ބަޑި ޖައްސައިގެންނާއި ބާރާއި ނުފޫޒުގެ ތެރެއިން ރަޝިއާގައި ބޭއްވި އާންމު އިންތިހާބު 87 ޕަސެންޓުން ރައީސް ވްލަޑިމިއާ ޕުޓިން ކާމިޔާބު ކުރައްވައިފިއެވެ.
އިންތިހާބު ސައްހަ ނޫންކަމަށް ގިނަ ބަޔަކު ބުނަމުން ދަނިކޮށް ވަގުތީ ނަތީޖާތައް ހާމަ ކޮށްފައި ވާ އިރު، ޔޫކްރައިން ހަނގުރާމައިގައި ރަޝިއާއިން ހިފި ހުރިހާ ސަރަހައްދަކުން ޕުޓިން ނޫން މީހަކަށް ވޯޓެއް ނުލިބެއެވެ. އެ ސަރަހައްދުތަކުގައި ވޯޓު ލައްވާފައި ވަނީ އޮފިޝަލުން ވޯޓު ކަރުދާހާއި ފޮށި ހިފައިގެން ގޭގެ އަށް ހިނގާ ދޮރުމަތީގައި ހުރެއެވެ. އެ އޮފިޝަލުންނާއެކު ހަތިޔާރު އެޅި ސިފައިންގެ މީހަކު ގޮސްފައި ވާ އިރު އެއިން ކޮންމެ ގެއެއްގެ ދޮރުމަތީގައި ތަންކޮޅެއް ދުރުގައި އިތުރު ސިފައިން ތިބޭ ވެހިކަލެއް އޮވެއެވެ.
މި އިންތިހާބާ އެކު ޕުޓިން އަށް 5 ވަނަ ދައުރު ޔަގީން ކުރެވިފައި ވާ އިރު، އަންނަ 2030 ގެ ނިޔަލަށް މި ދައުރު ދެމިގެންދާނެއެވެ. އަދި މިހާރު އުމުރުން 71 އަހަރުގެ ޕުޓިން ވެވަޑައިގެން މިދިޔައީ ސޯވިއެޓް ޔޫނިއަންގެ ވެރިއަކަށް ހުންނެވި ޖޯސެފް ސްޓާލިން އަށް ފަހު އެންމެ ދިގު މުއްދަތެއްގައި ވެރިކަން ކުރައްވާ ރައީސަށެވެ.
ފާއިތުވި 200 އަހަރު ތެރޭގައި ވެސް ރަޝިއާގައި އެހާ ދިގު މުއްދަތަކަށް އެއްވެސް ބޭފުޅަކު ވެރިކަން ކުރައްވާފައެއް ނުވެއެވެ.
3 ދުވަހަށް ކުރިއަށް ދިޔަ އިންތިހާބުގެ ވަގުތީ ނަތިޖާ ރޭ އިއުލާން ކޮށްފައި ވާ އިރު އެގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނީ، ވޯޓުލެވޭ އާބާދީގެ 74.22 ޕަސެންޓް މީހުން ވޯޓުލާފައި ވާ ކަމަށެވެ.
މި އިންތިހާބާ ގުޅިގެން އެމެރިކާއިން ބުނީ، އެއީ މިނިވަން އިންސާފުވެރި އިންތިހާބެއް ނޫން ކަމަށެވެ. އެގޮތުން ވައިޓްހައުސް އިން ބުނީ، އިދިކޮޅު ލީޑަރު ޖަލުގައި މަރުވުމާއި އިދިކޮޅަށް މަސައްކަތް ކުރާނެހެން ހީވާ އެންމެން ޖަލަށް ލައިގެން ބޭއްވި އިންތިހާބެއް ކަމަށެވެ.
އިނގިރޭސިވިލާތުން ބުނީ، ރަޝިއާ އިންތިހާބަކި މިނިވަން އިންސާފުވެރި އިންތިހާބެއްގެ ސިފަ ނުފެންނަ އިންތިހާބެއް ކަމަށެވެ.
ޔޫކްރައިން އިން ބުނީ އެ އިންތިހާބަކީ މަކަރުވެރި އިންތިހާބެއް ކަމަށާއި ސައްހަ އިންތިހާބެއް ނުވެސް ބޭއްވޭނެ ކަމަށެވެ.
ރަޝިއާގެ އިންތިހާބުގައި ޕުޓިން އާ ދެން ވާދަ ކުރި ލިއޮނިޑް ސުލުޓްސްކީ އަށް ލިބުނީ 3.02 ޕަސެންޓެވެ. ނިކޮލައި ކަރިޓޮނޯވް އަށް 4 ޕަސެންޓް ލިބުނު އިރު ވްލަޑިސްލާވް ދަވަންކޯވް އަށް ލިބުނީ 3.85 ޕަސެންޓެވެ.