އެ ފަޅުގޭ ތެރެއިން ފެންނަމުން ދިޔައީ ހުދު ކުލައިގެ ފޮތިގަނޑެކެވެ. އެ ފޮތިގަނޑު ދިޔައީ ވަޔާ ވިހުރެމުންނެވެ. ރާޅު ބާނި ގަނޑެއްހެން ލައްވަމުން ދިޔަ ބަނޑިތަކާ އެކީ ވަޔާއެކު ނަށަމުން ވިހުރެމުން ދިޔަ ވަގުތު އެ ފޮތިގަނޑުގެ ނިވަލުގައި މީހަކު ހުރިހެން ހީވިއެވެ.
ޒީކް އެމީހަކު ބެލުމަށް ޝައުގުވެރިކަން އުފެދުނެވެ. ކުރިއަށް ފިޔަވަޅު އެޅި އިރު އެއީ އޭނާގެ އަމިއްލަ ބާރުން ހިނގަމުން ދިޔަ ކަމެއްހެން ހީނުވާ ކަހަލައެވެ. ފޮތިގަނޑުގެ ނިވަލުގައި ހުރެގެން ދިއްކޮށްލި އަތްތިލަ އައީ އެ ފޮތިގަނޑުގެ އެތެރެއިންނެވެ. އަތްތިލައިގެ އިނގިލިތައް ހުރީ ހިޔަންޏެއް ހެންނެވެ. ވަކިވަކިން އެނގޭނޭހެން އެއް އިނގިލި އަނެއް އިނގިއްޔާ ދުރުދުރުގައެވެ. ހީވަނީ ސަލާމަތަށް އެދި ގޮވަމުން އަތް ހަނާ އަޅަމުން ދާ ހެންނެވެ. ނޫނީ ފޮތިގަނޑުން ސަލާމަތް ނުވެ ހާސްވެގެން ތެޅިފޮޅެނީ ހެންނެވެ.
ޒީކްގެ އަތް އުފުލާލީ އެ ފޮތިގަނޑުގެ ނިވަލުގައިވާ މީހާއާއި ހަމައަށް ވާސިލްވުމަށެވެ. ފޮތިގަނޑުން ކަޝްފުވެފައިވާ އެ ޒުވާނާ ދެކިލުމުގެ އުންމީދުގައެވެ. އެގެއާ ދިމާލަށް އެޅި ދެ ތިން ފިޔަވަޅު ހުއްޓުނީ އަތަކުން އޭނާގެ ކޮނޑުގައި ހިފާލުމުންނެވެ. އިހްސާސްވީ ފިނިކަމެވެ.
ބޭއިހްތިޔާރުގައި ޒީކްގެ އަތް ކޮނޑާއި ހަމައަށް ނެގުމަށްފަހު ކޮނޑުމަތީގައި އަޅާފައިވާ އަތުގެ މަތީ ބާއްވާލީ ބިރުން ހުރެއެވެ. އަތަށް ލިބުނު ފިނިކަމުން ޒީކްގެ ކަނދުރާގައިވާ ލޯލިތައް ކޮޅަށް ޖެހި މުޅިގައިން ހީބިހި ނަގައިގެން ދިޔައެވެ. ފަސްއެނބުރުނީ ހަށިގަނޑަށް ކުރަމުންދިޔަ ބުނެދޭން ނޭނގޭ އިހްސާސްތަކެއްގެ ސަބަބުންނެވެ. ދެ ބުމަ ދޭތެރެއަށް ރޫ ގިނަކޮށްލަމުން ހަނިކޮށްގެން ހުރި ލޮލުން އެ އަތްތިލައިގެ ވެރިޔާއަށް ބަލާލީ ޖެހިލުންވެހުރެއެވެ.
"ހިނގާ ދާން އަވަހަށް..... ވަރަށް ބަނޑުހައި..." ވެފައި ހުރި ބަނޑުހައި ހޫނު ކަމުން މަޒީން ވާހަކަ ދެއްކީ އެއް އަތުން އޭނާގެ ބަނޑުގައި ފިރުމަމުންނެވެ.
މަޒީނަށް ބަލާލުމަށްފަހު އަނބުރާ އެގެއަށް ޒީކްް ބަލާލިއެވެ. މަޒީނަށް އެ މަންޒަރު ދައްކާލުމަށް އެގެއާ ދިމާލަށް އަތުގެ އިނގިލިން އިޝާރާތް ކުރަމުންނެވެ. ނަމަވެސް މިހާރު އެތަނުގައި އެ ފޮތިގަނޑު ފެންނާކަށް ނެތެވެ. ލިބުނު ހައިރާންކަމުން ނިތަށް ރޫ އަރުވާލުމަށްފަހު ތުންފަތް ޗޭކޮށްގެން ހުރެ މަޒީނާއި އެކީ ޓެންޓުތަކާ ދިމާލަށް ޒީކް މިސްރާބު ޖެހިއެވެ.
ލުއި ހިނިތުން ވުމަކާއި އެކީ މަޒީން ފަހަތުން ދިޔައިރު ޒީކަށް ފާހަގަ ކުރެވެމުން އައީ މަޒީންގެ ފިރިހެން ވަންތަ އެ ހަށިގަނޑުގެ ފުރިހަމަ ކަމެވެ. ވަޅުން ފެންއެޅުމުގެ ސަބަބުން މަޒީން ލައިގެންހުރި ޓީޝާޓް ވަނީ ހަށިގަނޑުގައި ތަތްލާފައެވެ. އެ ވަގުތު ހިތަށް ވެރިވަމުން އައީ ކުޑަ ހިނދުކޮޅެއް ކުރިން މަޒީންގެ ފިނި މަޑު އަތްތިލައިން ޒީކްގެ ކޮނޑުގައި ހިފާލުމުން އިހްސާސްކުރެވުނު ގޮތްނޭނގޭ ޖަޒްބާތެވެ. ފުރާވަރުގެ ޒީކަށް ކުރަމުން މިދާ އިހްސާސްތަކަކީ ދުވަހަކުވެސް އޭނާ ތަޖުރިބާ ކޮށްފައިވާ ކަމެއް ނޫނެވެ. ނަމަވެސް ޒީކްގެ ހިތުން މަޒީނަށް ހާއްސަ މަގާމެއް ދެވެމުން ދިޔަކަން ފާހަގަވިއެވެ.
ޓެންޓު ކައިރިއަށް ދެވުމުން މަޒީން ފޯނަށް ބަލާލިއެވެ. އޭރު ގަޑިން އިރުއޮއްސި ހައެއް ޖެހީއެވެ. އެންމެން މައިލޯ ޕެކެޓްތަކާއި ބިސްކޯދާއި ކޭކު ކެއުމުގައި އުޅުނެވެ. އޭރު ހުރިހާ އެންމެންވެސް ތިބީ ތެތް ހެދުން ބަދަލުކޮށްގެންނެވެ.
ކޮންމެ ދެ މީހަކަށް ޓެންޓެއް ދެވިފައިވާ އިރު ޒީކާއި އެކީ ޓެންޓުގެ ބައިވެރިޔަކީ ތޫބާއެވެ. ދަބަހުން ޓީޝާޓަކާއި ސޯޓުބުރިއެއް ނެގުމަށް ފަހު ތޫބާއަށް ގޮވާލިއެވެ. ޓެންޓު ތެރެއަށް ތޫބާ ބޯ ދިއްކޮށްލުމުން ހެދުން ބަދަލުކޮށްލަން ދެން ޓެންޓު ތެރޭ މަޑުކޮށްލުމަށް ޒީކް އެދުނެވެ.
ހެދުން ބަދަލުކޮށްލުމަށްފަހު ބޮލުގައި ފުނާ އަޅާލިއެވެ. އިސްތަށިގަނޑު ހިއްކާލުމަށް ނިއުޅުވާލައިގެން ނުކުތީ ތެތްހެދުން ހިފައިގެންނެވެ. އެ ވަގުތު ޓެންޓުގެ ބިއްދޮށުގައި ދަމާފައިވާ ރޯނު ތޫބާ ދައްކާލިއެވެ. ދަތުރުގެ އެހެން ބައިވެރިންގެ ހެދުންތައް އެރޯނުގައި ހިއްކަން އަޅުވާފައި ހުއްޓެވެ. ޒީކްގެ ހެދުން ރޯނުގައި އަޅުވަން ދިޔަ ވަގުތު އެ ރޯނުގައި އަޅުވައިފައިވާ މަޑު ނޫކުލައިގެ ޝޯލް ފެނުމުން އެއާ ދިމާލަށް ދެވުނެވެ.
ވައިގެތެރޭގައި ޝޯލް ހަރަކާތްވާ މަންޒަރު ފެނުމުން ހަނދާނަށް އައީ އެ ފަޅުގެ ކައިރިން ފެނުނު ހުދު ފޮތިގަނޑެވެ. އެ ފޮތިގަނޑު ވަޔާ ވިހުރެމުން ދިޔަ އިރު ފަހަތުގައި ކޮންމެވެސް މީހަކު ހުރިހެން ހީވި ހީވުމެވެ. އެ ހީވުމުގެ ތެރެއަށް ގެނބިގެން ދެވުނެވެ. ކޮނޑުގައި ހިފާލި ފިނި އަތްތިލައެވެ.
ސިހިފައި ފަހަތަށް ބަލާލެވުނީ ޒީކްގެ ކޮނޑުގައި މީހަކު ހިފާލުމުންނެވެ. "ކޮން ޚިޔާލެއްގަ؟..." މަޒީންވެސް އޭނާގެ ހެދުން ހިފައިގެން ރޯނުގައި އަޅުވަން އައިސް ހުއްޓެވެ. "ކަމެއް ނުވޭ...." ގުދުވެލާފަ ފައިގެ ކަށިމަތި އަތުގެ ނިޔަފަތިތަކުން ކަހާލަމުން ޒީކް ބުންޏެވެ.
"މަދިރި ހަފަނީ ދޯ....." މަޒީން މިހެން ބުނުމުން ޒީކް ބޯ ޖަހާލިއެވެ.
އިރު އޮއްސި މުޅިރަށުތެރެއަށް އަނދިރިވެއްޖެއެވެ. ހެދުން ހިއްކަން އެޅުވުމަށްފަހު މަޒީނާއި ވިޝާލް އަލިފާންގަނޑު ރޯކޮށްލިއެވެ. އެންމެން އެ އަލިފާން ގަނޑު ކައިރީ އިށީނދެގެން ތިބީ އެކި ކަހަލަ މަޖާ ވަހާކަތައް ދެއްކުމުގައެވެ. ތޫބާ ގާތުގައި އިށީނދެގެން ޒީކް އިނީ މައިލޯ ޕެކެޓެއް ބޯށެވެ. ވިޝާލް އައިސް އެމީހުން ގާތު އިށީނދެ ތޫބާގެ އުނގުގައި ބޯ އަޅާލިއެވެ.
"މިހާރު މަދިރިއެއް ނުހަފާނެ.... އޯކޭދޯ...." ވަރުބަލި ކަންމަތީ އޮވެ ވިޝާލް އެހެން ބުނެލީ ތޫބާގެ ކޮލުގައި ހިފާލަމުންނެވެ.
"ތި އައީ މަދިރިއަށް ބިރު ދައްކާާފަތަ؟...." ޒީކް މިހެން ބުނެލީ ސަމާސާ ކޮށްލާށެވެ.
"އާން... ތި ހެދި އެއްޗެއް ހެދީ މަޒީން... ޒީކްގެ މަދިރިފައިގަ މަދިރި ހަފާތީޔޯލަ..." ވިޝާލް މިހެން ބުނި އިރު އެހިސާބަށް މަޒީނަށް އާދެވިއްޖެއެވެ. ޒީކަށް އެ ވަގުތު މަޒީނާއި ދިމާލަށް ބަލާލެވުނެވެ. މަޒީނަށްވެސް އެ ވަގުތު ހުރެވުނީ ޒީކާއި ދިމާލަށް ބަލާށެވެ.
އިންތަނުން ތެދުވެ ޓެންޓުތަކުގެ ބިއްދޮށާ ދިމާލަށް ޒީކް ހިނގައިގަތެވެ. މަޒީންވެސް ޒީކްގެ ފަހަތުން އެހިސާބަށް ދިޔައެވެ. "ކޮންކަހަލަ ކިޔެވެއްޔެއް ކިޔެވީ އެދުރުބޭ...." ހިނގައިފައި ޒީކާ އެއްހަމަޔަކަށް މަޒީން އައުމުން މަޒީންގެ ކޮނޑުގައި ޖަހާލަމުން ޒީކް އަހާލިއެވެ.
"ހެހެހެ... ކިޔެވެއްޔެއް ނުކިޔަވަން.... މަދިރި މަދުވާނެ އަލިފާންގަނޑު ޖަހާލީމަ.... އެހެންވެ އަވަހަށް އަލިފާންގަނޑު ޖަހާލީ...." މަޒީން ހެދިގޮތް ޒީކަށް ހާމަކުރިއެވެ.
"އަސްލުވެސްތަ؟.... މަދިރި ހާދަ ގިނައޭދޯ.... މިރަށުން ދާންވާއިރަށް ހުންގަނޑެއް ނުޖެހިއްޖިއްޔާ ރަނގަޅު...." މައިލޯ ޕެކެޓް ތުނބުގައި ޖަހައިގެން އިނދެ ވާހަކަ ދައްކަމުން ޒީކް ގޮސް ހުއްޓުނީ ހޭޅިފަށުގައި ހުރި ގަސްތަކުގެ ކައިރިއަށެވެ.
މައިލޯޕެކެޓް ހުސްވެ އަޑުލައްވާލެވޭވަރަށް ހޮޅިން ދަމާލުމަށް ފަހު ގަސްތަކުގެ ތެރެއަށް ޕެކެޓް އެއްލާލިއެވެ. އަދި ފަސްއެނބުރި މަޒީނަށް ކުރިމަތިލިއެވެ. އެ ވަގުތު ޒީކްގެ ފުރަގަހުން އިސްތަށިގަނޑުގައި ހޫނު ވައިރޯޅިއެއް ބީހިލިކަން އިހުސާސްވުމުން ހަށިގަނޑަށް ތުރުތުރެއް ލައްވާލުމަށްފަހު އެނބުރި ގަސްތަކާ ދިމާލަށް ބަލާލީ ބިރުވެރި ސިގުނަލެއް ދޭން އުޅޭކަން އިހްސާސް ވުމުންނެވެ.
ޒީކްގެ ހަރަކާތަށް އައި ބަދަލު ފާހަގަވުމުން މަޒީން ވާހަކަ ދައްކަން ފެއްޓިއެވެ. "ކިހިނެއްވީ ޒީކް؟.... ކީއްވެ މާ ފާޑަކަށް ރަށުތެރެއަށް ތިބަލަނީ؟" މަޒީން ދައްކަމުން ދިޔަ ވާހަކަ ޒީކަށް އަޑުނީވޭ ކަހަލައެވެ. މަޑު ހިނގުމެއްގައި ގަސްތަކުގެ ތެރެއަށް ހިނގައިގަތެވެ. ޒީކް ހިފެހެއްޓުމަށް މަޒީން އޭނާގެ އަތުގައި ހިފާލިއެވެ.
އެވަގުތު އިވިގެންދިޔައީ ގަދަ އަޑުފައްގަނޑެކެވެ. ދެމީހުން ސިހުމުގެ ސަބަބުން ހަމަ ބިމުން ފައި ކެނޑުނެވެ. މަޒީންގެ ޓީޝާޓުގައި ހިފައިގެން ޒީކްގެ މޫނު މަޒީންގެ މޭތެރެއަށް ފިއްތާ ބާރުކޮށްގެން ހުރެ ދުލަށް އައިހާ ހެޔޮ އެއްޗެއް ކިޔަމުން ދިޔައެވެ. މަޒީންވެސް ހުރީ ބިރުން ގުޑާލަންވެސް ނޭނގިފައެވެ. ބާރުކޮށް ފިއްތައިގެން ހުރި ދެލޯ ހުޅުވާލުމަށްފަހު ގަސްތަކުތެރޭގައިވާ އަނދިރިކަމުގެ ތެރެއަށް މަޒީން ބަލާލީ ޖެހިލުންވެ ހުރެއެވެ. އޭރުވެސް ޒީކް ހަލުވިކަމާއި އެކު ތުންތަޅުވަމުން ދިޔައީ ފާތިޙާ ސޫރަތް ކިޔެވުމުގައެވެ.
އަނެއްކާވެސް ގަސްތަކުގެ ތެރެއިން ހިލަމެއްވީހެން ހީވިއެވެ. ގޮފިކޮޅުތައް ބިންދައިގެން ދިޔަ ފާޑު އަޑެކެވެ. މަޒީން ޖެހިލުންވެ ހުރެ ބުނެލިއެވެ. "ކާކު؟.... ކާކު؟...."
ޒީކްގެ ކޮނޑުގައި ހިފާ ދުރަށް ޖައްސާލިއެވެ. ނަމަވެސް އެވަގުތު ޒީކް ހުރީ މަޒީނާއި ދުރަށް ދާ ކަހަލަ ގޮތަކަށް ނޫނެވެ. ފަސްއެނބުރި ޓެންޓުތަކާއި ދިމާލަށް ބަލާލި އިރު އަލިފާންގަނޑު ކައިރީ އެންމެން މަޖާކުރަން ތިބިތަން ފެނުނެވެ. ކާކުތޯ ބެލުމަށް މަޒީން ގަސްތަކުގެ ތެރެއަށް ހިނގައިގަންނަން އެނބުރުމުން މަޒީންގެ ޓީޝާޓުގައި ޒީކް އެލިގަތެވެ.
"ނޫން.. މަޒީން ހިނގާ މިތަނުން ދާން.. އެ ވާނީ ކޮންމެވެސް ހަންޑިއަކަށް.... އަހަރެމެން ނޫނަސް ރޫހާނީ އެއްޗިސްވެސް އުޅޭނޭ... ނުގޮވާތި.... ޕްލީޒް..."
އެގަސްތަކުގެ ނިވަލުގައި ވާ އެއްޗެއް ބަލަން ނުދާން ނިންމީ ޒީކަށް ވެފައި ހުރި ގޮތް ފެނި މަޒީނަށްވެސް އެއީ އެންމެ ރަނގަޅުގޮތް ނޫންކަން ހިތަށް އެރުމުންނެވެ. ޒީކްގެ ކޮނޑުގައި ހިފާ މަޒީންގެ ހަށިގަނޑާ ގާތްކޮށްލައިގެން ޓެންޓުތަކާއި ދިމާލަށް ދާން މިސްރާބު ޖެހިތަނާ ފަހަތުން ފިޔަވަޅުތަކެއްގެ އަޑު އިވެން ފެށިއެވެ. މަޒީން ވައި އަޑުން ބުނެލިއެވެ. "ޒީ... ނަމަ ނަމަ ފަސްއެނބުރި ނުބަލާތި.... ހިނގާ އަވަހަށް ޓެންޓުތަކާއި ދިމާލަށް..."
ޒީކުގެ އަތުގެ ތެރެއަށް މަޒީންގެ އަތުގެ އިނގިލިތައް މަހާލުމާއި އެކީ ހިނގުން ބާރު ކޮށްލިއެވެ. އޭރުވެސް ފަހަތުން އެ ފިޔަވަޅުތަކުގެ އަޑު އެއް ހަމަޔަކަށް އިވިއިވި ހުއްޓެވެ. ޓެންޓުތަކުގެ ފަަހަތުގައި ދަމާފައިވާ ރޯނުގަނޑާ ހަމަވިއިރު އެހިސާބުގައި ތޫބާއާއި ވިޝާލް ވަރަށް ގާތްގޯޅިކޮށް ތިބިތަން ފެނުނެވެ.
ޒީކްގެ ހިތް ދިޔައީ ތެޅެމުންނެވެ. އަނގަ ހުޅުވާލުމަށްފަހު އަޑުގެ ނެތްތަނަށް ތޫބާއަށް ގޮވާލިއެވެ. "ތޫ.... ތޫބާ..."
ވިޝާލްގެ ހަށިގަނޑުގައި ބައްދާލައިގެން ހުރި ތޫބާއަށް އޭނާގެ ނަމުން ގޮވާލި އަޑު އިވުމުން ތެޅިގެންފައި އެ އަޑު އައި ދިމާލަށް ބަލާލިއެވެ. މަޒީނާއި ޒީކް ތެޅެމުން ފޮޅެމުން އެމީހުންނާއި ދިމާލަށް ދުވެފައި އަންނަ މަންޒަރު ފެނުނެވެ. ރޯނުގައި ހިއްކަން އަޅުވާފައި ހުރި ހެދުންތައް އެއްކައިރި ކުރަމުން ހެދުން ތަކުން ރެކެމުން އެމީހުން އައީ ބިރެއް ފެނިގެން ހެން ހީވިއެވެ. އެވަގުތު އެމީހުންގެ ފަހަތުން އަންނަ ބިޔަ ހިޔަނިގަނޑެއް ފާޑު އެއްޗެއް ތޫބާއަށް ފެނުނެވެ.
ވިޝާލްގެ އަތުގައި ހިފައިގެން ތޫބާވެސް ދުއްވައިގަތެވެ. ޓެންޓުތަކުގެ ތެރެއަށް ހަތަރު މީހުންނަށް އާދެވުނީ ދާދި އެކުއެކީގައެވެ. ޝައްފަ އާ މިންނާއަށް މި ހަތަރު މީހުން ދުވެފައި އައި މަންޒަރު ފެނި އެމީހުން ގާތަށް ދިޔައެވެ. އޭރު ޒީކާއި މަޒީނަށް މާނޭވާލެވޭ ވަރުން ވާހަކައެއް ނުދެއްކެއެވެ. އަތުގެ އިޝާރާތުން ޓެންޓުގެ ބިއްދޮށް ފަރާތް ދައްކަމުން ދިޔައެވެ. މަޒީން އިނގިލިން އިޝާރާތް ކުރި ދިމާލަށް ދިޔުމަށް މިންނާ އެޅި ފިޔަވަޅު ހުއްޓުވީ ތޫބާއެވެ.
- ނުނިމޭ -