ޗައިނާއަށް ނިސްބަތްވާ ކުންފުންޏެއް ކަމަށް ވާ ބައިޓް ޑާންސްގެ އުފެއްދުމެއްގެ ގޮތުގައި އޮތް ޓިކް ޓޮކް އެމެރިކާގައި މަނާ ކުރަން ބިލެއް ފާސް ކޮށްފިއެވެ.
ހައުސް އޮފް ރެޕްރެޒެންޓޭޓިވުން ބިލް ފާސްކޮށް ބުނެފައި ވަނީ ޓިކް ޓޮކް ވިއްކާ ލުމަށާއި 165 ދުވަހުގެ ތެރޭގައި އެ މުއާމަލާތް ނުހިންގައިފި ނަމަ އެމެރިކާގައި ޓިކް ޓޮކް ބޭނުން ނުކުރެވޭނެ ކަމަަށެވެ.
ގާނޫނު ހަދާ މަޖިލީހުގެ ތިރި ގޭގެ އިއްތިފާގުން މި ބިލް ފާސް ކުރި ނަމަވެސް އަމަލު ކުރާނީ މަތިގެ ސެނޭޓުން ފާސްކޮށް ރައީސް ޖޯ ބައިޑަން ތަސްދީގު ކުރެއްވީމައެވެ.
2012 ގައި އުފަންވި ބައިޓްޑާންސްގެ މިލްކުވެރިކަން ޓިކްޓޮކްގެ މައްޗަށް އޮތުމުން އެމެރިކާއިން ބުނަމުން ދާ ވާހަކަ އަކީ އެ އެޕްގެ އެހީގައި އެމެރިކާގެ ރައްޔިތުންގެ ޒާތީ މައުލޫމާތުގެ އިތުރުން އެމެރިކާއާ ގުޅޭ ހައްސާސް މައުލޫމާތު ޖާސޫސް ކޮށްގެން ހޯދާ ކަމަށެވެ. އެހެން ކަމުން އެޕް ބަންދު ކުރުން ނޫނީ އެޕް އެހެން ބަޔަކަށް ވިއްކާލުން ނޫން ގޮތެއް ނެތް ކަމަށެވެ.
ޓިކް ޓޮކްގައި އެމެރިކާގައި އެކަނި 150 މިލިއަން ޔޫޒާސް ތިބި އިރު ފޭސްބްކް، އެކްސް، އަދި އެފަދަ އެހެން އެޕްތަކާ ވާދަ ކުރާ އެޕަކީ ޓިކްޓޮކެވެ. އެމެރިކާގެ އެތައް ރައްޔިތުންނެއްގެ ދިރިއުޅުމުގެ ބަޔަކަށް ވެފައި ވާ ޓިކް ޓޮކް ބަންދު ކުރާ މައްސަލައިގައި ބައެއް އާންމުން ބުނީ، އެމީހުން ދިރިއުޅުމަށް އެއްވެސް ކަމެއް ކުރަން ނުކެރި ތިބި ހާލަތެއްގައި އުފަންވެގެން އައި ޓިކް ޓޮކްގެ އެހީގައި ވިޔަފާރިއެއް ފަށާއި، އެތައް ހާސް ކަސްޓަމަރުންނެއް ލިބި ހިދުމަތް ފުޅާވެ އާމްދަނީ ލިބެމުން ދާ ކަމަށެވެ. އެެހެން އެކަން އޮއްވާ ޓިކް ޓޮކް ބަންދު ކުރުމަކީ އެއްގޮތަކަށް ވެސް ބަލައިގަންނާނެ ކަމެއް ނޫން ކަމަށާއި ޓިކް ޓޮކާއި ޗައިނާ އާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި އެކަން އެ ކުންފުނީމުގެ ސީއީއޯވެސް ޔަގީން ކޮށްދީފައި ވާ ކަމަށާއި އެމެރިކާގެ ޔޫޒާސް ގެ ޑޭޓާ ހުންނަނީ އެމެރިކާގައި ކަމަށާއި އެ ބްރީޗް ވެ ނުވަތަ ލީކްވުން ފަދަ އެއްވެސް ކަމެއް ނުހިނގާނެ ކަމަށް ސީއީއޯ ބުނެފައި ވެއެވެ.
ޓިކް ޓޮކް ހުއްޓުވުމުގެ ފަހަތުގައި އިންޓަނެޓް ބައެއް ޖަޔަންޓް ކުންފުނިތައް ހިމެނޭ ކަމުގެ އަޑުތައް ވެސް ފެތުރިފައި ވާ އިރު އެމެރިކާއިން ދައްކަމުން ދާ ބަހަނާ އަކީ އެ އެޕްގެ ޒަރީއާއިން ޗައިނާއިން އެމެރިކާ އަށް ޖާސޫސް ކުރާ ކަމުގެ ބަހަނާއެވެ.