ގާޒާގެ އެކި ހިސާބުތަކުގައި އުޅޭ ރައްޔިތުންނަށް ދިވެހީންގެ އެހީގައި އިފްތާރް (ރޯދަ ވީއްލާ) ޕެކޭޖް ބަހައިފިއެވެ.

ދިވެހިންގެ އެހީ ގާޒާއަށް ފޯރު ކޮށްދެމުން އަންނަ ދިވެހި ޖަމިއްޔާއެއް ކަމަށްވާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ބުނީ މި ހަފްތާގެ ތެރޭގައި ގާޒާގެ އެކި ސަރަހައްދު ތަކަށް ޖުމްލަ 5000 ޕެކް ބެހުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ގާޒާއަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގައި ކާނެ އެއްޗެއް ނުލިބި، ބަނޑުހައި ހޫނުކަން އިންތިހާއަށް ތަހައްމަލު ކުރަމުންދާ މި ދަނޑިވަޅުގައި ކާނެ އެއްޗެއް ނުލިބި ދުނިޔޭ ދޫކުރާ ތުއްތު ކުދިންނާއި މީހުންގެ އަދަދު ދުވަހަކަށްވުރެ ދުވަހެއް ދަނީ އިތުރު ވަމުންނެވެ.

އިޒްރޭލުން ގާޒާއަށް އެހީ ވެއްދުމަށް ހުރަސް އެޅުމުގެ ސަބަބުން ގިނަ އެހީގެ ޓްރަކުތަކަށް ވަނީ ގާޒާއަށް ނުވަދެވި ބޯޑަރުގެ އަނެއް ފަރާތުގައި މަޑުކުރަން ޖެހިފައެވެ.

އެއާއެކު ގާޒާގައި ބަނޑުހައިހޫނުކަން އިންތިހާއަށް ފެތުރިފައިވީ ނަމަވެސް ގާޒާއަށް އެހީ ހިފައިގެން ދާ އުޅަނދުތައް ކައިރިއަށް އެއްވާ މީހުންނަށް އަމާޒުކޮށް އަނިޔާވެރި އިޒްރޭލުގެ ސިފައިން ދަނީ ކޮންމެ ދުވަހަކު ހަމަލާތައް ދެމުންނެވެ. މީގެ ކުރިން ޖަބަލިއާ ރެފިއުޖީ ކޭމްޕްގައި ޑިސްޓްރިބިއުޝަން ފުޑް ޕޮއިންޓަކަށް ވެސް ޔަހޫދީން ހަމަލާދީ ހަލާކުކޮށްލިއެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ 31،923 މީހުން ޝަހީދުވެ 74،096 މީހުން ވަނީ ޒަހަމްވެފައެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިހަނގުރާމައިގެ ތެރޭގައި މަރުވި އިސްރާއީލް މީހުންގެ އަދަދު އުޅެނީ 1،139 ގައެވެ. ނަމަވެސް 8،730 މީހަކަށް ވަނީ ސީރިއަސް ޒަހަމްތަކެއް ވެފައެވެ.