ރާއްޖޭގެ އަސްކަރީ ބާރު ވަރުގަދަކުރުމަށްޓަކައި ތުރުކީވިލާތުން ޑްރޯން ގަތުމަށް ހިންގި މުއާމާލާތުގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ އަމަލުތައް ހިންގިކަމަށް ތުހުމަތުކޮށް، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މިކަން ބެލުމަށް މައި އިދިކޮޅު ޕާޓީ އެމްޑީޕީން ގޮވާލައިފިއެވެ.

އެމްޑީޕީގެ އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތަރުޖަމާނު އަދި މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސާ ވިދާޅުވީ، ރާއްޖޭގެ އަސްކަރީ ބާރު ވަރުގަދަކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެމްޑީޕީން ތާއީދުކުރާ ކަމަށާއި، އެކަމަކު ދައުލަތުގެ ބަޖެޓުން ކުރެވޭ ހަރަދުގެ ތަފްސީލު އާންމުންނަށް ހާމަކުރަން ޖެހޭނެ ކަމަށެވެ.

އީސާ ވިދާޅުވީ، މިދިޔަ ހުކުރު ދުވަހު ސަރުކާރުން އިފްތިތާހުކުރި ތިން ޑްރޯންގެ ތެރެއިން ދެ ޑްރޯން ގަތުމަށް ސަރުކާރުން ހަރަދުކުރި ކަމާއި ތުރުކީވިލާތުގެ ސަރުކާރުން އެއް ޑްރޯން ހިލޭ ދިން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ކަމަށާއި، އެހެންކަމުން ދެ ޑްރޯން ގަތުމަށް ސަރުކާރުން 39 މިލިއަން ޑޮލަރު ހަރަދުކުރި ގޮތް ސާފުނުވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން ޑްރޯން ގަތުމަށް ހަރަދުކުރީ ރަށްރަށުގައި ސަރުކާރުން ހިންގަމުން ދިޔަ އެތައް މަޝްރޫއެއް ހުއްޓުވުމަށް ފަހުގައެވެ.

"މި މުއާމަލާތުގެ ތެރޭގަ ސިއްސައިގެންދާ ވަރުގެ ބޮޑެތި ކޮރަޕްޝަންތައް ހިނގާފަ އޮތް ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ، އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުންނަށް ގޮވާލަން ބޭނުން، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އަށް މި މުއާމަލާތުގެ ތަފްސީލު ގެނެސް ދައުލަތަށް މި މުއާމަލާތުގެ ތެރެއިން ގެއްލިފަ އޮތީ [ކިހާވަރެއްތޯ ބަލަން]،" އީސާ ވިދާޅުވިއެވެ.

"ރައްޔިތުންގެ ޓެކްސް ފައިސާގެ ތެރެއިން ކިތައް މިލިއަން ޑޮލަރުތޯ ބަލައި ރައްޔިތުންނަށް އެކަން ހާމަކޮށްދިނުމުގެ މަސައްކަތް މި ޕާޓީން އިރާދަކުރެއްވިއްޔާ އެ މަސައްކަތް ކުރާނެ ވާހަކަ ތިޔަ ބޭފުޅުންނަށް ވަރަށް ޔަގީންކަމާ އެކު ދަންނަވަން،"