ދިވެހިރާއްޖޭގެ ތާރީހާ އިހުގެ ތަރިކަކަތަށް ބަލާއިރު ރާއްޖޭގައި ފުރަތަމަ މީހުން އާބާދުވެގެން އައިދުވަސްވަރު ރާއްޖޭގައި ބުދު ދީނަށް އަޅުކުރި ބަޔަކު ދިރިއުޅެފައިވާ ކަމުގެ ހެކިތައް އެކި ރަށްރަށުގައި ހުރި ބިނާތަކުންނާއި ކުރެހުންތަކުން އެނގެން އެބަހުއްޓެވެ.

އެގޮތުން ބަލާއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުން ބިންގަރާސްތަކާއި ބުދު ފައްޅިތައް އަދި އޭރުގެ މީހުން އަޅުކަން ކުރި ކަމަށް ބެލެވޭ އެތައް ބިނާއެއް ވަނީ ފެނިފައެވެ. އެހެން ނަމަވެސް މިފަދަ ގިނަ ތަންތަނާ ބެހޭގޮތުން ދިރާސާތައް ކުރެވި ހޯދުންތައް ހޯދިފައި ނެތުމުގެ ސަބަބުން މި ތަންތަނުގެ ހަގީގަތް އެންމެ ރަނގަޅަށް ލިބިފައެއް ނެތެވެ.

ހދ. ކުމުންދޫގައި ހުންނަ އުސްކުންނައަކީ ވެސް އެފަދަ ތަންތަނުގެ ތެރެއިން ދިރާސާއެއް ހެދިފައި ނެތް އެއް ބިނާއެވެ. އުސްވެލިގަނޑެއްގެ ގޮތުގައި ފެންނަން ހުރި މިތަނުގެ ސައިންޓިފިކް ދިރާސާއެއް މިހާތަނަށް ހެދިފައި ނުވާއިރު މިތަނަކީ ރާއްޖެ އިސްލާމްވުމުގެ ކުރީގައި މީހުން އަޅުކަން ކުރަން ގެންގުޅު ތަކެތި ފޮރުވާފައި ހުރި ތަނެއް ކަމަށްވުން ބެލެވެއެވެ.

ކުމުންދޫގައި ހުންނަ އާސާރީތަނެއް ކަމުގައިވާ އުސްކުންނަ/ ފޮޓޯ: އާއިޝަތު ނުހާ - ދަ ޕްރެސް

އުސްކުންނައަށް ދާން އޮންނަ މަގު (ހައްޖަމަތި މަގު) ކުމުންދޫގެ ބައެއް އިސްރަށްވެހިން ސިފަ ކުރަނީ ބިރުވެރި މަގެއްގެ ގޮތުގައެވެ. އަދި އެ މަގުގައި ހުންނަ ގެރި ފެންބޯ ވަޅެއްގެ ވާހަކައިގެ އިތުރުން އެ މަގާ ގުޅޭ އެކި ފޯކްލޯ ވާހަކަތައް ދެކެވެއެވެ. ލިންގުއިސްޓިކް ގޮތުން ބަލާއިރު ހައްޖަމަތި ނުވަތަ ހައްޖަތިގެ މާނައެއްގެ ގޮތުގައި އޮންނަނީ ހަވިއްތައެވެ. ބުދުދީނުގެ މީހުން އަޅުކަން ކުރުމަށް ހަދާފައި ހުންނަ ބައެއްކަހަލަ ތަންތަން ނުވަތަ ރަށްރަށުގައި އަކިރިއާއި ވެލިން ފޮރުވިފައި ހުންނަ އުސްތަންތަނަށް ވެސް ހަވިއްތަ ކިޔާ އުޅެއެވެ.

ކުމުންދޫގެ މުހައްމަދު އާދަމް ވިދާޅުވި ގޮތުގައި ބޭރުގެ ޔުނިވާސިޓީއެއްގެ ބަޔަކު އައިސް ބެލި ބެލުމުން އިތުރު އުސްގަނޑެއް އުސްކުންނަ ހުރި ސަރަހައްދުން އެމީހުންނަށް ވަނީ ފެނިފައެވެ. އެއާއެކު އެ ސަރަހައްދުގައި އުސްކުންނައާއެކު އިތުރު 2 އުސްގަނޑު ފެންނަން ހުރި ކަމަށް އޭނާ ވަނީ ވިދާޅުވެއެވެ. އޭނާ ވިދާޅުވި ގޮތުގައި ބުދު ދީނުގެ މީހުން އަޅުކަން ކުރުމަށް ހަދާފައި ހުންނަ މިކަހަލަ ތަންތަނުގައި 7 ކުންނައެއް ހުންނަ ކަމަށް ވާއިރު އަދިވެސް އެ ސަރަހައްދުން އެފަދަ އިތުރު ތަނެއް ފެނުން ގާތެވެ.

https://www.facebook.com/100069142242643/posts/4567417839989453/

ދިވެހިރާއްޖޭގައި ހުރި އާސާރީ ތަންތަނުގެ ލިސްޓުގައި ހިމަނާފައިވާ އުސްކުންނަ އެ ރަށުގައި ނުހުންނަ ހަނދާން ހުރި މީހަކު މިހާރު އެ ރަށަކު ނެތެވެ. ބެލެވޭ ގޮތުގައި ރާއްޖެ އިސްލާމްވުމުގެ ކުރިން (1153 ވަނަ އަހަރުގެ) ހަދާފައިވާ މި ތަނަށް މިހާރު 870 އަށްވުރެ ގިނަ އަހަރު ވަނީ ވެފައެވެ. ދިވެހިރާއްޖޭގެ އާސާރީ ތަންތަނުގެ ލިސްޓުގައި ހިމެނިފައިވީ ނަމަވެސް މިތަން ހިމާޔަތް ކުރުމަށް ނުވަތަ ކުރިއަށް އޮތް ޖީލުތަކަށް ވާސިލްކޮށްދިނުމަށްޓަކައި ހެރިޓޭޖް މިނިސްޓްރީއިން އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ.

2004 ވަނަ އަހަރު އެކުލަވާލި ރާއްޖޭގައި ހުރި އާސާރީ ތަންތަނުގެ ލިސްޓުގައި ކުމުންދޫގެ އާސާރީ ތަންތަނުގެ ގޮތުގައި ގެނެވިފައި އުސްކުންނަ އަދި އުސްގަނޑު ނުވަތަ ކުޑަކުންނައެވެ. ތާރީހީ ފަށްފުށްތަކުން އެގޭ ގޮތުގައި އުސްކުންނަގެ ވަށަމިނުގައި 156 ފޫޓު އަދި އުސްމިނުގައި 10 ފޫޓު ހުރެއެވެ. އަދި ގާތްގަނޑަކަށް މީގެ 68 އަހަރު ކުރިން އުސްކުންނަ ކޮނެގެން ބެލިއިރު ހަމަބިމާ ހަމައިގައި ހުންނާނީ ފަތޮޅު ކަނޑާފައިހުންނަ ހިރިގާކަމަށް ވެއެވެ. ކޮނުނު މީހުން އެތަކެތި ނަގާފައެއް ނުވެއެވެ. ކުޑަ ކުންނައަކީ ވަށަމިނުގައި 100 ފޫޓު އަދި އުސްމިނުގައި 4 ފޫޓު ހުރި ތަނެއް ކަމަށް ކުރީގެ ފަތްފުށްތަކުން ފެންނަން އެބައޮތެވެ.

ކުމުންދޫގައި ހުންނަ އާސާރީތަނެއް ކަމުގައިވާ އުސްކުންނަ/ ފޮޓޯ: އާއިޝަތު ނުހާ - ދަ ޕްރެސް

ކުމުންދޫގެ އިސްރަށްވެހިން ބުނާގޮތުގައި އެ ދެ ތަން މިހާރު ތިރިވެފައިވީ ނަމަވެސް އެއީ މިހާރު ހުރިވަރަށްވުރެ އުސް ދެތަނެވެ. އުސްކުންނައިގެ އުސްމިނުގައި އޭރު ގާތްގަނޑަކަށް 15 ފޫޓު ހުންނާނެ ކަމަށް އެ މީހުން ބުނެފައިވާއިރު މިހާރު އެ ތަން ވަނީ ތިރިވެފައެވެ. ދެ ކުންނަގެ ދެމެދުގައި ގާތްގަނޑަކަށް 35 ފޫޓް ހުންނާނެ ކަމަށް ރަށުގެ މީހުން ބުނެއެވެ.