މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރުކަމަށް އައްޔަން ކުރުމަށް މަޖިލީހުން ރުހުންދިންތާ 26 ދުވަސް ފަހުން، ކުރީގެ ޓީވީ ޕްރެޒެންޓަރު އައިމިނަތު ނުޒުހާ އެ މަގާމަށް އައްޔަންކޮށްފިއެވެ.

ބްރޯޑްކޮމްގެ ގޮނޑިއެއް ހުސްވީ އެ ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް އަހްމަދު ގައިސް، މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 28 ގައި މެންބަރުކަމުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. އެހެންވެ ބްރޯޑްކޮމްގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް އައްޔަން ކުރުމަށްޓަކައި މިދިޔަ ސަރުކާރުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އަށްވަނަ ދުވަހު ނުޒުހާގެ ނަން މަޖިލީހަށް ފޮނުވިއެވެ.

އެ މަސައްކަތް ދިގުލައިގެން ގޮސް އަހަރެއްވީ ފަހުން، ބްރޯޑްކޮމްގެ މެންބަރުކަމަށް ނުޒުހާ އައްޔަން ކުރުމަށް މަޖިލީހުން ފާސްކުރީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގައެވެ. އެހެން ނަމަވެސް އޭނާ އެ މަގާމަށް މިވީހާ ދުވަހު އައްޔަނެއް ނުކުރެއެވެ.

ރާއްޖޭގެ ބައެއް މީޑިއާތަކާ ހަވާލާދެއްވާ ނުޒުހާ ވަނީ، މިއަދު އޭނާ އެ މަގާމަށް އައްޔަން ކުރެއްވި ކަން ކަށަވަރު ކޮށްދެއްވާފައެވެ. އާންމު ގޮތެއްގައި މިނިވަން މުއައްސަސާތަކާއި މުސްތަގިއްލު މަގާމުތަކަށް ބޭފުޅުން އައްޔަންކުރުމަށް ރައީސް އޮފީހުގައި ކުޑަ ރަސްމިއްޔާތެއް ބާއްވައެވެ.

ނަމަވެސް އޭގެ ބަދަލުގައި ނުޒުހާ ބްރޯޑްކޮމަށް އައްޔަންކުރެއްވި ކަމުގެ ފަތްކޮޅު ފޮނުވާފައިވަނީ ނުޒުހާގެ ގެއަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން 'ދަ ޕްރެސް' އިން ސުވާލުކުރުމުން ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހީމް ޚަލީލް ވިދާޅުވީ، ނުޒުހާ މަގާމަށް އައްޔަންކުރި ކަމުގެ ފަތްކޮޅު އެރުވުން ލަސްވީ، މަޖިލީހުން ނުޒުހާ އަށް ރުހުންދިން ދަނޑިވަޅާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ރަށްރަށަށް ދަތުރުފުޅުކުރައްވަމުން ގެންދެވި ދުވަސްވަރާ ދިމާވުމުން ކަމަށެވެ.

"ދެން މިހާރު އަނެއްކާ ވެސް ލަސްވިޔަ ނުދިނުމަށްޓަކައި މަގާމަށް އައްޔަންކުރި ކަމުގެ ލިޔުން އެ އޮތީ ފޮނުވާފަ،" އޭނާ ވިދާޅުވިއެވެ.

ޚަލީލް އިތުރަށް ވިދާޅުވީ ރަސްމިއްޔާތު ބާއްވާފައި ފަތްކޮޅު އެރުވުން ގާނޫނުން ކޮންމެހެން ލާޒިމްނުކުރާ ކަމަށެވެ.

ނުޒުހާ ވަނީ މީގެ ކުރިން ރާއްޖެ ޓީވީގައި ޓީވީ ޕްރެޒެންޓަރަކާއި ނޫސްވެރިއެއްގެ ގޮތުގައި ގިނަ ދުވަހު މަސައްކަތްކުރައްވައިފައެވެ.

ނުޒުހާގެ އިތުރުން ބްރޯޑްކޮމްގައި މިހާރު ތިއްބަވަނީ އެ ކޮމިޝަނުގެ ރައީސް މަރިޔަމް ވަހީދާ، ނައިބު ރައީސް މުހައްމަދު ފަޒީން، އަލީ ޔޫސުފް، އައިމިނަތު އަމީނާ، ޝިފްލާ އިބްރާހިމް، އަދި ސޮފާ ޝަފީގެވެ.