ނޭވާ ލާން ކަޔާނަށް ވަރަށް އުނދަގޫ ވިއެވެ. ހާސްވެ މުޅި މީހާ ހުރީ ދަލުން ތެމި ފޯވެފައެވެ. ގަސްތަކުގެ ތެރެއިން ދުވަމުން ނުކުންނަން މަސައްކަތް ކުރަމުން ދިޔައެވެ. ކަޔާންގެ ފަހަތުން އެ އަލިގުޅައައީ ވަރަށް ހަލުވި ބާރުމިނެއްގައެވެ. މަންޒިލާ ވަރަށް ގާތްވެއްޖެއެވެ. އޭރު ގަސްތަކުގެ ތެރެއިން ކަޔާނަށް ނިކުމެވެނީއެވެ. އަލިގަނޑު ވީ ހިސާބެއް ބެލުމަށް ފަހަތަށް ބަލާލެވުނެވެ. ނަމަވެސް ދެން ކުރިޔަށް އެޅިފިޔަވަޅު އަޅައިގަތީ ގަހެއްގެ މޫގަނޑުގައެވެ. ދޮންވެލިގަނޑު މައްޗަށް އަގަވަތަށް ކަޔާން ވެއްޓުނެވެ.

ވީތަދުން އަނގަމަތީ ފިރުމަމުން ލޯހުޅުވާލީ އަލިގަނޑު ހުރި ހިސާބެއް ބަލާލުމަށެވެ. ލޮލަށް އެޅެމުންއައި އިރުގެ ދޯދިތަކުން ލޯ ހުޅުވަން އުނދަގޫވިއެވެ. އެހެންވެ ދެ ލޮލަށް ރޫއަރުވާލައިގެން ކުޑަކޮށްލަމުން ބަލާލިއިރު ދާދި ގާތުގަ މިހުރީ ކަޔާންގެ ކޮއްކޮ ކައިސަނެވެ. އެގާރަ އަހަރުގެ ކައިސަން އައިސް އެހުރީ ހުކުރަށް ދާން ހޭނުލާތީ ކަޔާނަށް ގޮވާށެވެ. ނިދީގައި އޮވެ ކަޔާނަށް ހޭލެވުނީ އެނދުން ވެއްޓުނީމައެވެ. ހެމުން ހެމުން އެ ކޮޓަރިން ނުކުމެގެން ކައިސަން ދިޔައީ ދޮންބެއާ ދިމާކުރަމުންނެވެ.

ކަޔާން ގަޑި ބަލާލިއިރު އޭރު ގަޑިން ހެނދުނު ދިހަގަޑި ބައި ވަނީއެވެ. އެނދުކައިރީ ހުރި ކުޑަދޮރުގެ ދޮރުފޮތި ދަމާލީ ކޮޓަރިއަށް ވަންނަމުން ދިޔަ އަވިން ހިޔާވުމަށެވެ. ރޭގަ ކިޔަން ގެންގުޅުނު ވާހަކަފޮތް އޭރުވެސް އެނދުމަތީގައި އޮތެވެ. ރޭގަ އެވާހަކަފޮތް ކިޔަން އޮއްވާ ނިދުނީކަން އެހިސާބުން ކަޔާނަށް އެނގުނެވެ. އަދި އެ ފެނުުނީ ބިރުވެރި ހުވަފެނެއްކަން އެނގުމުން ހިތަށް ހަމަޖެހުމެއް ވެރިވެގެން ދިޔައެވެ. މޯޅިއަކަށް ދެމިލުމަށްފަހު ފާހާނައަށް ދިޔައީ އަވަހަށް ފެންވަރާލައިގެން ހުކުރަށް ދާށެވެ.

ފެންވެރުމަށްފަހު ކަނޑު ނޫކުކުލައިގެ ގަމީހަކާއި އައިސްބްލޫ ޖިންސެއް ލައިގެން ގަމީހުގެ އަތުކުރި އޮޅަމުން ކޮޓަރިން ބޭރަށް ނުކުތެވެ. ސިޓީންް ރޫމާ އަރާ ހަމަވިތަނުން މަރީޝާ ބަދިގެ ތެރެއިން ނިކުމެ ކަޔާނަށް ގޮވާލީ މޭޒު މައްޗަށް ސައި ހެދުމަށްފަހު ސައިބޯން އައުމަށެވެ. ކަޔާން ކާމޭޒު ދޮށުގައި އިށީންއިރު ކަޔާންގެ ބައްޕަ ހަމްދުﷲ، ކައިސަން ގޮވައިގެން ހުކުރަށް ދިޔުމަށް މައި ދޮރާށިން ބޭރަށް ނިކުތެވެ.

ރޮއްޓާއި ބޭކަޑް ބީންސް ޖައްސައިގެން ކާން ހުރި ކަޔާނަށް ބަލަން ހުރި މަރީޝާ ސުވާލުކޮށްލިއެވެ. "ކަޔާން، ކީއްވެތަ އެހާ ލަސްވަންދެން ހޭލާ ހުންނަނީ؟... ޒިންމާދާރު ވާންޖެހޭނެ ދޯ.... އަބަދުވެސް ބައްޕަ ބޭނުންވަނީ ހުކުރު ދުވަހަކީ އާއިލީ ދުވަހަކަށް ހަދަން.... ހެނދުނުގެ ސައިން ފެށިގެން ރޭގަނޑުގެ ކެއުމުގެ ވަގުތާ ހަމަޔަށް އާއިލާ އެކީގައި ވަގުތު ހޭދަކުރަން ބޭނުންވާކަން ކަޔާނަށް އެނގޭނު.."

އަވަހަށް ސައިތަށި ބޯލުމަށްފަހު ސިންކު ދޮށުން އަތް ދޮވެލައިގެން ކޮޓަރިއާ ދިމާލަށް ކަޔާން މިސްރާބުޖެހީ ރައްދުގައި އެއްވެސް އެއްޗެކޭ ނުބުނެ ހުރެއެވެ. ކޮޓަރިއަށް ވަދެ ރީތި ވެގެން ހުކުރަށް ދާން ގެއިން ނިކުމެގެން ދިޔައީ ފުރަތަމަ ޚުތުބާ ކިޔަން ފެށި ފަހުންނެވެ.

*** *** *** *** *** ***

މެންދުރުގެ ކެއުމަށް ތައްޔާރު ކޮށްފައިވަނީ ހަމްދުﷲއަށް އެންމެ ކަމުދާ ކުކުޅު ބިރިޔާނީއެވެ. ކާ މޭޒު ދޮށުގައި ކަޔާން ހުރީ ކެއުމާ އެހާ ގަޔާވެފައެއް ނޫނެވެ. މިކަން ކަޔާނުގެ ބައްޕައަށް ފާހަގަވުމުން ސުވާލުކޮށްލިއެވެ. "ކަޔާން، ބަލީތަ؟ ކިހިނެއްވެފަ ތި ހުންނަނީ...." ކަޔާން އަވަސްއަވަހަށް ބިރިޔާނީ ސަމުސަލެއް އަނގަޔަށް ލިއެވެ. "ބައްޕާ... އަޅުގަނޑު ރަނގަޅު.. ރޭގަ މަސައްކަތެއް ކުރަން ހޭލާ ހުރީމަ އަދިވެސް ނިދިއައިއްސަ މިހުރީ..."

މެންދުރުގެ ކެއުމަށް ފަހު ސިޓިންގް ރޫމުގައި ހުރި ބޮޑު ޓީވީގެ ދަށުގައި ކަޔާން އިށީނީ ކައިސަނާއެކު ގޭމު ކުޅޭށެވެ. ކައިސަނާއެކު ކަޔާނަށް ވަގުތު ހޭދަކުރަން ލިބޭ ދުވަހަކަށް ވަނީ ހަފްތާ ބަންދަށް ލިބޭ ދެ ދުވަހެވެ. ކަޔާންމެން ގޭމް ކުޅެން ތިބީ ސިޓިންގް ރޫމްގައި އަޅާފައިވާ ކާޕެޓެއްގެ މަތީގައެވެ. ކައިސަނަށް ތަރުހީބުދޭން ހަމްދުﷲ އިނީ ސޯފާގައި އިށީިނދެގެންނެވެ.

ކަޔާންގެ ކޮޓަރި ފޮޅާ ސާފުކުރަން މަރީޝާ އެކޮޓަރިއަށް ވަނެވެ. އާންމު ގޮތެއްގައި ކަޔާނުގެ ކޮޓަރީގެ ހުރިހާ އެއްޗެއް ހުންނަނީ ވަރަށް ތަރުތީބުކޮށެވެ. ނަމަވެސް ފަހަކަށް އައިސް ކޮޓަރީގައި ތަރުތީބެއް ނެތި އެއްޗެތި ބަހައްޓާފައި ހުންނަކަން މަރީޝާއަށް ފާހަގަވިއެވެ. އެނދުފޮޅަން މަސައްކަތް ކުރި ވަގުތު ދިވެހި ވާހަކަފޮތެއް މަރީޝާގެ ލޮލުގައި އަޅައިގަތެވެ. މަރީޝާއަށް ލިބުނީ ހައިރާންކަމެކެވެ. ކަޔާނަކީ އެއްވެސް އިރަކު ދިވެހި ވާހަކަ ކިޔުމަށް ޝައުޤުވެރިކަން ހުންނަ ކުއްޖަކަށް ނުވާތީއެވެ. ވާހަކަ ފޮތުގެ ނަން ކިޔާލުމަށްފަހު ފޮތުގެ ފަހަތުކޮޅުން ގަނޑެއް ހުޅުވާލިއެވެ.

*** *** *** *** *** ***

"ގަހުގެ ގޮފިތައް ވައިގެ ގަދަ ހަމަލާއަށް ކެތް ނުވެގެން ހޫރެމުން ދާއިރު ހީވަނީ މޫގަނޑު ބިމުން ލުހިގެން ވަޔާ ހިނގައިދާނެ ހެންނެވެ. ޝިފާނަށް ފުންމައިގެން ގޮސް ކޮޅަށް ތެދުވެވުނީ ކުއްލިއަކަށް އިވުނު އަންހެނެއްގެ ވޭނީ ރުއިމުގެ އަޑަށެވެ.

ޝިފާންގެ ގާތުގައި އޭނާގެ އަންހެނުން އޭރު އޮތީ ފުން ނިންޖަކުން ނިދާފައެވެ. އެހެން ކަމުން ޝިފާން ބޭނުންވީ އޭނާގެ އަންހެނުންނަށް އުނދަގޫ ނުކުރުމަށެވެ. އެނދުގައި އިށީނދެގެން އަޖައިބުވެ ބަލަން ހުރެވުނީ ކޮޓަރީގެ ކުޑަ ދޮރާ ދިމާލަށެވެ. ޝިފާން ނިދަން އައުމުގެ ކުރިން އޭނާ އައީ ކުޑަދޮރު ލައްޕާ ކުޑަދޮރުގެ ފަރުދާވެސް ކަހާފައެވެ. ނަމަވެސް އެނދާ ކުރިމައްޗަށް ވާގޮތަށް ހުރި ކުޑަދޮރުވަނީ ހުޅުވިފައެވެ. ވައިރޯޅި ބާރުކަމުން ކުޑަ ދޮރުގައިވާ ފަރުދާތައްވެސް އުކައިލައިފާނެހެން ހީވާހާ ބާރު މިރޭގެ ތޫފާނުގައި ގަދައެވެ.

އަވަސް ފިޔަވަޅުތަކެއްގައި ތެދުވެގެން ގޮސް އެ ކުޑަދޮރު ލައްޕަން މަސައްކަތް ކުރަން ޝިފާން އުޅުނު ވަގުތު އެގޭގެ ބަގީޗާތެރޭގައި އަންހެނަކު ހުރިހެން ހީވިއެވެ. އޭނާ ހުރީ ޝިފާނާ ދިމާލަށް ބަލަހައްޓައިގެންކަން އެނގުނީ ވިދާލި ވިދުވަރުގެ އަލި އޭނާގެ މޫނަށް އެޅުމުންނެވެ.

ޖެހެމުން ދިޔަ ވައިރޯޅީގެ ގޯނާތަކަށް ހާވާލާފައިވާ ޒީކްގެ އިސްތަށިގަނޑު އެކި ގޮތްގޮތަށް އުދުހެން ފެށިއެވެ. އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ ރުޅިވެރިކަމެވެ. ލޮލުން އަލިފާންކަނި ބުރާހެންވެސް ހީވިއެވެ.

ޝިފާން އަވަސްއަވަހަށް ކުޑަދޮރު ލައްޕާލިއެވެ. އަދި ކުޑަދޮރުގެ ފަރުދާ ކަހާލައި ފަސްދީ އެނބުރުމަށްފަހު އެނދާދިމާލަށްދާން ހިނގައިގަތެވެ. އެނދުގައި އިށީނދެ ސައިޑް ޓޭބަލް މަތީގައި ހުރި ފެންފުޅި ނަގާ އެއިން ފެންފޮދެއް ބޯލިއެވެ. ޝިފާން ހުރީ ޖެހިލުން ވެފައެވެ. އޭނާގެ އަތުގެ އިނގިލިތައް ތުރުތުރު އަޅާވަރުންވެސް އެކަން ދޭހަކޮށްދެއެވެ. އަނބުރާ ސައިޑް ޓޭބަލް މަތީ ފެންފުޅި ބެހެއްޓުމަށްފަހު އެނުދުގައި އޮށޯވެލިއެވެ. ގައިމަތީގައި ރަޖާގަނޑު އަޅާލުމަށްފަހު ފުންނޭވާއެއް ދޫކޮށްލީ އެ ޚިޔާލުތަކުން ދުރުހެލިވެ ނިދާލެވޭތޯއެވެ.

ކައިރީގައި އޮތް އޭނާގެ އަންހެނުން އެނބުރި ލުމަށްފަހު އޭނާގެ ގައިމަތީގައި އަތްބާއްވާލުމުން ނިދާކަމަށް ހަދާ ޝިފާން ދެލޯ ބާރުކޮށްލައިގެން އޮތީއެވެ. މިހެން އޮއްވާ ދެން އިވުނީ ކަންފަތް ދޮށުގައި ވައިއަޑުން ގޮވާލި އަޑެވެ. "ޝިފާން......." ސިއްސައިގެންގޮސް ލޯހުޅުވާލެވުނު އިރު ޝިފާނުގެ ގައިމައްޗަށް އަރާ މިއޮތީ ޒީކެވެ. ހޭވިފައިވާ އޭނާގެ އިސްތަށިގަނޑުގައި ތެތްކަމެއް ހުއްޓެވެ. އެެ އިސްތަށިގަނޑުން ފައިބަމުން ދިޔަ ފެންތިކިތައް ޝިފާންގެ ހަށިގަނޑު މައްޗަށް ޖަހަމުން ދިޔައެވެ. ތެމިގެންގޮސް ގައިގާ ތަތްވެފައިވާ ހުދު ކުލައިގެ ތުނި ހެދުމެއްގައި އިން ޒީކްގެ މޫނުމަތީގެ ދެ ދިމާލެއް ވަނީ ޒަޚަމްވެފައެވެ. ބުމަ މަތިވަނީ ފަޅައިގެން ގޮސްފައެވެ. ލޯކައިރިވަނީ ވަޅުވަދެ ވަށައިގެން ކަޅުވެފައެވެ. ގައިގެ ހަންގަނޑު ހޫރީ ރޫޖެހި ހުދުވެފައެވެ. ހީވަނީ ގައިން ލޭ މަދުވެފައި ހުރިހެންނެވެ. ހިކިގެން ހަނގަނޑު ދޫވެފައި ހުރިހެންނެވެ.

ހަށިގަނޑަށް ހަރާކާތެއް ގެންނަން ޝިފާން މަސައްކަތް ކުރި ނަމަވެސް އަތާއި ފައިގެ ހަރަކާތް ވަނީ ހުއްޓިފައެވެ. ޝިފާން ގާތުގައި އޭނާގެ އަންހެނުން އަދިވެސް އޮތީ ފުން ނިންޖަކުން ނިދާފައެވެ. ހަށިގަނޑުގެ އެއްވެސް ގުނަވަނެއް ހަލުވާ ނުލެވި ނިކަމެތި ކަންމަތީގައި އޮންނަން ޝިފާނަށް މަޖުބޫރުވިއެވެ. އޭރު އޭނާގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ ފައިބަމުން ދިޔައެވެ. ހަޅޭލަވަން ޝިފާން އަނގަހުޅުވާ ދެ ލޯ ބޮޑު ކޮށްލުމުން ޒީކް އޭނާގެ މޫނު ޝިފާންގެ މޫނާ ގާތްކޮށްލަމުން ހަށިގަނޑު މައްޗަށް ގުދުވިއެވެ. ޒީކްވެސް ޝިފާނެކޭ އެއްގޮތަށް ތަންމިނަށް އަނގަ ހުޅުވާލިއެވެ. ޒީކްގެ އަނގައިން ނުކުތް ހަޅޭކުގެ ތޫނު އަޑުން ޝިފާންއަށް ލޯމަރާލެވުނެވެ. ހީވީ ކަންފަތް ފަޅައިގެން ގޮސްދާނެ ހެންނެވެ. *** *** *** *** ***

ސިއްސައިގެން ދިޔުުމުން މަރީޝާގެ އަތުގައިވާ ފޮތް ނަގާ އަތުކޮޅަށް ހޫރާލެވުނީ ބޭއިޚްތިޔާރުގައެވެ. ޗާރޖަށް ޖަހާފައިވާ ކަޔާންގެ ފޯނު ރިންގްވާން ފެށުމުން މަރީޝާ ސިހުނީއެވެ. އެ ފޯނު ހިފައިގެން މަރީޝާ ސިޓިންގް ރޫމަށް ނިކުމެ ކަޔާނަށް ދިއްކޮށްލިއެވެ. އޭރުވެސް މަރީޝާ ހުރީ ފުދޭ ވަރަކަށް ޖެހިލުން ވެފައެވެ. މަރީޝާގެ މޫނުމަތިން ފެންނަމުން ދިޔަ ހިތްހަމަ ނުޖެހުމުގެ ކުލަވަރުތަކުން ހަމްދުﷲ އަހާލިއެވެ. "ކިހިނެއްވީ.... ހާދަ ރުޅި އައިސްފަ.."

"ހޫންންން.... މި ކަޔާން ފޯނަށް ލާފަ ހުރި ރިންގް ޓޯނެއް... އެޔަށްވުރެ ތާހިރު އެއްޗެއް ލާކަށް ނޭގުނުތަ؟ މަ ދިޔައީ ސިއްސައިގެން.... އަޑުވެސް ބާރޭ..... ހީވީ ސްޕީކަރެއްގެ ބުޑުގައި ހުރެވުނުހެން....." މަރީޝާ ވާހަކަ ދެއްކީ ރުޅިވެރި މޫނެއް ދައްކަމުންނެވެ. ސިޓިންގްރޫމްގައި ތިބި އެންމެނަށް ހެވެން ފެށުނީ މަރީޝާއަށް ވީ ގޮތް އެނގުމުންނެވެ.

ޖޮއިސްޓިކް ބައްޕަ އަތަށް ދިނުމަށްފަހު ފޯނުން ވާހަކަ ދައްކަމުން ކޮޓަރިޔާއި ދިމާލަށް ކަޔާން ހިނގައިގަތީ މަންމައަށް ވެފައި ހުރި ގޮތް ފެނި އެކަމާ ހިނިއައިސް ހުރެގެންނެވެ.

"ހެއި ހިނގާ ކޮފީއަކަށް ދާން... މިޝްކާވެސް އަންނާނަމޯ ބުނި... ލެޓްސް މީޓް ދޯ...." ވިޝާލް ގެ ދައުވަތު ކަޔާން ބަލައިގަތީ ވަރަށް އުފަލުން ހުރެއެވެ. ސަބަބަކީ މިޝްކާއާ ހިއްސާ ކުރަން ބޭނުންވާ ކިތަންމެ ވާހަކައެއް ހުރީމައެވެ.

ކަނދުރާޔާއި ހަމައަށް އަންނަ ކަޔާންގެ އިސްތަށިގަނޑު އޮމާން ކޮށްލިއެވެ. މީރުވަސް ދުވާ ފިރިހެން ސެންޓެއް ޖަހާލުމަށްފަހު ކޮޓަރިން ނިކުމެ މަންމައާއި ބައްޕަ ގާތުގައި ވިޝާލާއެކު ބޭރަށް ދާ ވާހަކަ ބުނުމަށްފަހު ގެއިން ނުކުތުމަށް ހިނގައިގަތެވެ.

ކައިސަން އެކަމާ ވަރަށް ހިތްހަމަ ނުޖެހުނެވެ. ތުންގަނޑު ދަމައިގެން އޭނާގެ ދޮންބެއަށް ބަލަން ހުރިތަން ފެނުމުން މަރީޝާ ގާތު ރީތިވެގެން ބޭރަށްދާން ތައްޔާރުވުމަށް ހަމްދުﷲ އެދުނެވެ. އެ ނިންމުމަށް ކައިސަން ވަރަށް އުފާވިއެވެ. އަވަހަށް ގޭމް ނިއްވާލާ ޖޮއިސްޓިކްތައް ނެގުމަށްފަހު ކޮޓަރިއަށް ދިޔައީ ރީތިވާށެވެ.

ކަޔާން ގެއިން ނުކުތުމުން މަރީޝާ އަނބުރާ އެ ކޮޓަރިއަށް ދިޔައީ އެކޮޓަރި ސާފު ކޮށްލުމަށްށެވެ. ކޮޓަރީގައި ހުރި ހުރިހާ އެއްޗެއް ތަރުތީބު ކުރުމަށްފަހު ކަޔާންގެ ދާވެފައިވާ ހެދުންތައް ހިފައިގެން ނުކުންނަމުން އެ ވާހަކަފޮތް އެ ކޮޓަރީގައި ހުރި ފޮތް ބަހައްޓާ ހަރު މަތީ ބާވާފައި ކޮޓަރިން ނުކުތެވެ. އަދި ހިތާހިތުން ބުނެލިއެވެ. "ކޮންކަހަލަ ބިރުވެރި ވާހަކައެއްތަ؟ މިރޭ ނުވެސް ނިދޭނެ ތޯއްޗެ... ކިޔުނު މޮޔަ ހިތަށް އަރާ..."

- ނުނިމޭ -