މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެކޮޅަށް ހައި ކޯޓަށް ހުށަހެޅި މައްސަލަގައި ޖަވާބު ދާރީވުމަށް 20 ދުވަހުގެ މުއްދަތެއް ހައިކޯޓުން ރައީސް މައުމޫނަށް ދީފިއެވެ.

ސިވިލް ކޯޓުން 2010 ވަނަ އަހަރު ވަނީ، ޑީއާރްޕީން އެމްޓީސީސީއަށް 1،113،587.96 ރުފިޔާ ދައްކަން ޖެހޭ ކަމަށް ހުކުމެއް ކޮށްފައެވެ. އަދި އެ ފައިސާ ހުކުމާ އެއްގޮތަށް ޑީއާރްޕީން ދައްކާފައި ނުވާއިރު އެ ޕާޓީއިން ލިބިފައި ވަނީ 2،609.33 ރުފިޔާ އެވެ.

ޑީއާރްޕީ އުވާލި އިރު ނުދައްކާ ބާކީ ހުރި ފައިސާ ހޯދުމަށް އެމްޓީސީސީ އިން މައުމޫނާ ދެކޮޅަށް ދައުވާ ކޮށްފައި ވަނީ ސިޔާސީ ޕާޓީތަކުގެ ގަވާއިދުގައި ޕާޓީގެ ދަރަންޏަށް ޒިންމާވާނީ ޕާޓީ އުފެދުނު އިރު ހުރި ޕާޓީގެ އެންމެ އިސް ފަރާތް ކަމަށް ބުނާ މާއްދާއާ ހަވާލާދީއެވެ. ނަމަވެސް ސިވިލް ކޯޓުން ނިންމާފައި ވަނީ ޑީއާރްޕީގެ ދަރަނި ރައީސް މައުމޫނު ދައްކަވަން ނުޖެހޭނެ ކަމަށެވެ.

މި މައްސަލަ އެމްޓީސީސީއިން ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެއާއެކު ރައީސް މައުމޫނު އެދިވަޑައިގެންފައި ވަނީ މައުމޫންގެ ފަރާތްޕުޅުން އެދިވަޑައިގަތީ ސިވިލްކޯޓުގައި މައްސަލަ ކުރިއަށް ގެންދިޔައިރު އެމަނުކުފާނަކީ ހަސްމެއްގެ ގޮތުގައި ހިމެނިވަޑައިގެންފައި ނުވާތީ އެމަނިކުފާނުގެ މައްޗަށް އެ މައްސަލަ ހައި ކޯޓުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމުމަށެވެ. އަދި އެމަނިކުފާނަށް ބަދަލު ދޭން އެމްޓީސީސީގެ މައްޗަށް އަމުރުކޮށް ދިނުމަށެވެ.

މި މައްސަލަ ބެލުމަށްފަހު ހައި ކޯޓުގެ ވަނީ އެމްޓީސީސީއިން ހުށަހެޅި 2 ވަނަ ނުކުތާއަށް ޖަވާބު ދާރީވުމަށް 20 ދުވަހުގެ މުއްދަތެއް ރައީސް މައުމޫނަށް ދީފައެވެ. އެމްޓީސީސީގެ އެ ނުކުތާގައި ފާހަގަކޮށްފައި ވަނީ ރައީސް މައުމޫނުގެ މައްޗަށް ޑީއާރްޕީގެ ދަރަނި ދެއްކުމަށް މަތިނުކުރެވޭނެކަން ނިންމާފައި ވަނީ އެ ޕާޓީ އުވާލިއިރު ކަމަށެވެ. އެހެންކަމުން ޑީއާރްޕީ އުވާލިއިރު އެ ޕާޓީގެ ދަރަނިތަކަށް ޒިންމާވާނެ ފަރާތެއް ކަނޑައެޅިފައި ނުވާ ހާލަތުގައި ދަރަނިތަކަށް ޒިންމާވާނެ ފަރާތެއް ކަނޑައެޅުމަށް ދައުވާ ކުރުމަކީ މައުޟޫއީ ގޮތުން އެމްޓީސީސީގެ ހައްގަށް އުނިކަން އަންނަ ކަމެއް ކަމަށެވެ.

ދެން އެމްޓީސީސީއިން ހުށަހަޅާފައިވާ ނުކުތާތަކަށް ރައީސް މައުމޫނު ޖަވާބު ދާރީވާން ނުޖެހޭނެ ކަމަށް ހައިކޯޓުން ވަނީ ނިންމާފައެވެ. މި ނިންމުން ނިންމާފައި ވަނީ މައްސަލަ ބެލި 2 ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ. އެއީ ފަނޑިޔާރު ފާތިމަތު ފަރުހީޒާ އާއި ފަނޑިޔާރު ހުސައިން މަޒީދުއެވެ.

3 ވަނަ ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔަކީ މިއީ ރައީސް މައުމޫނުގެ މައްޗަށް އިސްތިއުނާފު ރައްދުވާ ގޮތަށް ހުށަހެޅޭނެ މައްސަލައެއް ނޫން ކަމަށެވެ.