ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ގެނައި އަސްކަރީ ޑްރޯންތައް ޓެސްޓްކުރަން ފަށައިފިއެވެ.

ރައީސް ޑރ. މުހަައްމަދު މުއިއްޒު ތުރުކީ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އެ ގައުމުން އުފައްދާ އަސްކަރީ އުޅަނދުތައް ބެއްލެވިއެވެ. އަދި، ރާއްޖެ އަށް އަސްކަރީ ޑްރޯން ހޯދުމަށް ތުރުކީގެ ކުންފުންޏަކާއެކު އެއްބަސްވުމެއް ހަދާ ގެނައި ޑްރޯންތައް ނ. މާފަރުގައި އޮޕަރޭޓް ކުރުމަށް ސަރުކާރުން ނިންމާފައިވާއިރު އެ ރަށުގައި ބޭސް ހެދުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޑްރޯން ބޭސްއެއް އެޅުމުގެ މަސައްކަތަކަށް ބޭނުންވާ ތަކެތި މާލެ އިން އެ ރަށަށް ގެންގޮސްފައި ވަނީ މި މަހުގެ 5 ވަނަ ދުވަހުއެވެ. މީގެއިތުރުން ޑްރޯންތައް ބޭނުންކުރާނެ ގޮތުގެ ތަމްރީނު ހޯދުމަށް ދިވެހި ސިފައިންގެ ހާއްސަ ޓީމެއް މިހާރު ވަނީ ތުރުކީއަށްވެސް ގޮސްފައެވެ.

އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުގައި ރ. މީދޫގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު 24 ގަޑިއިރު އަމިއްލައަށް ބެލެހެއްޓުމުގެ ގާބިލްކަން މި ސަރުކާރުން ގާއިމްކުރާނެ ކަމަށާއި، މި މަސައްކަތް މި މަހު ފެށިގެންދާނެކަމަށްވެސް ވިދާޅުވެފައެވެ.

ރައީސް ޑރ. މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅުތަކުގެ ތެރެއިން އެންމެ ފުރަތަމަ ކުރައްވާނެ ކަމެއްގެ ގޮތުގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ މިނިވަން ކަން ހިމާޔަތް ކުރުމައްޓަކައި އިސްތިގްލާލް ސަލާމަތް ކުރުމާއި މި ގައުމުގައި ބޭރުގެ ސިފައިން ތިބި ތިބުން ނިމުމަމަކަށް ގެނައުމެވެ. އައްޑޫ ސިޓީއަށް ރައީސް މުއިއްޒު ކުރައްވާ ދަތުރުފުޅުގައި ފޭދޫ އާއި ހިތަދޫ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ، އެކަމަކީ ރިވެތި އުސޫލުގެ މަތިން ޑިޕްލޮމަސީގެ ތެރެއިން އެ އޮންނަ ޕްރޮފެޝަނަލް މިންގަނޑުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި ވާހަކަ ދެކެވިގެން ކުރެވޭނެ ކަމެއް ކަމަށެވެ.