ދެމީހުން އެކީގައި ގޮނޑުދޮށަށް ފައިބައިގެން ދިޔައެވެ. މަޒީންގެ އަތުން ދޫކޮށްލުމަށްފަހު މޫދުގެ ލޮނުގަނޑާ ދިމާލަށް ޒީކް ދުއްވައިގަތެވެ. ފައިވާން ނަގާ އަތަށް ލައިގެން ހުރެ ހުސްފައިގައި މޫދުގެ ރާޅު ޖަހާ ހިސާބަށް ފޭބިއެވެ. މޫދުގެ ލޮނުގަނޑުގައި ރެދަންލާފައިވާ މަންޒަރަށް ބަލަންހުރީ އަޖައިބުވެ ހުރެއެވެ. ގޮނޑުދޮށަށް ބީއްސަމުންދިޔަ ލޮނުގަނޑުގެ ތެރެއިން ނޫކުލައާއި ދަނބުކުލައިގެ ރިހި ވިދުމެއް އެކުލެވޭ ގޮތަށް ރެދަން ލާފައިހުއްޓެވެ.
"އަޅޭ... ވަރަށް ރީތީ.... ހަމަލޮލުން މިމަންޒަރު ދެކިލަން އަހަރެން އަބަދުވެސް ވަރަށް ބޭނުން ވެފައި ހުރީ..... ވާއު... އިޓްސް ސޯ ބިއުޓިފުލް....." ޒީކް އުފަލުންގޮސް މަޒީންގެ އަތުގައި ހިފައިގެންހުރެ ވާހަކަ ދެއްކީ ކުޑަކުއްޖަކު ފަދައިންނެވެ.
މޫދުގެ ރާޅުޖަހާ ހިސާބުން ދެމީހުން އެކީގައި ހުސްފައިގައި ހިނގަމުން ދިޔައީ އެކި ވާހަކަތައް ހިއްސާ ކުރަމުންނެވެ. މަޑު ފިޔަވަޅުތަކުގައި ހިމުން ދޮން ވެލިގަނޑު މަތީގައި ހިނގަމުން ގޮސް ރާޅު ނުޖަހާ ހިސާބުގައި ދެމީހުން އިށީނެވެ. މުޅި ގޮނޑުދޮށުން ވަށައިގެން ފެންނަމުން ދިޔައީ ރެދަންލާފައިވާ މަންޒަރެވެ. ދެމީހުން ވާހަކައިގައި ތިބެ އެ ދޮން ވެލިގަނޑު މަތީ އޮށޯވެލިއެވެ.
އުޑުމަތިން ފެންނަމުން ދިޔަ އެތަކެއްހާސް ތަރިތަކަށް ބަލަން ތިބެވުނީ ކިހާއިރެއް ވަންދެން ކަން އެމީހުންނަކަށް ނޭނގުނެވެ. ތަރިތަކުން ދެމީހުންނަށް އެކަކު އަނެކަކުގެ ނަމުގެ އަކުރު ފާޅުވާހެންވެސް ހީވިއެވެ. ސާދަ ވިލޭރޭގެ ފުރިހަމަ ހަނދު ފާޅުވަމުން ދިޔައީ ހިތެއްގެ ބައްޓަމަށްހެން ހީވާ ފަހަރުވެސް އާދެއެވެ.
މި ހިތްފަސޭހަ ޤުދުރަތީ މާހައުލުގައި ދެމީހުން އެކި ވާހަކަތަކުގެ ތެރޭގައި ތިއްބާ ޒީކަށް ފެނުނީ ދުންތަރިއެއް ދިޔަ މަންޒަރެވެ. މަޒީނަށް އެ ތަރި ދައްކާލުމަށް އަތުގެ އިނގިލިން އެ ދިމާލަށް އިޝާރާތް ކޮށްލަމުން ޒީކް ބުނެލިއެވެ. "ބަލާ... ޝޫޓިންގް ސްޓަރ..."
އުޑު މައްޗަށް ބަލަން އޮށޯވެގެން އޮތް މަޒީން ފުންމައިގެން ތެދުވެ ލޯއުނގުޅަން ފެށުމުން ޒީކް އަހާލިއެވެ. "ކިހިނެއްވީ.... ވެލި ކޮޅެއްދޯ... ސޮރީ.. ދައްކަބަލަ..." ޒީކް ދުންތަރި ދައްކަން ނެގި އަތުން ބުރައިގެން ދިޔަ ވެލިކޮޅެއް އެޅުނީކަން އެނގި ޒީކް ހުރީ ވަރަށް ދެރަވެފައެވެ.
މަޒީން މޫނުގައި ދެއަތުން ހިފާ ޒީކްގެ މޫނާމޫނު ގާތް ކޮށްލިއެވެ. ބޮޑުވައި އިނގިލިން ބުމަދަށުގައި ޖައްސާލަމުން މަޒީންގެ ލޯ ބޮޑުކޮށް ހުޅުވާލަމުން ލޮލުގެ ތެރެއަށް އަނގައިން ފުމެލިއެވެ. އޭރު މަޒީންގެ ކަޅި އަމާޒުވެފައި ވަނީ ޒީކްގެ ތުންފަތަށެވެ. އެ ފިޔާތޮށި ބޮޑު ތުންފަތުގެ ފުރިހަމަ ބައްޓަމަށެވެ. ޒީކް ފުމެލުމުން އޭނާގެ ހޫނު ނޭވާއިން މަޒީނަށް ދުވީ މީރު ތާޒާ ވަހެކެވެ. ގެއްލިފައި ހުރި މަޒީނަށް ސިހުމެއް ލިބުނީ ޒީކް އޭނާގެ ކޮލުގައި ހިފާލުމުންނެވެ.
"އޯކޭތަ؟..." ރަނގަޅޭ ބުނުމުގެ ގޮތުން މަޒީން ބޯޖަހާލިއެވެ.
"އަސްލު ކޯއްޗެއްތަ މަށަށް ދައްކަން އުޅުނީ" މަޒީންގެ ލޮލުން އައިސްފައިވާ ކަރުނަތައް ޓީޝާޓުގެ ކަރުވަޅުން ފޮހެލަމުން އަހާލިއެވެ.
"ވަރަށް ލޯބި.... ޝޫޓިންގް ސްޓަރ އެއް... އެހެންލާފަ ދިޔައީ..." ޒީކް އަތުގެ އިޝާރާތުން އެދިމާ ދައްކަމުން ބުނެލިއެވެ.
ހިނިތުން ވުމަކާއި އެކީ ހުރެ އަތުގައިވާ މަޒީންގެ ފޯނު ނެގުމަށްފަހު ލަވައެއް ޖަހާލިއެވެ. އެ ލަވައިގެ މިޔުޒިކް ފެއްޓި އިރުވެސް ޒީކަށް އެއީ ކޮން ލަވައެއް ކަމެއް ނޭނގުނެވެ.
"ކޮން މުސްކުޅި ލަވައެއް ތި ޖަހަނީ... އައި ހޭޓް ދިވެހި ސޯންގްސް... ނިކަން ރޮމޭންޓިކް އިނގިރޭސި ލަވައެއް ޖަހާލަބަލަ...." ޒީކަށް އެ ލަވަ ނޭނގޭތީ އެހެން ލަވައެއް ޖެހުމަށް އެދުނެވެ.
"މަޑުކޮށްބަލަ.... އެއްފަހަރަވެސް މިލަވައިގެ ލިރިކްސް އަޑު އަހައިފިއްޔާ ބުނާނެ ހަމަ ވާއު އޭ...." މަޒީން ލަވައިގެ އެއްބައި ދުއްވާލުމަށް ފަހު ލަވައިގެ ބައެއްޖަހާލިއެވެ. އަދި ފޯނުގެ އަރިމަތީގައިވާ ފިތުން ލަވައިގެ އަޑު ބާރުކޮށްލިއެވެ. އަޑުއަހަން ހުރި ޒީކްގެ އަތަށް މަޒީންގެ ފޯނު ދިއްކޮށްލިއެވެ.
{ދެކޭށޭ ހަނދާ ރީތި ތަރިތައް.... ޔަގީނޭ މިތަން ހޯދަނީއޭ.... ސިއްރެއް ބުނަންހޭ.... މަށަށް ހާދަ ރީއްޗޭ... ރަކިވީ ހެއްޔޭ ދެލޯ ތިޔަ މަރާލީ... ނިދީގާވެސް ނުދެކެން ތިވަރު... ކިޔާދޭނީ ދެން ކީކޭ ބާ.... މޫނޭ ތިއީ ހިތްއެދޭ...}
ލަވައިގައި ކިޔަމުން ދިޔަ ބަސްތަކަކީ ޒީކަށް ހާއްސަކޮށް މަޒީންގެ ދުލުން ކިޔަމުންދިޔަ އިބާރާތްތަކެއް ހީވިއެވެ. ލަވަ ނިމެންދެން އަޑުއަހަން ޒީކަށް އިނދެވުނީ ލަވައިގެ ތެރެއަށް ގެއްލިފައެވެ. އެ ލަވަ ނިމުމާއެކީ މަޒީންގެ ޖީބުގައިވާ ވާ ފޯނެއް ރިންގުވިއެވެ. ޒީކަށް މަޒީނާ ދިމާލަށް ބަލާލެވުނީީ ވަނުވާ ނޭނގި ހުރެއެވެ. މަޒީންގެ ފޯނު ޒީކްގެ އަތުގައި އޮތްއިރު މިހާރު އެ ރިންގުވަނީ ކޮންފޯނެއް ބާއޭ ހިތަށް އެރިއެވެ. މަޒީންގެ ޖީބުން ނެގީ ވަރަށް އާދައިގެ ފޯނެކެވެ. ޑިސްޕްލޭއަށް ބަލާލުމަށްފަހު ރިންގު ކަނޑާލުމަށްފަހު އަނބުރާ ޖީބަށް ފޯނު ލިއެވެ. އަދި ހިނިތުންވުމަކާއި އެކީ ޒީކް ގާތަށް އައިސް ހުއްޓިލިއެވެ. "ސިއްރެއް ބުނަންތަ؟.." ޒީކް ހިނިތުން ވެލުމަށް ފަހު ބުމަ އަރުވާލިއެވެ. ޒީކްގެ ކަންފަތް ދަށަށް ގުދުވެލާފައި ވައިއަޑުން މަޒީން ބުނެލިއެވެ. "މަށަށް ހާދަ ރީއްޗޭ!...."
ލަދުން މަޒީނަށް ފުރަގަސް ދިނުމަށްފަހު މޫދަށް ނަޒަރު ހުއްޓާލައިގެން ޒީކަށް ހުރެވުނީއެވެ. ޒީކްގެ ކޮނޑުގައި ހިފާލަމުން މަޒީން ސުވާލުކޮށްލިއެވެ. "ލަދުގަތީތަ؟.... އަސްލުވެސް ޒީކް ވަރަށް ރީތި.. އަހަރެން....." ޖުމްލަ ފުރިހަމަ ނުކުރެވެނީސް މަޒީންގެ ޖީބުގައިވާ ފޯނު ދެވަނަ ފަހަރަށް ރިންގުވާން ފެށިއެވެ. މިފަހަރު މަޒީން އެފޯނުގެ ޑިސްޕްލޭއަށް ބަލާލި ވަގުތު ޒީކް އަހާލިއެވެ. "ކާކު އެހާވަރަށް އެ ގުޅަނީ.... މަޒީން ދެ ފޯނު ގެންގުޅެންތަ؟"
"އާން... މީ މަގޭ ޕްރީޕެއިޑް ނަންބަރ... މަންމަ އެ ގުޅަނީ..." މަޒީން ޖަވާބުދިނެވެ.
"އަވަހަށް ފޯނު ނަގާ... އަހަރެން ހުރީމަދޯ... އޯކޭ... އަހަރެން މި ފޯނުން ލަވަ ޖަހައިގެން ހުންނާނަން... މަޒީން ކޯލް ނިންމާލާފަ އާދެބަލަ...." ޒީކް މިހެން ބުނެ މަޒީންގެ އައި ފޯނުން ލަވަ ޖަހައިގެން ގޮނޑުދޮށުގެ ރާޅު ޖަހާހިސާބަށް ފޭބިއެވެ.
މަޒީން އޭނާގެ މަންމައާއި ފޯނުން ވާހަކަ ދައްކަމުން މަޑު ފިޔަވަޅުތަކެއްގައި ހިނގަމުން ކުޑަ ތަންކޮޅެއް ދުރަށް ޖެހިލިއެވެ. ޒީކަށް ހުރެވުނީ ރެދަން ލާފައިވާ ދިމާލަށް ނަޒަރު ހުއްޓައިގެންނެވެ. ފައިތިލައިގައި ބީއްސަމުން އައި ލޮނުގަނޑުން ރެންދަންތައް ޒީކްގެ ފައިގައި ހަރުލާފައި ހުރިތަން ފެނުމުން ޒީކަށް އެކަން ވީ އާކަމަކަށެވެ. އަތުގައިވާ މަޒީންގެ ފޯނުގެ ކެމެރާ ހުޅުވާލުމަށްފަހު ޒީކްގެ ފައިތިލައިގެ ފޮޓޯއެއް ނަގާލިއެވެ. ފޮޓޯ ސާފު ނޫންވީމަ އަނެއްކާވެސް ފޮޓޯއެއް ނަގާލީ ކެމެރާގެ ފްލޭޝް ލައިޓް އޮން ކޮށްގެންނެވެ. މިފަހަރު ނެގުނު ފޮޓޯ ވަރަށް ފުރިހަމައެވެ. ރެދަަންތައް ވަރަށް ރީތިކޮށް ފައިތިލަ މަތީގައި ފާހަގަ ވާން ހުއްޓެވެ. ދުރުދުރުން އިތުރު ގަދަ އަލިކަމެއް ފާޅުވުމުން ޒީކް އެދިމާއަށް ބަލާލުމަށް އިސްއުފުލާލިއެވެ.
މަޒީން ހުރި ހިސާބެއް ފަސްއެނބުރި ބަލާލެވުނީ ޖެހިލުން ވެ ހުރެއެވެ. އޭރުވެސް މަޒީން ހުރީ ފޯނުން ވާހަކަ ދައްކާށެވެ. އެހެންކަމުން އަނބުރާ އެ އަލިގަނޑު ހުރި ދިމާލަށް ޒީކް ބަލާލިއެވެ. މާ ދުރުން އެ ފެންނަނީ މޫދުގެ ރެދަން ތެރެއިން އަރައިގެން އަންނަ މީހެކެވެ. ލޮނުގަނޑު މަތިން ފެންނަން އެ ހުރި ގަދަ އަލިކަމަކީ އެއީއެވެ. އެ މީހާ ފާޅުވަމުން ދިޔަ ވަރަކަށް އަލިކަން ގަދަވަމުން ދިޔައެވެ. އާޝޯޚްވެފައިވާ ޒީކަށް އެމަންޒަރަށް ބަލަން ހުރެވުނީ އެ ފެންނަނީ ހަޤީޤަތެއްބާއޭ ހިތުގައި ސުވާލު އުފެދެމުންނެވެ. ޙިޔާލީ ވާހަކަތަކުގައި އުޅޭފަދަ ފެނުޕަރީއަކާ ވައްތަރުވީއެވެ. ވާހަކަ ތަކުން ބުނާ ކަހަލަ 'މަރމެއިޑް' އެއްކަމަށް ހީކުރެވި އަންތަރީސްވެ ހުރީ އެ މަންޒަރަށް ގެއްލިފައެވެ. މުޅި ހަށިގަނޑުގައި ރެދަންގެ ވިދުން ފާޅުވޭވޭ ހުއްޓެވެ. ހީވަނީ ނޫކުލައިގެ ބޮކިތަކަކުން ޖަރީކޮށްފައިވާ ބުދެއްހެންނެވެ.
އެއްގަމަށް އަރައިގެން ދިޔައިރު އެއީ އަންހެެނެއްކަން ސިފަވިއެވެ. އަރިކައްޓާ ހަމައަށް އަންނަ ފަން ދިގު އިސްތަށިގަނޑެކެވެ. މުޅި އިސްތަށިގަނޑުގައިވެސް ވަނީ ނޫ ކުލައިގެ ވިދުމެވެ. ލައިގެން ހުރީ ހުދު ކުލައިގެ ވަރަށް ދިގު ހެދުމެކެވެ. އޭނާ އެއްގަމަށް އަރައިގެން ދިޔައިރުވެސް އެ ހެދުމުގެ ފަސްބައިގެ ބޮޑުބައެއް ބިންމަތީގައި ކޭއްތެމުން ދިޔައެވެ. މިހާރު ހީވަނީ އެވޭޓަރ ފިލްމުން ފެންނަ ކަހަލަ މަންޒަރެއް ސިފަވަމުން ދިޔަހެންނެވެ. ބުނެދޭން ނޭގޭފަދަ ބާރަކާއެކު ޒީކް އެ އަންހެން ކުއްޖާގެ ފަހަތުން ދިޔުމަށް ފިޔަވަޅު އަޅާލީ ވާނުވާ ނޭނގި ހުރެއެވެ. އެ އަންހެން ކުއްޖާ ޒީކަށް ބަލާލަމުން ހިނިތުން ވުމުގެ މޫނަކާއި އެކު ހިނގައިގަތީ ގަސްތަކުގެ ތެރެއަށެވެ.
ފޯނު ބޭއްވުމަށްފަހު ޒީކަށް ގޮވާލަމުން މަޒީން ފަސް އެނބުރި ބަލާލިއެވެ. ޒީކް ފެންނަން ނެތުމުން މޫދާ ދިމާލަށް ފޭބުމަށްފަހު ގޮނޑުދޮށުގެ ދެފަރާތަށް ނަޒަރު ހިންގާލީ ކައިރި ހިސާބެއްގައި ޒީކް ފެންނަން ހުރިތޯ ބަލާށެވެ. މަޒީންގެ ބުއްދިއަށް ލަފާކުރެވުނީ ޒީކް ފޫހިވެގެން ޓެންޓުތަކާއި ދިމާލަށް ދިޔައީ ކަމަށެވެ. ހަލުވި ފިޔަވަޅުތަކެއްގައި މަޒީން ޓެންޓުތަކާއި ދިމާލަށް ދިޔައެވެ. އަދި ޒީކްގެ ނަމުން ގޮވަމުން ގޮސް ޒީކާއި ތޫބާމެންގެ ޓެންޓުގެ ތެރެއަށް ބޯ ދިއްކޮށްލިއެވެ. މީހެއްގެ ހިލަމެއް ފެންނަން ނެތުމުން މަޒީނަށް ލަފާކުރެވުނީ ޒީކް ސަމާސާ ކުރަނީ ކަމަށެވެ. ވަށައިގެން ޖަހާފައިިވާ ފަސް ޓެންޓު ތެރެއަށް މަޒީން ވަދެ ބެލި އިރުވެސް އެކަންވީ ފޫނެތް ފަޔަށް ފެންފުރުން ކަހަލަ ކަމަކަށެވެ.
މަޔޫސްވެ ހުރެ މަޒީން އައިސް މަޑުކޮށްލީ އަލިފާންގަނޑު ކައިރީގައެވެ. ޒީކަކީ ނުލާހިކު ބިރުން އުޅޭ ކުއްޖަކަށް ވީއިރު އޭނާ އެކަނިމާ އެކަނި ތަނަކަށް ހިނގައިދާނެ ކަމާއިމެދު މަޒީންގެ ހިތުގައި ސުވާލު އުފެދުނެވެ. ގޮތް ހުސްވެފައިވާ މަޒީނަށް އޭނާގެ ފޯނުމަތިން ހަނދާންވީ ދެނެވެ. މަޒީންގެ އައިފޯނުން ލަވަ ޖަހާފައި ޒީކަށް ހަވާލުކުރި މަތިން ހަނދާންވުމުން މަޒީންގެ އަތުގައިވާ އާދައިގެ ފޯނުން އެ ނަންބަރަށް ގުޅަން ޑައަލް ކޮށްލިއެވެ.
ފޯނު ނަގާ ކަންފަތުގައި ޖާހާލިއެވެ. އެ ނަންބަރު މިވަގުތު ވަނީ ގުޅޭ ސަރަހައްދު ބޭރުގައި ކަމަށް ބުނަމުން ދިޔައެވެ. ތަކުރާރުކޮށް ތިންފަހަރު ގުޅުމުންވެސް ލިބުނީ އެއް ޖަވާބެކެވެ.
ތަރިތައް ގުނަން ތިބި ދިމާލުން ގޮނޑުދޮށަށް މިސްރާބު ޖެހީ ޒީކް ދިޔައީ ކޮންތާކަށް ބާއޭ ހިތާ މާޔޫސްވެހުރެ އަމިއްލަ ނަފްސާ ސުވާލު ކުރަމުންނެވެ. ގޮނޑުދޮށުގެ ރާޅުޖަހާ ހިސާބުގައި މަޑުކޮށްގެން ހުރީ ޒީކް ފެންނާނެ ކަމުގެ އުންމީދުގައެވެ. ވަރުބަލިވެހުރެ އުނަގަނޑުގައި އަތްވިއްދައިގެން ދެފަރާތަށް ބަލާލުމަށްފަހު ކަރު އެލުވާލެވުނެވެ. އިސް އޮބާލައިގެން ދޮންވެލިގަނޑަށް ނަޒަރު ހުއްޓައިގެން ހުރެ ހިތާހިތުން ޒީކް ކޮބާހޭ، ކޮންތާކުހޭ ކިޔަމުން ދިޔައެވެ. ޒީކް އެކަނި ބަހައްޓާފަ މަންމަގެ ފޯނަށް ޖަވާބު ދޭން އެވަގުތު ދެވުނީތީ، ސަހަރޯއޭ ހިތަށް އަރަމުން ދިޔައެވެ. މި ޚިޔާލުތަކާއި ފިކުރުން މީހާ ބޯހާސްވެ ކަންބޮޑުވުން އިތުރުވަމުން ދިޔައެވެ.
އިސްއޮބައިގެން ހުރި މަޒީންގެ ލޮލުގައި އަޅައިގަތީ ދޮން ވެލިގަނޑު މަތިން ފެންނަން ހުރި ފިޔަވަޅުތަކުގެ މިސްރާބު ހުރި ދިމާލެވެ. އެއީ މަޒީންގެ ފިޔަވަޅުތަކުގެ ނިޝާން ނޫންކަން އޭނާއަށް ކަށަވަރެވެ. އެހެންކަމުން އެ ފިޔަވަޅުތަކުގެ ފަހަތުން ހިނގާފައި ދިޔައެވެ. މަޒީނަށް ދެވޭ ދިމާލަށް ބަލަން ހުރެވުނީ ނުހަނު ހައިރާންވެ ހުރެއެވެ. އަނެއްކާ ޒީކް އެހެން ހިނގައިދާނެ ބާއޭ އޭނާގެ ހިތަށް އެރިއެވެ. ގަސްތަކުގެ ތެރެއަށް މިސްރާބުޖަހަމުން މަޒީން ފިޔަވަޅު ކުރިޔަށް އެޅީ ޖެހިލުންވެހުރެއެވެ.
ގަސްތަކުގެ ތެރެއަށް ވަނުމުން ގަސްތަކުގެ ހިޔަނިން ފެންނަމުން ދިޔައީ އަނދިރިކަމެވެ. ކުރިމަތިން ދެވެން ހުރި މަގުން އެތެރެއަށް ހިނގަމުން ދިޔައީ މަޑު ފިޔަވަޅުތަކެއްގައެވެ. ހަނދުވަރުގެ އަލިކަމުން ގަސްތަކުން ބިންމައްޗަށް އެޅިފައިވާ ހިޔަނީގެ ކުރެހުންތައް ވަރަށްވެސް ބިރުވެރިއެވެ. އަނދިރިކަމުގެ ތެރެއިން އިވެމުން ދިޔައީ ގޮނޑުދޮށަށް ރާޅު ބީއްސަމުން ދިޔަ އަޑެވެ. އެ އަޑުގެ އިތުރުން ގަސްތަކުގެ ތެރެއިން އިވެމުން އައި އެކިއެކި ދިރޭ ސޫފާސޫފީގެ ތޫނު އަޑުތަކުން މަޒީންގެ ހިތަށް އިތުރު ބިރުވެރިކަމެއް މެދުވެރިވަމުން އައިކަހަލައެވެ. އަޅާ ކޮންމެ ފިޔަވަޅަކުން ގަސްތަކުގެ ގޮފިތަކާއި ހިކިފައިހުރި ފަތްތައް މުގުރުމުން ގޮވާ އަޑުއިވެމުން ދިޔައެވެ. ބިރުގެންފައިވާ މަޒީންގެ ހިތުގެ ވިންދު އަވަސް ވަމުން ދިޔައެވެ.
އެ މަގުން ހުރިގޮތަށް ގޮސް ޖެހިގެން ހުރިމަގަށް ލަނބާލަން ދިޔަވަގުތު ލޮލުގެ ކޮޅުން ގަދަ އަލިގަނޑެއް ފާޅުވާން ފަށައިފިއެވެ. އެ އަލިގަނޑާ ދިމާލަށް ބަލަން ހުރެވުނީ ހައިރާންވެ އަންތަރީސްވެ ހުރެއެވެ. އަދި މަޒީންގެ ހަޔާތުގައި މިކަހަލަ ކަމަކާއި ކުރިމަތިލާފައި ނުވާތީ އެ ފިޔަވަޅުމަތީ ބަލަން ގަބުއަރާފައި ހުރެވުނީއެވެ.
އެ އަލިގަނޑަށް ބަލަން މަޒީނަށް ހުރެވުނީ ކުޑަ ހިނދުކޮޅަކަށެވެ. އެ އަލިގަނޑު މަޒީނާ ދިމާލަށް އަންނަމުން ދިޔަކަން ފާހަގަވުމުން މަޒީން ގަތީ އަމަށަކު ބިރެއްނޫނެވެ. ފަޔަށް ލެވުނުހާ ބާރެއް ލާ ފަސް އެނބުރި އައި މަގާ ދިމާލަށް ދުއްވައިގަތެވެ. ގަސްތަކުގެ ގޮފިތަކުން ރެކެމުން ގޮނޑުދޮށަށް ދެވެން އޮތްމަގުން ކުރިޔަށް ދެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.