އުންމީދަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އާރްޑީސީގެ ހިޔާނާތުގެ މައްސަލާގައި ދައުވާކުރަން ފޮނުވުން ކަމަށް ފުލުހުންގެ ފައިނޭންޝަލް ކްރައިމް ޑިޕާޓްމެންޓްގެ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ޔޫސުފް ލޫތު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ލޫތު ވިދާޅުވީ އާރްޑީސީގެ ހިޔާނާތާ ގުޅިގެން ތުހުމަތުކުރެވޭ މައިގަނޑު ތިން ފަރާތެއް ހާޒިރުކޮށް ސުވާލުކޮށް ތަހުގީގުގެ ބޮޑު ބައެެއް މިހާރު ކުރިއަށް ގެންދެވިފައިވާ ކަމަށެވެ.

ކޮވިޑްގެ ތެރޭގައި ޗެކު މެދުވެރިކޮށް ފައިސާ ނެގުން ދެތިވެ، ގެނެވުނު ބައެއް ބަދަލުތަކުގެ ތެރޭގައި އާރްޑީސީގައި މަސައްކަތް ކުރާ އިސް މުވައްޒަފުންގެ އެކައުންޓަށް ފައިސާ ޖަމާކޮށްގެން ފައިސާ ދައުރުކުރުވާފައިވާ ކަން ލޫތު ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް ކޮވިޑްގެ ހާލަތް ނިމިގެން ދިޔައިރުވެސް އުސޫލަށް ބަދަލު ނުގެނެސް އެ ފަރާތްތަކުން އަމިއްލަ އެކައުންޓަށް ފައިސާ ޖަމާކޮށް އަދި ކުންފުނީގައި މަސައްކަތް ކުރާ އެހެނިހެން ފަރާތްތަކުގެ އެކައުންޓަށް އެ ފައިސާ ޖަމާކޮށްގެން މަކަރާ ހީލަތުން އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށް ލޫތު ވިދާޅުވިއެވެ.

ލޫތު އިތުރަށް ވިދާޅުވީ އުންމީދު ކުރަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ މައްސަލާގެ ދައުވާ ކޮށްދެެއްވުމަށް އެދި ފޮނުވޭ ވަރަށް މައްސަލާގެ ތަހުގީގު ފުރިހަމަ ކުރެވިގެންދާނެ ކަމަށެވެ.

މި މައްސަލަ ބަލަމުން އައި އިރު ފާހަގަ ކުރެވުނު ކަންކަން ހިއްސާ ކުރަމުން މީގެ ކުރިން ފުލުހުން ބުނީ އާރްޑީސީގެ އެކައުންޓުން އެކި މުވައްޒަފުންގެ އެކައުންޓްތަކަށް ފޮނުވާފައިވާ ކަމަށާއި އަދި އެ ފައިސާ އަކީ ކޮން ބޭނުމަކު ފޮނުވާފައިވާ ފައިސާއެއް ކަން ދެނެގަނެވިފައި ނުވާ ކަމަށެވެ. އެތައް މުވައްޒަފުންތަކެއްގެ އެކައުންޓަށް ފައިސާ ފޮނުވާފައިވާ އިރު، އެކެއްގެ އެކައުންޓަށް 200 އަށް ވުރެ ގިނަ ޓްރާންސެކްޝަންތައް ހަދާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެގޮތުން އެކެއްގެ އެކައުންޓަށް 11 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ އިރު އެ ކައުންޓުން ވަނީ، އެ 11 މިލިއަން ރުފިޔާ އެކި ކުންފުނިތަކަށާއި އެކި މީހުންނަށް ފޮނުވާފައި ހުރި ކަމަށް ފުލުހުން ބުނެއެވެ.

މުވައްޒަފެއްގެ އެކައުންޓުން ކުންފުނިތަކަށް ފިނުވާފައިވާ ފައިސާގެ ތެރެއިން ކުންފުންޏަކަށް ވަނީ 392،000 ރުފިޔާ ފޮނުވާފައި ކަމަށް ވެސް ފުލުހުން ބުނެއެވެ. އަދި އެ ކުންފުނިން ވަނީ އެ ފައިސާއިން 160،000 ރުފިޔާ އެ ކުންފުންޏާ ގާތް ގުޅުމެއް އޮންނަ މީހެއްގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.