ސިއްހީ ދާއިރާ ތަރައްގީ ކުރުމުގައި ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލާނެ ކަމަށާއި ހިދުމަތް ދިނުމުގައި ތަފާތު ނުކުރައްވާނެ ކަމަށް ވިދާޅުވި ނަމަވެސް ފުވައްމުލަކުގެ އާބާދީ ބޮޑު ވުމާއެކު ސިއްހީ ދާއިރާ ތަރައްގީ ކުރުމުގައި އެރަށަށް އިސްކަން ދެއްވާނެ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވެއްޖެއެވެ.

ހަލީލް މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ކުރެއްވި ސުވާލައް ޖަވާބުދެއްވަމުންނެވެ. ޝިފާއު ވަނީ ހއ. މޮޅަދޫގެ މަޝްރޫއުތައް ލަސްވަނީ އެ ރަށުގެ އާބާދީ ކުޑަވުމުންތޯ މިނިސްޓަރާ ސުވާލު ކުރައްވާފައެވެ.

މި ސުވާލަށް ޖަވާބުދެއްވަމުން ހަލީލު ވިދާޅުވީ އާބާދީ ކުޑަވެގެން އެއްވެސް ރަށެއްގެ މަޝްރޫއު ނުހުއްޓާނެ ކަމަށެވެ.

ހިދުމަތް ދިނުމުގައި އާބާދީއެއް ކުޑައެއް ބޮޑަކަށް އަޅުގަނޑުމެން ނުބަލަން، އަޅުގަނޑުމެން ބަލަނީ ކޮންމެ ރަށެއްގަވެސް ދިރިއުޅޭ ކޮންމެ ރައްޔިތަކީވެސް ދިވެހި ރައްޔިތުން ކަމަށް ބަލައިގެން,
ހެލްތު މިނިސްޓަރު ހަލީލް

ނަމަވެސް މިއާ ވިދިގެން ފުވައްމުލަކު މެދު ދާއިރޭގެ މެންބަރު ހުސެއިން މުހައްމަދު ދީދީ ފުވައްމުލަކު ހޮސްޕިޓަލުގެ މަޝްރޫއު ލަސްވާ ސަބަބަކީ ކޮބައިތޯ މިނިސްޓަރާ ސުވާލުކުރެއްވުމުން ވިދާޅުވީ، އެ ސިޓީގެ އާބާދީ ބޮޑުވުމުން ސަރުކާރުން މަޝްރޫއުތަކަށް އިސްކަންދޭނެ ކަމަށެވެ.

މިނިސްޓަރު ހަލީލް މިފަދައިން ވިދާޅުވެފައިވާއިރު، ރައީސް ޑރ މުއިއްޒު ވަނީ ހިނގަހިނގާ ހުރި މަޝްރޫއުތައް ނުނިމިގެން މި އުޅެނީ މި އަހަރުގެ ބަޖެޓުގައި އެފަދަ މަޝްރޫއުތަކަށް އެކަށީގެންވާ ވަރަށް ފައިސާ ނުހިމަނައި ހުރުމުން ކަމަށް ވިދާޅުވެފައެވެ. ރައީސް ވަނީ ރިޔާސީ އިންތިހާބަށް ކެމްޕެއިންކުރެއްވި ދުވަސްވަރު ވެވަޑައިގެންނެވި ވައުދުފުޅުތަކާއި ކުރިއަށް އޮތް ތަނުގައި ވެވަޑައިގަންނަވާނެ ވައުދުފުޅުތައް ފުއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

އަދި އެއްވެސް ރަށެއް ތަފާތުނުކޮށް ހިދުމަތްކުރުމުގެ ސިޔާސަތުގެ ދަށުން، އާބާދީގެ ގޮތުން ކިތަންމެ ކުޑަ ނުވަތަ ބޮޑު ކަމަށް ވިޔަސް ހަމަހަމަކޮށް ހުރިހާ ރަށަކަށް ތަރައްގީ ގެނެސްދެެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.