ދިވެހިރާއްޖެ ގެނެސްފައިވާ އަސްކަރީ ޑްރޯންގެ އެހީގައި ރާއްޖޭގެ އިގުތިސާދީ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް މިއަދު ފަށަން ސަރުކާރުން ނިންމައިފިއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް މި ސަރުކާރުން ތުރުކީ އިން ގެނެސްފައިވާ އަސްކަރީ ޑްރޯން މާފަރުގައި އެމްއެންޑީއެފްއިން ވަނީ ޓެސްޓް ކޮށްފައެވެ.

ރައީސް ޑރ. މުހަައްމަދު މުއިއްޒު ތުރުކީ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ރާއްޖެ އަށް އަސްކަރީ ޑްރޯން ހޯދުމަށް ތުރުކީގެ ކުންފުންޏަކާ އެކު އެއްބަސްވުމެއް ހެދިނަމަވެސް އެކަމު ގެ ތަފްސީލެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޑްރޯން ބޭސް އެއް ނ. މާފަރުގައި އެޅުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި އެ މަސައްކަތަކަށް ބޭނުންވާ ތަކެތި މާލެ އިން އެ ރަށަށް ގެންދިޔައީ މި މަހުގެ 5 ވަނަ ދުވަހުއެވެ. މީގެ އިރުރުން ދިވެހި ސިފައިންގެ ހާއްސަ ޓީމެއް ވަނީ ތުރުކީއަށްވެސް ގޮސް ޑްރޯން ބޭނުންކުރާނެ ގޮތުގެ ތަމްރީނު ހޯދާފައެވެ.

އެ ޑްރޯންތަކާބެހޭ މައުލޫމާތު ސަރުކާރުން އަދި ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި އެއީ "ބައިރަކްތާރު ޓީބީ2" ޑްރޯން އެވެ. މި ޑްރޯންތަކަކީ 18،000 އަދި 25،000 ފޫޓު މަތިން އުދުއްސޭނެ އުޅަނދުތަކެކެވެ.

300 ކިލޯމީޓަރު ދުރުން މަރުކަޒަށް މައުލޫމާތު ފޯރުކޮށްދިނުމުގެ ގާބިލްކަން ލިބިފައިވާ މި ޑްރޯންތަކަށް ހުއްޓުމެއް ނެތި 27-50 ގަޑިއިރު އުދުހުމުގެ ގާބިލްކަން ވެސް ލިބިފައިވެއެވެ. އަދި ބޭނުންނަމަ ހަތިޔާރު ހަރުކުރެވޭ މި ޑްރޯންގެ ބޮޑުމިނަކީ 21 ފޫޓެވެ.

މީގެ އިތުރުން 70 އާއި 120 ކިލޯމީޓަރާ ދެމެދުގެ ބާރުމިނުގައި އުދުހެވޭ މި އުޅަނދުތަކަކީ ނައިޓް ވިޝަން ކޭޕަބިލިޓީ އާއެކު ރޭގަނޑުވެސް ވަގުތުން އިމޭޖާއި ވީޑިއޯ ފޮނުވޭނެ އުޅަނދެކެވެ.

އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުގައި ރ. މީދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު 24 ގަޑިއިރު އަމިއްލައަށް ބެލެހެއްޓުމުގެ ގާބިލްކަން މި ސަރުކާރުން ގާއިމްކުރާނެ ކަމަށާއި، މި މަސައްކަތް މި މަހު ފެށިގެންދާނެ ކަމަށްވެސް ވިދާޅުވެފައެވެ.