ކޮޕަރްޝަންގެ ތުހުމަތުތަކެއް ކުރެވިގެން ލިޔެކިޔުންތަކާއި މައުލޫމާތު ހޯދަން އޭސީސީ އިން ބެޑްމިންޓަން އެސޯސިއޭޝަނަށް ވަދެއްޖެއެވެ.

އޭސީސީން މިއަދު ބުނީ، ބެންމިންޓަން އެސޯސިއޭޝަނަށް ރައްދުވާ ގޮތަށް ކޮރަޕްޝަނާ ގުޅުން ހުރި ގިނަ ތުހުމަތުތަކެއް ކޮށް އެ ކޮމިޝަނަށް މައްސަލަ ހުށަހަޅާފައި ވާ ކަމަށެވެ.

ކޮރަޕްޝަނާ ގުޅުން ހުރި ކޮން ބާވަތެއްގެ މައްސަލައެއް ކަމެއް ހާމަ ނުކޮށް އޭސީސީން މިފަހަރުވެސް ބުނީ މީގެ ކުރިންވެސް ބުނާ އުސޫލުން އެ ކޮމިޝަންގެ ޓީމެއް ހަރަކާތްތެރިވަމުން ދާ ކަމަށެވެ. މައްސަލަ ރައްދުވާ ވަކި ފަރާތެއް ވެސް ހާމައެއް ނުކުރެއެވެ.

އޭސީސީން ބެޑްމިންޓަން އެސޯސިއޭޝަނަށް ވަން އިރު އެތާނގެ އެކްސްކޯގެ އިންތިހާބާ ގުޅޭ ގިނަ ޝަކުވާތަކެއް އާންމު އެކިފަރާތްތަކުން ކުރަމުން ދެއެވެ.

އިންތިހާބާ ގުޅޭ ކަންކަމުގެ މައުލޫމާތު ދެނަހުރި މަސްދަރަކުން 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ބުނީ، މިހާރު އެ އެސޯސިއޭޝަންގެ ރައީސަކަށް ހުންނެވި މޫސާ ނާޝިދު (މޫސަ)، އަމިއްލަ އަމިއްލަ އަށް އިންތިހާބު ބޭއްވުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށާއި ވަކިވަކި ފަރާތްތަކުގެ ތާއީދޫ ހޯދައިގެން އިންތިހާބު އައްޑޫގައި ބާއްވަން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

އެ އެސޯސިއޭޝަނަށް އެއްޗެހި ގަތުމުގައި އޭނާގެ މަސްލަހަތު އޮންނަ ވިޔަފާރިތަކުން ތަކެތި ގަތުންފަދަ ގިނަ މައްސަލަތަކަކާއެކު އޭނާގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުވެސް ބައެއް ފަރާތްތަކުން ވަނީ ކޮށްފައެވެ.

އޭސީސީން އެ އެސޯސިއޭޝަނަށް ވަން އިރު، އިންތިހާބާ ގުޅިގެން ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް ވެސް ވަނީ ވާހަކަ ދައްކަވާފައެވެ. އޭނާ ވިދާޅުވެފައި ވަނީ ހުރި މައްސަލަތައް ހައްލު ނުކޮށް ބާއްވާ އިންތިހާބެއް ބަލައި ނުގަންނާނެ ކަމަށެވެ.

ބެންމިންޓަން އެސޯސިއޭޝަނުން މަސައްކަތް ކުރަމުން ދަނީ އިންތިހާބު މިމަހުގެ 22 ގައި ބޭއްވުމަށެވެ.