އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އެޑް ޝީރަން އިންޑިއާ ސެލެބްރީޓިންނާ ބައްދަލުކޮށްފިއެވެ.

ލަވަކިޔުންތެރިޔާ އެޑް ޝީރަން އިންޑިއާގެ މުމްބާއީއަށް ދިޔައީ އޭނާގެ އޭޝިއާ އަދި ޔޫރަޕް ޓުއާ "މެތަމެޓިކްސް"ގެ ޝޯއެއް ދިނުމަށެވެ. އެ ޝޯގެ ތެރެއިން ޝީރަން އާއެކު އިންޑިއާގެ ދެ ލަވަކިޔުންތެރިން ކަމަށްވާ އަރްމާން މާލިކް އާއި ދިލްޖީތު ދޮސާންޖް ވަނީ ލަވަކިޔާފައެވެ. އަދި ދިލްޖީތު އާއެކު ޝީރަން ވަނީ އިންޑިއާ ލަވައެއްގެ ތަންކޮޅެއްވެސް ކިޔާފައެވެ. އެ ވީޑިއޯ ކުލިޕް ޝީރަންގެ އިންސްޓަގްރާމުގައި ވެސް ވަނީ ޕޯސްޓްކޮށް ދިލްޖީތަށް ވަނީ ޓެގްވެސްކޮށްފައެވެ. އެ ޕޯސްޓުގައި ޝީރަން ބުނީ ޕަންޖާބު ބަހުން ލަވައެއް ކިޔުމަކީ އޭނާ އަލަށް ކުރި ކަމެއް ކަމަށާއި އިންޑިއާގައި އޭނާ ހޭދަކުރި ދުވަކޮޅަކީ ވަރަށް އުފާވެރި ހަނދާނުން ފޮހެލަން ދަތި ދުވަސްކޮޅެއްކަމަށެވެ.

މުމްބާއީގައި ދިން ޝޯ ނިންމާލުމަށްފަހު ޝީރަން ވަނީ ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ޝާހްރުކް ހާންއާ ބައްދަލުކުރުމަށް އޭނާގެ ގެ "މަންނަތު"އަށް ވެސް ގޮއްސައެވެ. އޭގެ ފަހުން ޕާޓީއަކުން ބޮލީވުޑްގެ ގެ ގިނަ ސެލެބްރިޓީންނާ ބައްދަލުވިއެވެ. އޭގެއިތުރުން ބަތަލާ އަނަންޔާ ޕާންޑޭގެ ކަޒިން އަހާން ޕާންޑޭގެ ގެއަށްވެސް ޝީރަން ވަނީ ގޮއްސައެވެ. މޯހިތު ސޫރީގެ ފިލްމަކުން އަހާން ބޮލީވުޑަށް ތައާރަފްވާ ތައްޔާރުވަމުންދާއިރު އަހާން ވަނީ ޝީރަން އާއެކު ގިޓާ ކުޅޭ ވީޑިއޯ އެއް އޭނާގެ އިންސްޓަގްރާމުގައި ހިއްސާކޮށްފައެވެ. އަދި އަހާންގެ ގިޓާގައި ޝީރަންގެ އޮޓޯގްރަފީ ލިޔުން ތަނުގެ މަންޒަރުވެސް ވަނީ ހިއްސާކޮށްފައެވެ.

މިއީ އެޑް ޝީރަން އިންޑިއާއަށް ދަތުރު ކުރި ދެވަނަ ފަހަރެވެ. 2017 ވަނަ އަހަރުވެސް ޝީރަން ވަނީ އިންޑިއާއަށް ގޮއްސައެވެ.