ވިޝާލްގެ އަތުގައި ހިފައިގެން ތޫބާވެސް ދުއްވައިގަތެވެ. ޓެންޓުތަކުގެ ތެރެއަށް ހަތަރު މީހުންނަށް އާދެވުނީ ދާދި އެކުއެކީގައެވެ. ޝައްފަ އާ މިންނާއަށް މި ހަތަރު މީހުން ދުވެފައި އައި މަންޒަރު ފެނި އެމީހުން ގާތަށް ދިޔައެވެ. އޭރު ޒީކާއި މަޒީނަށް މާނޭވާލެވޭ ވަރުން ވާހަކައެއް ނުދެއްކެއެވެ. އަތުގެ އިޝާރާތުން ޓެންޓުގެ ބިއްދޮށް ފަރާތް ދައްކަމުން ދިޔައެވެ. މަޒީން އިނގިލިން އިޝާރާތް ކުރި ދިމާލަށް ދިޔުމަށް މިންނާ އެޅި ފިޔަވަޅު ހުއްޓުވީ ތޫބާއެވެ.
"ނޫން... ދާނެ ކަމެއް ނެތް... އެއީ ބޮޑު ފުރޭތައެއް.... މަ ދެކުނިން.... ދަމާފަ އެެހެރަ ރޯނަށް ވުރެ އުސް...." ވަރުބަލިވެފައިވާ ތޫބާ ވާހަކަ ދެއްކީ މާނޭވާލަމުން ތަން ތަންކޮޅަށް ހުއްޓަމުންނެވެ. އެ ހަތަރު މީހުންގެ މޫނުމަތިންވެސް ބިރުގެންފައިވާ ކަމުގެ އަސަރު ފާޅުވޭވޭ ހުއްޓެވެ.
"އެހެންވީ އިރު މިހާރު ކޮބާ؟..... ތީ... ތި މީހުން އަހަރެމެން ބިރު ގަންނުވަން ދައްކާ ފްލޯކު ވާހަކަ.... ނުހެއްދޭނެ ތިހާ ފަސޭހައިންނެއް..." ޝައްފަ ހިފަހައްޓަން ވިޝާލް އެއްލި އަތް ފޮޅާލުމަށްފަހު ޓެންޓުގެ ބިއްދޮށަށް ހިނގައިގަތެވެ. ދެންތިބި އެއްވެސް މީހަކަށް ޝައްފަގެ ފަހަތުން ދާކަށް ނުކެރުނެވެ. އެންމެ ފަހުން މިންނާ ޝައްފަގެ ފަސްފަހަތުން ހިނގައިގަތީ ނުކެރި ހުރެއެވެ.
އެ ދެމީހުންނަށް ރޯނުގަނޑާ އަރާ ހަމަވިތަނާ އިވުނީ ވަލުޖަނަވާރެއް ފާޑު އެއްޗެއް ރޮއިގަތް އަޑެވެ. ސިއްސައިގެން ދިޔަ މިންނާ އާއި ޝައްފަ ބިންމައްޗަށް ވެއްޓުނެވެ. އެ ދެމީހުންގެ ހަޅޭކުގެ އަޑުން މުޅި މާހައުލު ގުގުމާލިއެވެ.
މަޒީނާއި ވިޝާލް އެއަޑު އައި ދިމާލަށް ދިޔައެވެ. ބިރުން ތެދުވަންވެސް ނޭނގި މިންނާއާއި ޝައްފަ ބިންމަތީގައި އޮތެވެ. އެ ދެމީހުން ނަގަން މަޒީންމެން ލެފިގަތެވެ. އެ ވަގުތު އިވުނީ އަނެއްކާވެސް އެ ޖަނަވާރުގެ އަޑެވެ. މިންނާއާއި ޝައްފަ ބިރުން މަޒީނާއި ވިޝާލްގެ ގައިގައި ބައްދައިގަތެވެ.
އެ ވަގުތު ރޯނުގައި ހުރި ހެދުންތަކުގެ ތެރެއިން ހެމުން ހެމުން ނުކުތީ ލީވާނާއި އީވާނެވެ. އެމީހުން އޭރު ހީހީ ގޮސް ހަލާކު ވަނީއެވެ. ލީވާންގެ އަތުގައިއޮތް އޭނާގެ ޓެބްލެޓުގެ ސްކްރީނަށް ފިތާލިއެވެ. އެ ވަގުތު އަނެއްކާވެސް އިވުނީ އެ ބިރުވެރި ޖަނަވާރުގެ ރުއިމުގެ އަޑެވެ.
ބަނޑުގައި އަތް އަޅައިގެން ހެމުންދިޔަ ލީވާން އިސްކޮޅަށް ދެމިލާ ހަށިގަނޑު ދަމާލުމަށްފަހު ފުން ނޭވާއެއްލާން އަނގަހުޅުވާލި ވަގުތު ހޫނު އެތިފަހަރެއް އޭނާގެ އަނގަމައްޗަށް އައެވެ. ވީތަދުން "އައްދޯއި..." އޭ ބުނުމަށްފަހު ބަލާލި އިރު މޫނާއިމޫނު ޖެހޭހާ ކައިރީގައި އެހެރީ ޒީކްއެވެ. އެވަގުތު ތޫބާއާއި ވިޝާލް އަދި މަޒީން އެއް އަޑަކުން ހޭންފެށިއެވެ.
"އަސްލުވެސް... ޔޫ ޑިސާރވް ދެޓް..." މިންނާ އޭނާގެ ހަށިގަނޑުގައިވާ ވެލިތައް ފޮޅަމުން ބުނެލިއެވެ.
"ބަލާބަލަ މިހިރަ ފުރޭތައެއް...." ލީވާންގެ ފަހަތަށް ވަދެ ފިލާއިން އީވާންގެ ކަންފަތުގައި ޒީކް ހިފާ އެންމެންގެ ތެރެއަށް ނެރުނެވެ. އޭރު އޭނަހުރީ ފަނުންނާއި އެކި ފާޑުފާޑުގެ ހިކިފަތް މުޅިގައިގައި އެތަން މިތަނުގައި ތަތްކޮށްފައެވެ. ބޮލުން ފެށިގެން ފައިގެ ބޮޑުވައި އިނގިއްޔާ ހަމަޔަށް ބަލާލިއަސް މުޅި މީހާގެ ގައިގައި ހުރީ ޗަކައާއި ކިސަޑެވެ. މުސްކުޅިން ބުނެއުޅޭފަދަ ބަބުރު ކުއްޖެކޭ ތަފާތެއް ނެތެވެ.
"އެކަމަކު މަށަށް ފެނުނީ ހާދަ ބިޔަ ބޮޑު ހަންޑިއެކޭ...." އީވާންގެ ބިރުވެރި ސޫރަޔަށް ބަލަންހުރެ އާގަމަކާފައިން ތޫބާ ބުނެލިއެވެ.
"ބޮޑުވާނެއްނު... އީވާން ހުރީ އަހަރެންގެ ކޮނޑު މައްޗަށް އަރައޭ...." ލީވާން މިހެން ބުނެލީ ކުރެވުނު މޮޅުކަން ހިތަށް އަރާ ވަރަށް ފަޚުރުވެރިވެ ހުރެއެވެ. ދެފަރާތަށް ބޯ ހޫރަމުން ޒީކް ޓެންޓުތަކާއި ދިމާލަށް ދިޔައީ ތުންގަނޑު ވިކަމުންނެވެ.
"ވަރަށް މަޖާވާނެ އަސްލު ހަންޑިއަކާ ދިމާވީމަ...." ޒީކް މިހެން ބުނުމުން ލީވާންގެ ހުނުން މަޑުކޮށްލިއެވެ.
"އެ މަންޖެ ވަރަށް ނައްޓާފަދޯ އެހުރީ.... އަސްލު މަޖަލަކަށް ކޮށްލިކަމެއް....." ލީވާން ހުރީ ޒީކަށް ވެފައި ހުރިގޮތުން އެކަމާ ވަރަށް ދެރަވެފައެވެ.
ލީވާންގެ ކޮނޑުގައި އަތް އަޅުވާލައިގެން ޓެންޓުތަކާއި ދިމާލަށް ދަމުން މަޒީން ވާހަކަ ދެއްކިއެވެ. "އަސްލު ތިމީހުން ވަރަށް މޮޅު... ކިރިޔާ މަށަށް ހާޓް އެޓޭކެއް ނުޖެހުނީ.... އެކަމަކު ތިކަހަލަ ސަމާސާ ކަމުނުދާ ބައެއް މީހުންވެސް އުޅޭނެކަން ހަނދާން ބަހައްޓާތި...."
ޓެންޓު ތެރެއަށް ވަދެ ޒީކް އޭނާގެ ދަތުރު ތަންމަތި ފަތުރާލިއެވެ. އަދި ތަންމަތީގައި ބަންޑުން ޖައްސާލުމަށްފަހު ފޯނުން 'ފޭސްބުކް' އަށް ވަނެވެ. ހީވީ އޮންލައިން ނުވެގެން ހުރިހެންނެވެ. އެއްފަހަރާ ފަސް މީހަކު މެސެޖް ކުރަން ފެށިއެވެ. ޒީކް އެމީހުންނާ ވާހަކަ ދައްކަން ބޭނުންނުވާތީ ލޮގްއައުޓް ވާން ދިޔަ ދަނޑިވަޅުގައި 'ފްރެންޑް ރިކުއެސްޓެއް' އައިސްފައިވާ ތަން ފެނުމުން މަޑުޖެހިލިއެވެ. އެއީ ކާކުތޯ ބަލާލުމުގެ ޝައުޤުވެރިކަން އުފެދުނެވެ.
އެވަގުތު ޓެންޓު ތެރެއަށް ބޯދިއްކޮށްލީ ތޫބާއެވެ. "ހެއި ހިނގާ މަސްބާނަން ދާން...." ޒީކްގެ ތުންގަނޑު ދިގުކޮށްލައިގެން އޮތީ ފޫހިކަން ދައްކާފަދަ ގޮތަކަށެވެ. އެއަށްފަހު ތޫބާއަށް ޖަވާބު ދިނެވެ. "ނޫން ނުދާނަން... އައިލް ވެއިޓް"
"އެހެންވީއްޔާ ތޫވެސް މަޑު ކުރާނީ..." ޒީކް އެކަނި ބަހައްޓާފަ ދާން ބޭނުން ނުވާތީ ތޫބާ މަޑުކުރަން ގަސްތުކުރިއެވެ. "ނޯ... ޔޫ ގާއިސް އެންޖޯއި.... މަ އޮންނާނަން އެފްބީގަ...." ޒީކްގެ އުޒުރު ހާމަކުރުމުން ތޫބާ ސުވާލެއް ކޮށްލިއެވެ. "އަނެއްކާ ހިތްހަމަ ނުޖެހިފަތަ؟ ލީވާންމެން ވަރަށް ސަކަރާތް ބޮޑުވާނެ.... ޖަސްޓް އިގްނޯ ދެމް.." ތޫބާ މިހެން ބުނުމުން ޒީކް ލުއި ހިނިތުން ވުމަކާ އެކީ ބޯ ޖަހާލިއެވެ. ތޫބާގެ ދަބަހުން އޭނާ ބޯ އައްސާނެ ވޫލް ކޮޅެއް ނަގައިގެން ބޯ އައްސަމުން ޓެންޓުތެރެއިން ނުކުމެގެން ދިޔައެވެ. އަވަހަށް ފޯނުގެ ސްކްރީނުން ލޮކު ހުޅުވާލުމަށްފަހު ފްރެންޑް ރިކުއެސްޓް ފޮނުވި ޒުވާނާ ބަލާލުމަށް ޒީކް އަވަސްވެގަތެވެ.
"މަޒް މަޒީން" ނަމުގައި ޖަހާފައި އިން މީހާގެ ޕްރޮފައިލް ހުޅުވާލުމުން އެއީ ދަތުރުއައިސް އުޅޭ މަޒީންކަން އެނގުނެވެ. އަވަހަށް އެ ފްރެންޑް ރިކުއެސްޓް އެކްސެޕްޓް ކޮށްލިއެވެ. ފޭސްބުކްއަށް މަޒީން ލާފަ ހުރި ފޮޓޯތައް ބަލާލުމަށް ޝައުގުވެރިވެ އެބައި ހުޅުވާލިއެވެ. އެވަގުތު ޒީކަށް ފޭސްބުކްއިން މެސެޖެއް އަތުވެއްޖެއެވެ. އަވަހަށް ޗެޓްލޮގް ހުޅުވާލިއެވެ. މަޒީންކަން އެނގުމުން އަވަހަށް އޭނައާ ޗެޓްކޮށް ވާހަކަ ދައްކަން ފެށިއެވެ.
މަޒީން: {ތޭންކްސް ފޯ... އެކްސެޕްޓިންގް… ☺ }
ޒީކް: {ވެލްކަމް.... ☺ }
މަޒީން: {ހެއި.... ☹ ރުޅިއައިސްފަތަ؟..}
ޒީކް: {އީވާން ވަރަށްފޫހި މީހެއް....}
މަޒީން: {ސްމައިލް... ☺ އެންމެން މަސްބާނަން ދާން އެ އުޅެނީ....}
ޒީކް: {މަ ނުދާނަން.... ވަރަށް ޓަޔަޑް...}
މަޒީން: {ސުވާލެއް ކޮއްްލަންތަ؟...}
ޒީކް: {ހޫން... އޯކޭ..}
މަޒީން: {ބީ.އެފް އެއް ހުރޭތަ... :P }
ޒީކް: {ހެހެހެ... ނޯ... ކިހިނެއްވީ... :D }
މަޒީން: {ބީއެފްއެއް ހުރެއްޖިއްޔާ... ހިތް ހަމަނުޖެހިދާނެ ކަހަލަ ކަމަކު ބުނަންވެގެން...}
ޒީކް: {އަނެއްކާ ކޮން ކަމަކު... އެމް ކިއުރިއަސް...}
މަޒީން: {ހިނގާބަލަ މަށާއެކީ ހިނގާލަން ދާން... އައިމް ޝުއަރ ޔޫ ވިލް ލަވް އިޓް...}
ޒީކް: {މްމްމްމް... މި ވިސްނަނީ...}
މަޒީން: {ކަމްއޯން... ޕްލީސް ސޭ ޔެސް... އެންމެން ހިނގައްޖެޔޭ... އިޓްސް އޮންލީ ޔޫ އެންޑް މީ...}
ޒީކް: {އޯކޭ ގިވްމީ 10 މިނިޓްސް... }
މަޒީން: {އޯކޭ... އިންތިޒާރުގައި... އެހާ ލަސްނުކުރައްޗޭ.. }
ފޯނުން ޑޭޓާ އޮފް ކޮށްލުމަށްފަހު ބެޓެރި ލޯ ވާތީ ޒީކްގެ ޕަވާރ ބޭންކާއި ފޯނު ގުޅާލިއެވެ. އަދި އަވަހަށް ދަބަސް ހާވާލީ ރީތިވެގެން ބޭރަށް ނިކުތުމަށެވެ. މިރޭ ލާނެ ރީތި ހެދުމެއް ނަގަމުން މަޒީނަށް ކަމުދާނެ ބާއޭ ހިތަށް އެރިއެވެ.
އަލިފާންގަނޑު ކައިރީ ވަގުތު ގުނަމުން ދިޔަ މަޒީންގެ އިންތިޒާރަށް ނިމުމެއް އާދޭތޯ އިރުއިރުކޮޅާ ޒީކްގެ ޓެންޓާއި ދިމާލަށް ބަލާލެވެއެވެ. ރޭގަނޑުގެ އެ ހިމޭންކަމުގެ ތެރެއިން އިވެމުން ދިޔައީ ގޮނޑުދޮށަށް ބީއްސަމުންދާ ރާޅުގެ އަޑާއި ގަސްތަކުގެ ފަތްތައް ވަޔާއެކު ހެލޭ އަޑެވެ.
ރީތި ރާގަކަށް މަޑުމަޑުން މަޒީން ތުނބުން ފުމެލަ ފުމެލާ ހުއްޓާ ކައިރިން ހިޔަންޏެއް ވީހެން ހީވިއެވެ. ސިހިފައި މަޒީނަށް ފަސް އެނބުރި ބަލާލެވުނު އިރު ކައިރީގައި މިހުރީ ޒީކްއެވެ. ކަޅި ޖަހާނުލާ ޒީކްގެ ހަށިގަނޑަށް ބަލަހައްޓައިގެން ހުރެވުނީއެވެ.
"ހޭއި.... ކިހިނެއްވީ ތި ބަލަނީ؟....." ޒީކް އަތުގެ އިގިލިތަކުން ފުއްޓަކި ތަޅާލަމުން އަހާލިއެވެ.
ކަރު ކެހިލުމަށްފަހު ޒީކާއި ހަތަރުކަޅި ހަމަކޮށްލަމުން މަޒީން ކުރިޔަށް ޖެހިލިއެވެ. އެވަގުތު ޒީކް އިސްއޮބާލީ މަޒީންގެ ބެލުމުން އޭނާގެ ހަށިގަނޑަށް ކުރުވަމުން ދިޔަ އާދަޔާ ޚިލާފު އިހްސާސަކުންނެވެ. ޒީކްގެ ރާޅުބާނި އިސްތަށިގަނޑު ވަނީ ހާވާލާފައެވެ. ވައިގެ ތެރޭގައި އެ އިސްތަށިގަނޑު ވިހުރެމުން ދިޔައެވެ. މެރޫން ކުލައިގެ ކުރު ހެދުމެއްގައި ހުރި އިރު ޒީކް ވަރަށްވެސް ފުރިހަމައެވެ. އެ ދޮން ހަންގަނޑުގެ ފުރިހަމަ ކަން ފާޅުވޭވޭ ހުއްޓެވެ. ތުންފަތުގައި މަޑު ފިޔާތޮށިކުލަ ޖައްސާފައިވާ އިރު ލޮލުގެ ރަވައިގައިވަނީ އައިލައިނާރ އަޅާފައެވެ. ލުއި މޭކަޕެއްގައި ހުރި އިރު ޒީކް ވަރަށްވެސް ފުރިހަމައެވެ.
އަލިފާންގަނޑުން އަރަމުން ދިޔަ އޮރެންޖު ކުލައިގެ ދަޅައިން ޒީކްގެ އޮމާން މޫނުމަތިން ފެންނަމުން ދިޔަ ވިދުމުން މަޒީންގެ ހިތުގެ އެންމެ ފުންމިނާ ކުޅެލި ކަހަލައެވެ. ޒީކްގެ ދަތްދޮޅީގައި ހިފާ އިސް އުފުލުވާލުމުން ރަކި ހިނިތުންވުމަކާ އެކީ މަޒީންގެ މޫނަށް ޒީކް ބަލާލީ ނުހަނު ލަދުވެތިކަމާއި އެކުގައެވެ.
"ކިހިނެއްވީ.. އަޅެ މިއަދު ބައްދާލިހެން ދެން ބައްދާލަބަލަ.... ހާދަ ލަދުން ތިހުރީ" މަޒީން ދެއްކި ވާހަކަތަކުން ޒީކްގެ ކޯތާފަތަށް ޖަންބު ކުލަ އަރައިގެން ދިޔައެވެ.
"ކޮބާ...އައިމްރެޑީ... ހިނގާލަން ދާން މިއައީ...." ޒީކް އަވަހަށް ވާހަކަ އޮޅުވާލުމަށްފަހު ގޮނޑުދޮށާވީ ފަރާތަށް އެނބުރިލިއެވެ.
ރެއަކީ ސާދަ ވިލޭރޭގެ ހަނދު ފާޅުވާ ރެއެއް ކަމަށްވުމުން ވަށައިގެން ފެންނަމުން ދިޔަ މަންޒަރުން ޒީކަށް ހުރެވުނީ އަނގަ ހުޅުވިފައެވެ. މަޒީން އަވަހަށް އޭނާގެ ޖީބުން ފޯނު ނެގުމަށްފަހު އެ މަންޒަރު ނަގާލިއެވެ. ދެމީހުން އެކީ ސެލްފީއެއްވެސް ނަގާލީ މޫދުން އެ ފެންނަ މަންޒަރު ފޮޓޯއަށް އަރާނެ ގޮތަށެވެ.
ދެމީހުން އެކީގައި ގޮނޑުދޮށަށް ފައިބައިގެން ދިޔައެވެ. މަޒީންގެ އަތުން ދޫކޮށްލުމަށްފަހު މޫދުގެ ލޮނުގަނޑާ ދިމާލަށް ޒީކް ދުއްވައިގަތެވެ. ފައިވާން ނަގާ އަތަށް ލައިގެން ހުރެ ހުސްފައިގައި މޫދުގެ ރާޅު ޖަހާ ހިސާބަށް ފޭބިއެވެ. މޫދުގެ ލޮނުގަނޑުގައި ރެދަންލާފައިވާ މަންޒަރަށް ބަލަން ޒީކް ހުރީ އަޖައިބުވެ ހުރެއެވެ. ގޮނޑުދޮށަށް ބީއްސަމުންދިޔަ ލޮނުގަނޑުގެ ތެރެއިން ނޫކުލައާއި ދަނބުކުލައިގެ ރިހި ވިދުމެއް އެކުލެވޭ ގޮތަށް ރެދަން ލާފައި ހުއްޓެވެ.
- ނުނިމޭ -