ކަރުގައި އަޅާފައިވާ ކެމެރާ ނެގުމަށް ފަހު އޭގައިވާ ފޮޓޯ ބަލާލުމަށް ހުޅުވާލިއެވެ. އެގޭގެ ފުރާޅެއް ނެތެވެ. ފާރުމަތިން ފެންނަން ހުރި ބިޔަ ގަސް ވަނީ ވީރާނާވެ ފަތްތައް ހިކިފައެވެ. ގަހުގައި ހުރި ފަތަށް ވުރެ ގިނައީ އެ ގަހުގައި ޖައްސާފައި ހުރި ކާޅެވެ. އެ މަންޒަރު ވަރަށް ވެސް ތަފާތެވެ. ބިރުވެރިއެވެ. ވިރާނާވެފައިވާ ގެއެއްގެ ކައިރީހުރި ވީރާނާވެފައިވާ ގަހެކެވެ. އަދި އެ ގަހުގައިވާ 100 އެއްހާ ކަޅު ކާޅެވެ.
ސިއްސައިގެން ދިއުމުން ޒީކަށް ހަޅޭއް ލަވައިގަނެވުނެވެ. ފަހަތުން އައިސް ޒީކްގެ ކޮނޑުގައި ޖެހިގަތުމަށްފަހު ލީވާން ބިންމައްޗަށް ވެއްޓި ފުރޮޅެމުން އޭރު ހެނީއެވެ. ޒީކަށް ހުރެވުނީ އެ ފޮޓޯގަނޑުން ފެންނަން ހުރި މަންޒަރަށް ގެއްލި ހުސްވެފައެވެ. އެ ދަނޑިވަޅުގައި ލީވާން ކުރި ސަމާސާއިން ޒީކް ރުޅިގަދަވެ މޫނަށް ޖަންބުކުލަ އެރިއެވެ.
"މަޖަލެއް ނޫން އިނގޭ...." ޒީކްގެ އަޑުގައި ތުރުތުރެއް އެކުލެވިފައި ވިއެވެ.
ތެދުވެ އަތުގައި ހުރި ވެލިތައް ފޮޅަމުން ޒީކް އެއްގަމަށް ހިނގައިގަތެވެ. އޭރު ރަށުތެރެއިން މަޒީނާއި ވިޝާލް އައީ ކުރުނބާ ހިފައިގެންނެވެ. މަޒީން ޒީކަށް ކުރުނބާ ދިއްކޮލިއެވެ. ޒީކް ތުން ފިއްތައިގެން ހުރެ ކުރުނބަލުގައި ތުންޖަހާ އެއިން އެތިފޮދެއް ބޯލިއެވެ. ޒީކަށް އެވަގުތު ހުރެވުނީ ދެބުމަ ގޮށް ޖަހައިގެންނެވެ. އަތިރިމަތީ ތިބި އަންހެން ކުދިންކައިރީ ސަމާސާކޮށް ސަކަރާތް ޖަހަން ހުރި ލީވާނާ ދިމާލަށް އިރުއިރުކޮޅާ ބަލަމުން ތުންފަތުގައި ދަތް އަޅާލައެވެ. މި މަންޒަރު ބަލަން ހުރެ މަޒީން ސުވާލުކޮށްލިއެވެ.
"ކިހިނެއްވީ ޒީކް، ރުޅިއައިސްފަތަ؟..."
ޒީކް ތުނބުން ކުރުނބާ ނައްޓާލުމަށްފަހު އަތުން ތުންފަތް ފުހެލަމުން ބުންޏެވެ. "ލީވާން މަ ސިއްސުވާލީ... ފާޑެއްގެ މީހެއް އެއީ...." ޒީކް ހުރީ ހިތްހަމަ ނުޖެހިފައެވެ.
ދަތުރު އައީއްސުރެއް ލީވާންގެ ސަމާސާ ކުރުންތައް ޒީކަށް އަމާޒު ކުރަމުންދާތީ، އެކަމާ ޒީކް ހުރީ ނުރުހުންވެފައެވެ.
"އެއީ ދެން އެހާވަރު ކަމެއްތަ؟.... ދަތުރު އައިސް އުޅޭ އިރު ސަމާސާ ވެސް ކުރާނެ...." މަޒީން މަސައްކަތް ކުރީ ޒީކްގެ ހިތްހަމަޖައްސައި ދެވޭތޯއެވެ.
"މީހަކު ސަމާސާ ކުރިޔަސް ތިހާ ރުޅިގަދަވާކަށް ނުވާނެ ދޯ..... ތީ ހަމަ އެހާ ރުންކުރު މަންޖެއެއްތަ؟.... މަޒީން ހީކުރީ ވަރަށް ކޫލް ވާނެ ކަމަށް....." މަޒީންގެ ވާހަކަތަކުން ޒީކް ގާތަށް ހިނިއައެވެ.
"އާން... އަހަރެން ވަރަށް ރުޅި ގަދަވާނެ... ހެހެހެ އަސްލު ދެން މާ އޯވާ އީ ލީވާން... ޒީކަށް އެހާ ކަމުދާ ސްޓައިލެއް ނޫން އެއީކީ... ލީވާނަށް ހީވަނީ ކަންނޭނގެ ކޮންމެ ކުއްޖެއް ވެސް އެހާ ފަސޭހައިން ސެޓު ވެދާނޭ... ތޫވެސް ބުނި ވަރަށް ބިޓިންގް ވާނޯ އެ ޓްވިންސް... އެނީވޭސް އައިމް ނޮޓް އިންޓްރަސްޓަޑް" ޒީކްގެ ވާހަކަ މެދުކަނޑާލުމުން މަޒީނާ އެކީ ރަށުތެރެއަށް ހިނގައިގަތެވެ. އެއީ ވަރަށް ކުޑަ ފަޅު ރަށެކެވެ. އެހެންކަމުން މާގިނަ އިރުތަކެއް ނުވެ އެމީހުންނަށް ރަށުގެ އަނެއް ފަރާތު އަތިރި މައްޗަށް ދެވިއްޖެއެވެ.
*** *** *** *** *** ***
ޖިންސު ޖީބުގައި އޮތް ފޯނު ވައިބްރޭޓް ވުމުން ކިޔަން އޮތް ވާހަކަ ފޮތް ލައްޕާލުމަށް ފަހު ކަޔާން ފޯނު ނަގާ ބަލާލިއެވެ. އޮފީސް ކުދިން ކަޔާން ނައިސް ލަސްވުމުން ގުޅަނީކަން އެނގުމުން އަވަހަށް ފޯނު ނެގިއެވެ.
"ކޮބާ ކިހާ ހިސާބެއްގަ؟...." އެ ކޮޅުން ވާހަކަ ދެއްކީ އޮފީސް ޓީމުގައި ވޮލީކުޅޭ ޒުވާނެކެވެ.
"މިހާރު މިދަނީ.... މާލަހެއް ނުވާނެ..." ފޯނު ކަނޑާލުމަށް ފަހު ކަޔާން އަވަހަށް ހެދުން ބަދަލުކޮށްލިއެވެ. އަދި ވިޝާލަށް ގުޅާލުމަށްފަހު ކޮނޑުގައި ދަބަސް އަޅުވާލައިގެން ގެއިން ނުކުތުމަށް މިސްރާބު ޖެހިއެވެ. އިންތިޒާރުގެ ވަގުތު ވަރަށް ކުރެވެ. ވިޝާލް އައުމާއެކީ ޒުވާނުންގެ މަރުކަޒަށް ދިޔުމަށް އަވަސްވެގަތެވެ.
ސައިކަލު ފަހަތުގައި ހުރެ ކަޔާން ޖައްސަމުންދާ ވައްތަރުތައް އެ ސައިކަލު ދުއްވަން އިން ވިޝާލަށް ލޯގަނޑުން ފެނުނެވެ. މަންޒިލާ ކައިރިވުމުން އައި.ޖީ.އެމް.އެޗް ކައިރީ ސައިކަލް ޕާކު ކޮށްލީ ޒުވާނުންގެ މަރުކަޒް ކައިރީ ހުރި ޕާކިން ޒޯންތަކުން ޖާގައެއް ނުލިބޭނެތީއެވެ. ކުޅިވަރުގެ ކަންތައްތައް ހިންގަމުންދާ މިފަދަ ދުވަސްވަރެއްގައި އެހިސާބުގަނޑުން ސައިކަލް ޕާކު ކޮށްލަން ލިބުމަކީ ނަސީބެކެވެ.
ދެ އެކުވެރިން އެކީ ފައިމަގުގައި ދިޔަ އިރު ވިޝާލް އެ ހިމޭންކަން މެދުކަނޑާލަން ވާހަކަ ދެއްކިއެވެ. "ހެއި... ހާދަ އަވަސް އަރުވާލައިގެން.... ކަމެއް ގޯސްވެގެންތަ ތި އުޅެނީ؟..."
"ނޫނޭ... އަސްލު ގަޑި ޖެހޭތީ.... އަލީނާ ލިޔުނު ވާހަކަފޮތް ކިޔާލަން އޮވެވުނީ.... ދެން ކުއްލިއަކަށް މިކޮޅުން ގުޅީމަ މަށަށް އެނގުނީވެސް.... ކޯޗް ރުޅިއަންނާނެ ލަސްވެއްޖިއްޔާ.. އެއީ އަނެއް ހިޓްލަރު.." ވެގެން އުޅޭގޮތް މަޒީންގެ އެކުވެރިޔާއަށް ހާމަކޮށްދިނެވެ.
"ހެހެހެ... އަދިވެސް ކައެ އަލީނާޔާ ހެދި ދޯ ތިއުޅެނީ... އޭނާ އެބައުޅޭ މިކޮޅުގަ... ތިޔޭ ތި ނާވަސް ވާ ކަމަކީ... އޯކޭ މަ ދަނީ ސަޕޯޓަރުން ތިބޭ ދިމާޔަށް... ގުޑްލަކް.." ޒުވާނުންގެ މަރުކަޒު ތެރެއަށް ވަދެވުމުން ވިޝާލް އޭނާގެ އެކުވެރިޔާއަށް ހިތްވަރު ދެމުން ސިޑިން މައްޗަށް ދިއުމަށް މިސްރާބު ޖެހިއެވެ.
މެޗު ނިންމާލުމަށްފަހު ގެއަށް އައިސް ފެންވަރާލައިގެން ކަޔާން އެނދުގައި ޖައްސާލިއެވެ. މިއަދުގެ މެޗު ކުރިއަށް ދިޔައިރުވެސް ކަޔާންގެ ސިކުނޑީގައި އެނބުރެމުން ދިޔައީ އަލީނާ ލިޔެފައިވާ "ކަނޑުފެން" ވާހަކައިގައި ސިފަކޮށްދީފައިވާ ހާދިސާތަކާ މެދުއެވެ. އަލީނާގެ އިބާރަތްކުރުމާއި ލިޔުމުގެ ހުނަރު ވަރަށް މޮޅެވެ. ކިޔަމުން ދިޔަ ކޮންމެ ޖުމްލައެއް ފިލްމެއްހެން ކަޔާނަށް ސިފަވަމުން ދިޔައެވެ.
އެނދުގެ ހެޑްބޯޑު މަތީގައި ބާއްވަފައިވާ ވާހަކަ ފޮތް ކަޔާން ނެގީ އަނެއްކާވެސް ވާހަކައިގެ ކުރިއަށް ހުރި ބައިތައް ކިޔާލުމުގެ ނިޔަތުގައެވެ. މާދަމާއަކީ ހުކުރު ދުވަސް ކަމުން އޮފީސް ބަންދުވާނެއެވެ. ގިނައިރު ހޭލާ ހުރެވޭނެތީ ބޭނުންވީ ކުރިއަށް ހުރިބައިތައް ކިޔާލާށެވެ.
********************
ދޮންވެލި ގަނޑު މަތީގައި ކުރުނބާ ހިފައިގެން ދެމީހުން އިށީނދެ ތިބީ އެކި ވާހަކަތައް ހިއްސާ ކުރުމުގައެވެ. އެކަކު އަނެކަކު ރަނގަޅަށް ތައާރަފްވެލިއެވެ. މަޒީނަކީ ސަރުކާރު އޮފީހެއްގައި މަސައްކަތްކުރަމުން އަންނަ ޒުވާނެއް ކަމާއި، ސްކޫލު ދައުރުން ފެށިގެން ވޮލީ ކުޅުމަކީ އޭނާ ހޮބީއެއް ގޮތަށް ކުރާ ކަމެއްކަން ޒީކަށް އެނގުނެވެ. ވާހަކަ ދެއްކުމުގައި މަޒީން ބަހައްޓާ ގާތްކަމާއި މަޑުމައިތިރިކަމާއި ފިރިހެންވަންތަ ސިފަތަކަކީ ޒީކަށް ވަރަށް ކަމުދާ ސިފަތަކެކެވެ. ދެމީހުން މިގޮތަށް ވާހަކައިގައި ތިއްބާ މަޒީންގެ ފޯނު ރިންގުވުމުން ވާހަކަ މެދުކެނޑުނެވެ.
ފޯނުގެ ޑިސްޕްލޭއަށް ބަލާލުމަށްފަހު ދޮންވެލިގަނޑު މަތިން ތެދުވެ މަޒީންގެ އަތް ޒީކަށް ދިއްކޮށްލީ ތެދުވަންވީ ނޫންހޭ ބުނާ ފަދައަކުންނެވެ. "ކިހިނެއްވީ؟..." ޒީކް ސުވާލު ކުރުމަށްފަހު މަޒީންގެ އަތުގައި ހިފާލީ ދޮންވެލިގަނޑުމަތިން ތެދުވުމުގެ ބޭނުމުގައެވެ. "އޯ.... ހާދަ މަޑޭ.." މަޒީންގެ އަތުގެ ހުދުހަން މަޑުކަމުން ޒީކަށް ލިބުނު ހައިރާންކަން ހާމަ ވިޔަ ނުދިނުމައްޓަކައި ޒީކްގެ ދުލުން ބޭރުވި ބަސްތަކުގައި ސަމާސާ ރާގެއް އެކުލަވާލިއެވެ.
"ކޯއްޗެއް؟...." މަޒީންގެ ތުންފަތް މައްޗަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. ގަބުއަރާފައި ޒީކަށް ހުރެވުނީ މަޒީނާ ދިމާލަށް ބަލަހައްޓައިގެން އާޝޯހް ވެފައެވެ.
"ވިޝާލް އެ ޓެކްސްޓް ކުރީ.... އަންނާށޯ... ހިނގާ ދާން" މަޒީން ބޭނުންވީ އެތަނުން އަވަހަށް ދާށެވެ.
ވިޝާލްމެން ތިބި ހިސާބަށް ދެވުނު އިރު އެ އެންމެން މޫދުގައި މަޖާކޮށް އުޅޭތީ ފެނުނެވެ. މޫދުގައި އެކަކު އަނެކަކު ކޮނޑަށް އަރާ މޮޅެތި ގޮތްގޮތަށް މޫދުގެ ލޮނުގަނޑަށް ފުންމަމުން ދިޔައެވެ.
ޒީކްގެ ކެމެރާ ފައިވަންމަތީ ބެހެއްޓުމަށް ފަހު މޫދަށް އެރެން ދުއްވައިގަތެވެ. މަޒީންވެސް މަޑުކުރުމެއް ނެތި ދުވެފައިގޮސް އެންމެން ތިބި ހިސާބަށް ގާތްވުމުން ފުންމާފައިގޮސް މޫދުގެ ލޮނުގަނޑުމަތީ ޖެހިގަތެވެ. އެންމެންގެ މޫނަށް ލޮނު ބުރައިގެން ދިޔައެވެ. މަޖަލުގައި މޫދުގައި ސަކަރާތް ޖަހައި އެކަކު އަނެކަކަށް ލޮނުޖަހާ ސަމާސާ ކުރަމުންދިޔައެވެ. މިހެން ތިބެ ވަގުތު ދިޔަގޮތްވެސް އެމީހުންނަކަށް ނޭނގުނެވެ.
"ހެއި... މަށަށް ހީވަނީ ދިޔަވަރު ބޮޑުވަނީ ހެން... ހިނގާ އެރަށަށް ދާން..." ޝައްފަ މިހެން ބުނުމުން ތޫބާގެ ނަޒަރު ގޮސްހުއްޓުނީ އެމީހުން ކުރިން ހިނގާފައި އެރަށަށް އައި ފަރުމައްޗާ ދިމާލަށެވެ. މިހާރު ހިކިފައިވާ ގާތަށް އެހިސާބު ފަރުމަތިން ފެންނަން ނެތުމުން އެއްމެންވެސް އަވަހަށް އެމީހަކު ގެނައި އެއްޗެއް ހިފައިގެން އެ ރަށަށް ދިއުމަށް ހިނގައިގަތެވެ.
އެހެން މީހުންނެކޭ އެއްފަދައިން ޒީކް އެނާގެ ކެމެރާ ނަގަން ދިޔައެވެ. ނަމަވެސް ކެމެރާ ފެންނަން ނެތުމުން ހިތް ނުތަނަވަސް ވިއެވެ. ގޮތް ހުސްވެފައި ދޮންވެލިގަނޑަށް ބަލަހައްޓައިގެން ހުރެވުނީ ސިކުނޑީގައި ބޮޑު ސުވާލުމާކެއް ޖަހައިގެންނެވެ. އެވަގުތު އެހިސާބަށް މަޒީން އައެވެ. އޭނާގެ ފައިވާން ބެހެއްޓި ދިމާލަށް ގުދުވެ ފައިވާން މަތީ ބާއްވާފައިވާ އޭނާގެ ފޯނު ނެގިއެވެ. ޒީކް މާޔޫސް ވެފައި ހުރިތަން ފެނުމުން އަހާލިއެވެ. "ކިހިނެއްވީ؟...."
ޒީކް ހުރީ ހަދާނެގޮތް ހުސްވެފައެވެ. "މަގޭ ކެމެރާއެއް ނެތް؟...." ޒީކް މިހެން ބުނުމުން ވަށައިގެން ވާ މާހައުލަށް މަޒީން ގެ ކަޅި ހިންގާލީ އަވަހަށް އެ ކެމެރާ ހޯދުމުގެ ނިޔަތުގައެވެ. އެވަގުތު ކުރިމަތިން ފެންނަ ހުރި ކުރެދިގަހުގެ ފަތްތަކުގެ ތެރެއިން މަޒީނަން އެ ކެމެރާ ފެނުނެވެ.
"އޭނީ.... ޒީކް ހަނދާން ނެތުނީ ދޯ ބެހެއްޓުނުތަން...." މަޒީން މިހެން ބުނަމުން ގޮސް ކެމެރާ ނަގައިދިނެވެ. އަދި އައިސް ޒީކްގެ އަތަށް ދިއްކޮށްލިއެވެ.
"ނޫން އަހަރެން ރަނގަޅަށް ހަނދާން އެބަހުރި.... އަހަރެން ކެމެރާ ބެހެއްޓީ ފައިވާން މަތީގައި... ދެން ކިހިނެއް އެހިސާބަށް އެ ދިޔައީ..." ޒީކަށް އަދިވެސް ހުރީ އެގަހުގައި ކެމެރާ ހުންނަންވީ ސަބަބު ނޭނގިފައެވެ. ސިކުނޑިތެރޭ ފުނި ޖެހެމުން އައި ސުވާލުތަކަށް ޖަވާބެއް ނުހޯދެނީސް މަޒީން ވާހަކަ ފެށިއެވެ.
"ތި ވެދާނެ ވެލި އެޅިދާނެތީ މިތަނުން މީހަކު އެތާ ބެހެއްޓީ ކަމަށް.... ދެން ހިނގާ ދާން...." މިހެން ބުނެ ޒީކްގެ އަތުގައި ހިފައި މޫދާ ދިމާލަށް މަޒީން ހިނގައިގަތެވެ.
ތެދެކެވެ. ކުރިން އެމީހުން ހުރަސް ކުރި އިރަށްވުރެ މިހާރު ދިޔަވަރު ބޮޑެވެ. ލޮނުގަނޑު ހުރީ އުނަގަނޑާ ހަމައިގައެވެ. އޮއިވަރުވެސް ބާރެވެ. މަޑު ފިޔަވަޅުތަކެއްގައި އައިސް ރަށަށް އެރުނުއިރު ޒީކްގެ ލޮލުގައި އަޅައިގަތީ އެއްކަލަ ފަޅުގެއެވެ. ކުރިން އެހިސާބުން ފެނުނު ކާޅުތަކުގެ މަތިން ހަނދާންވުމުން މަޒީނަށާއި ޒީކަށް ބަލާލެވުނީ އެ ގޭގެ މަތިން ފެންނަން ހުރި ބިޔަ ގަހަށެވެ. މިހާރު އެހިސާބުގައި ކާޅެއްގެ ނިޝާންވެސް ފެންނަން ނެތެވެ. އެކަކު އަނެކަކަށް ބަދަލު ކުރެވުނު ނަޒަރުންވެސް ދެމީހުން މިވިސްނަނީ އެއްކަމަކާއި މެދުކަން ދެމީހުންނަށް ކަށަވަރު ވިއެވެ.
އެއްއަގަމަށް އަރައިގެން އައި އިރު، މި ދަތުރުގެ ނަގާކިޔާ އެކެއް ކަމަށްވާ ވިޝާލަށް އެފަޅުގެ ކައިރީގައި ހުރި ވަޅު ފެނުމުން އެ ދިމާލަށް ކައިރިވިއެވެ. އެ ވަޅުގެ މަތީގައި ވަނީ ޓިނުގަނޑެއް ޖަހާ މަތި ބަންދުކޮށްފައެވެ. ވިޝާލް އެ ޓިނުގަނޑު ނަގާ ވަޅުގެ މަތި ހާސާ ކޮށްލިއެވެ. އަދި ވަޅުގެ ތެރެއަށް ބޯ ދިއްކޮއްލަމުން ބުނެލިއެވެ. "މީ ރީތިފެން ވަޅެއްހެން ހީވަނީ.... ދޭބަަލަ ފެންނަގާނެ އެއްޗެއް ފެނޭތޯ ބަލާލަން...."
ވަށައިގެންވާ މާހައުލުން ފެންނަގާނެ އެއްޗެއް ފެނޭތޯ އެންމެންވެސް ނަޒަރު ހިންގާލިއެވެ. ތޫބާވެސް މަޑުމަޑުން އަރިއަރިއަށް ބަލަމުން ދިޔައެވެ. އެވަގުތު ރީނދޫކުލައިގެ ހަމެއް ހިފައިގެން ލިޝާން އާއި މިންނާ އައެވެ. ރުކަށް އަރަން ގެންގުޅުނު ވަޅިޔާއި ރޯނުބޮނޑި ނަގައި ހަން ބުރިކޮށްލުމަށްފަހު އޭގެ އަތްގަޑު ހުރި ދިމާލުގައި ރޯނުގަނޑު އައްސާލިއެވެ. އަދި އެ ހަން ބުރި ވަޅުތެރެއަށް ބަންޑުން ވާގޮތަށް ވައްޓާލިއެވެ.
ހަމަށް ފެންއެޅި އަޑިއަށް ދާން ފެށުމުން ވަލުގައި ހިފާ ދަމަމުން އެ ހަންބުރި ވަޅުން މައްޗަށް ނެގިއެވެ. ހުރިހާ އެންމެން އެއްވެ އެ ފެނުގައި އަތްލާ ވަސްބަލާލިއެވެ. ސާފު ފެންކަން ޔަގީން ވުމުން އަގަޔަށް ކޯވަރެއްހާ ފެންފޮދެއް ލިއެވެ. ސާފު ފެެނެވެ. އެހެން ކަމުން އެންމެންވެސް އެފެނުން ހަށިގަނޑުގައިވާ ލޮނުކަން ފިލުވާލަން ފެންވަރާލިއެވެ.
އިރުއޮއްސޭ ދަޅައަށް އެޅި ހަވީރު ފިންޏަށް ޖެހެމުން ދިޔަ ވައިރޯޅިން ޒީކް ހުރީ ވަރަށް ބޮޑަށް ހީކަރުވާފައެވެ. ލައިގެން ހުރި ތެތް ހެދުން ބަދަލު ކޮށްލަން ބޭނުންވިއެވެ. އެންމެން އެކުއެކީގައި ރަށުތެރެއިން ދެވެން ހުރި މަގުތަކުން ޓެންޓުތަކާ ދިމާލަށް ދިޔުމަށް ހިނގައިގަތެވެ. އެ ވަގުތު ޒީކަށް އެ ފަޅުގެއަށް ބަލާލެވުނީ ބޭއިހްތިޔާރުގައެވެ.
ފެންނަމުން ދިޔަ މަންޒަރުން އަންތަރީސް ވެފައިވާ ޒީކް އޭނާގެ ލޯ އުނގުޅާލިއެވެ. އެ މަންޒަރަކީ ހަގިގަތެއްތޯ ޔަގީން ކޮށްލާށެވެ. ދެ ލޯ އުނގުޅާލުމުން ވެސް ޒީކަށް ފެންނަމުން ދިޔަ މަންޒަރަކަށް އެއްވެސް ބަދަލެއް ނާދެއެވެ.
އެ ފަޅުގޭ ތެރެއިން ފެންނަމުން ދިޔައީ ހުދުކުލައިގެ ފޮތިގަނޑެކެވެ. އެ ފޮތިގަނޑު ދިޔައީ ވަޔާ ވިހުރެމުންނެވެ. ރާޅު ބާނި ގަނޑެއްހެން ލައްވަމުން ދިޔަ ބަނޑިތަކާ އެކީ ވަޔާއެކު ނަށަމުން ވިހުރެމުން ދިޔަ ވަގުތު އެ ފޮތިގަނޑުގެ ނިވަލުގައި މީހަކު ހުރިހެން ހީވިއެވެ.
- ނުނިމޭ -