50 ގެ ކުރިންނާއި 50 ގެ ފަހުން ލިބޭ ފުރުސަތު ކަމަށެވެ. އޭނާ ބުނީ، އުމުރުން 50 އާ ކައިރިވުމުން އެ ލިބޭ ފުރުސަތަކީ ޒުވާން އުމުރުގައި އުޅެވުނު ގޮތާއި، ހޭދަކުރެވުނު ވަގުތުތަކުގެ މައްޗަށް ވިސްނާ ނަފްސު އިސްލާހު ކުރަން ލިބޭ ވަގުތެއް ކަމަށް އޭނާ ގަބޫލު ކުރާ ކަމަށެވެ. ކޮންމެ މީހެއްގެ ހަޔާތުގައި ވެސް އެކިއެކި ކަންކަން ކުރެވިފައި ހުންނާނެ ކަމަށާއި ނަމަވެސް 45، 50 އަށް އަޅާލީމައި އެލިބޭ ފުރުސަތަކީ ވަރަށް މުހިންމު ފުރުސަތެއް ކަމަށެވެ.
ޕޮޑްކާސްޓް ޝޯ ގައި ސްމިތް އިތުރަށް ބުނީ، އޭނާ ޤުރުއާން ކިޔަމުން ދިޔަ އިރު، މޫސާގެ ފާނުގެ ވާހަކަ ގެނެސްފައި ހުރި ހާދިސާތަކުން ހައިރާންކަން ލިބިގެން ދިޔަ ކަމަށާއި އެއީ އޭނާއަށް ލިބިގެން ދިޔަ ހެޔޮ ފިލާވަޅުތަކެއް ކަމަށެވެ.
ބިގް ޓައިމް ޕޮޑްކާސްޓް ޝޯ އަކީ ސައުދީގައި އޮންނަ ޝޯއެކެވެ.