ސިފައިން ސެކިއުރިޓީ ބަލަހައްޓާ ސަރަހައްދު ތަކުގައި ޑްރޯން އުދުއްސާ މައްސަލަ ބޮޑުވެ، ހުއްދަ ނުހޯދާ ޑްރޯން އަރުވާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް، ޑިފެންސް މިނިސްޓްރީން މިއަދު ބުނެފިއެވެ.

އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ، ސިފައިން ސެކިއުރިޓީ ބަލަހައްޓާ ސަރަހައްދުތަކާއި އެއާޕޯޓުތައް ހިމެނޭ ސަރަހައްދު ތަކުގައި ޑްރޯން އުދުއްސާ މިންވަރު އިތުރުވެފައިވާ ކަމަށާއި، މިއީ އެ ތަންތަނުގެ ސަލާމަތާއި ވައިގެ ދަތުރުފަތުރަށް ނުރައްކަލެއް ކުރިމަތިވެދާނެ އަމަލުތަކެއް ކަމަށެވެ.

ޑްރޯން އުދުއްސުމުގެ ކުރިން މިނިސްޓްރީގެ ހުއްދަ ހޯދުމަށް މީގެ ކުރިން ވެސް އާންމުކޮށް އަންގާފައިވާކަން ފާހަގަކޮށް މިނިސްޓްރީން ވަނީ، ޑްރޯން އުދުއްސުމުގެ ހުއްދައަށް ރަސްމީ ބަންދުނޫން ތިން ދުވަހުގެ ކުރިން ހުށަހަޅަން އަންގައިފައެވެ. އަދި ހުއްދަ ނުހޯދާ ޑްރޯން އުދުއްސާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ހުއްދަ ނުހޯދާ އުދުއްސާ ޑްރޯންތަކާ މެދު އެ މިނިސްޓްރީން އަޅާ ފިޔަވަޅަކާ ގުޅިގެން އެ ތަކެއްޗަށް ލިބޭ ގެއްލުމެއްގެ ޒިންމާ އެ މިނިސްޓްރީން ނުނަގާނެ ކަމަށް ވެސް ޑިފެންސް މިނިސްޓްރީން ބުންޏެވެ.

ޑިފެންސް މިނިސްޓްރީން ވަނީ، ޑްރޯން އުދުއްސުމުގެ ހުއްދައަށް އެދޭ އިރު އެ ސަރަހައްދެއް ރަނގަޅަށް އެނގޭނެ ފަދަ ގޮތަކަށް އެ ސަަރަހައްދުގެ ޗާޓެއް ހުށަހަޅަންޖެހޭނެ ކަމަށާއި، އާބަން ސަރަހައްދުތަކުގައި ޑްރޯން އުދުއްސުމަށް ހުއްދަ ދޭނީ 50 މީޓަރުގެ ރޭޑިއަހެއްގައި، އަދި ކަނޑުގެ ސަރަހައްދުތަކުގައި ޑްރޯން އޮޕަރޭޓް ކުރުމަށް ހުއްދަ ދޭނީ 150 މީޓަރު ރޭޑިއަހެއްގައި ކަން މީގެ ކުރިން ބުނެފައެވެ.