މިވަގުތު ހުއްދަ ނަގައިގެން ތިބި 135 ހާހަށް ވުރެ ގިނަ ބިދޭސީންގެ ތެރެއިން 90 ހާހަށް ވުރެ ގިނަ ބިދޭސީން ގަވައިދާ ހިލާފަށް އުޅެމުންދާ ކަމަށް ބެލެވޭ ކަމަށް، ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމްގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އިހްސާން ވިދާޅުވީ:
- ހުއްދަ ނަގައިގެން 135،149 ބިދޭސީން ރާއްޖޭގައި އެބަތިބި ކަމަށް
- ގަވައިދުން ލާރި ދައްކަމުން ދަނީ 39،004 ބިދޭސީންގެ ހުއްދަތައް އާ ކުރުމަށް ކަމަށް
އެހެންކަމުން ހިސާބު ހަދާލުމުން ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ އަދަދު 96،145 އަށް އަރައެވެ.
އިހްސާން ވިދާޅުވީ، ބޯޑާ ސިސްޓަމުން ބަލާއިރު، ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ގިނަ ބިދޭސީން ރާއްޖެ ދޫކޮށް ދިޔަ ކަމަށް ދައްކާ ކަމަށެވެ. އިތުރަށް ތަފްސީލުކުރައްވަމުން އޭނާ ވިދާޅުވީ، މިހެން މި ދިމާވަނީ ބިދޭސީން މަސައްކަތުގެ ބޭނުމަށް ގެންނަ ގިނަ ކުންފުނިތަކުން އެ މީހުންނަށް މުސާރަ ދިނުން ފަދަ ހައްގުތައް ހިފެހެއްޓުމުގެ ސަބަބުން އެ މީހުން ފިލައިގެން ދިއުމުން ކަމާބެހޭ އިދާރާތަކާއި އެ ކުންފުނިތަކުން މުއާމަލާތްނުކުރުމުންނެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖެ ދޫކޮށް ދިޔަ ބައެއް ބިދޭސީންގެ ހުއްދަތައް އަދިވެސް ކެންސަލެއް ނުކުރެއެވެ.
ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށާއި، އެކަން ހައްލުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭ ގަވައިދާ ހިލާފަށް ތިބި ބިދޭސީންނަށް ގާނޫނުގެ ތެރެއަށް އައުމަށް ފުރުސަތު ދިނުމަށް ފަހު، ގާނޫނަށް ނުފެއްތޭ މީހުން ޑީޕޯޓުކުރާނެ ކަމަށް އިހްސާން ވިދާޅުވިއެވެ.
އިހްސާން ވަނީ ރާއްޖޭގައި މިވަގުތު ތިބި ބަންގްލަދޭޝް މީހުންގެ އަދަދުތައް ވެސް މިއަދު ހިއްސާ ކުރައްވާ ފައެވެ. އެގޮތުން:
- 17 ޑިސެމްބަރުގެ ނިޔަލަށް ވަޒީފާ އަދާކުރުމަށްޓަކައި ތިބި ބަންގްލަދޭޝް މީހުން: 90،624
- 11 ނޮވެމްބަރުން 17 ޑިސެމްބަރަށް ވިސާ ކެންސަލްކޮށް ފުރި އަދި ފޮނުވާލެވުނު ބަންގްލަދޭޝް މީހުން: 206
- އެކްޓިވް ވޯކް ޕާމިޓްގަ ތިބި ބަންގްލަދޭޝް މީހުން: 135،149
- އޭގެ ފަހުން 5،400 ހުއްދަ ދޫކުރެވުނު، އައީ 4،000 މީހުން
އިހްސާން ލަފާކުރެއްވި ގޮތުގައި ބަންގްލަދޭޝް މީހުން ރާއްޖޭގައި އިތުރުވަމުންދާ ނިސްބަތަށް ބަލާއިރު ކުރިއަށް އޮތް ހަތަރު މަހެއްހާ ދުވަހުގެ ތެރޭ އެ އަދަދު އެއް ލައްކަ އަށް އަރާނެއެވެ. އެއީ އެއް ގައުމަކުން އެންމެ ގިނައިން ރާއްޖެ އަށް ބިދޭސީން ގެނެވޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ އަދަދެވެ.
އޭނާ ވިދާޅުވީ، އެ އަދަދު އެއް ލައްކަ އަށް ނޭރުވުމަށްޓަކައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހިފައި ހައްޔަރުކޮށް އެ މީހުން ޑީޕޯޓްކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ.
ޢަދިވެސް މުއިއްޒަށް ވޯޓް ދެއްވާ ބިދޭސީން ގިނަކޮށްލަން
ސަރުކާރުތަކުން މިކަން ހުއްޓުވަން ބޭނުމެއް ނުވޭ ތިބެފައިވަނީ މުޅިން ކަރަޕް ވެރިން ދިވެހިންގެ ގައުމުން ފައބަންޖެހޭނީ ދިވެހިން ކުރިޔަށް އޮތީ ހިތާމަވެރި ދުވަސް ތަކެއް.