އެމްއެމްއޭއިން ތައާރަފްކުރި "ފަވަރަ" އިންޓަނެޓް ޕޭމަންޓް ސިސްޓަމުން ފައިސާ ފޮނުވޭ ލިމިޓު 2 ލައްކަ ރުފިޔާއާ ހަމައަށް ބޮޑުކޮށްފިއެވެ.

މީގެ ކުރިން ފަވަރައި ޓްރާންސްފާ ކުރެވެނީ ފަހަރަކު 50،000 ރުފިޔާއާ ހަމައަށް ކަމަށްވާއިރު މިހާރުގެ އާ ލިމިޓާއެކު ޓްރާންސްފާ ކުރެވޭ އަދަދު ވަނީ 2 ލައްކައަށް ބަދަލުކޮށްފައެވެ. އަދި މީގެ ކުރިން ފަވަރައިން ރިކުއެސްޓް ކުރެވެނީ ފަހަރަކު 5،000 ރުފިޔާއާ ހަމައަށް ކަމަށްވާއިރު މިއަދު އަމަލުކުރަން ފަށާ އާ ލިމިޓާއެކުގައި ރިކުއެސްޓް ކުރެވޭ އަދަދު ވަނީ 10،000 ރުފިޔާއާ ހަމައަށް ބޮޑުކޮށްފައެވެ.

ފަވަރައިން ބުނީ ބޭންކުން އަމިއްލައަށް ކަނޑައަޅާ ލިމިޓުތައް އެޕްލައިވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ސަރުކާރު ބަންދު ދުވަސްތަކުގައި ވެސް އެއް ބޭންކުން އަނެއް ބޭންކަށް ވަގުތުން ފައިސާ ފޮނުވޭ ގޮތައް ތައްޔާރު ކޮށްފައިވާ "ފަވަރަ" ލޯންޗުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.

ފަވަރަ ސިސްޓަމުން ލިބޭ ހިދުމަތްތައް:

  • ވަގުތުން ފައިސާ ފޮނުވޭ ހިދުމަތް (އިންސްޓަންޓް ޕޭމަންޓްސް)
  • ފައިސާ ހޯދުމަށް ފަސޭހަގޮތެއް (ރިކުއެސްޓް ޓު ޕޭ)
  • އެކައުންޓް ނަންބަރު ނޫން ގޮތެއް (ސްމާޓް އެޑްރެސިން)
  • އެކައުންޓުގެ ސައްހަކަން ކަށަވަރުކުރުން (އެކައުންޓް ވެރިފިކޭޝަން)

ޖުމްލަ 5 ބޭންކެއް މެދުވެރިކޮށް މިހާރު ފަވަރަގެ ހިދުމަތްތައް ލިބިގެންދާއިރު އޭގެ ތެރޭގައި ހިމެނެނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އާއި މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) އަދި ބޭންކް އޮފް ސިލޯން (ބީއޯސީ)އެވެ.