ޑްރޯންތައް އޮޕަރޭޓްކުރުމުގެ ހުރިހާ ކަމެއްވެސް ކުރާނީ ދިވެހި ސިފައިން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ މއ. ނައިޓްލައިޓް، މުހައްމަދު އިހްސާން ރައީސްއާ ކުރި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

އިހްސާން ބުނީ މީގެ ކުރިން ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުތައް އެހެން ގައުމެއްގެ ސިފައިން ގެނެސްގެން ބެލެހެއްޓި ބެލެހެއްޓުން ނިމުމަކަށް ގެނެސްފައިވާއިރު އަލަށް މި ގެނެވުނު ޑްރޯންތައް އޮޕަރޭޓްކުރަނީ ބޭރުގެ އެހެން އެއްވެސް ގައުމެއްގެ އެހީތެެރިކަމާއެކުގައިތޯ ނުވަތަ 100 ޕަސެންޓް ދިވެހިން ހިމަނައިގެންތޯ ކަމަށެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ބޭރުގެ ސިފައިން ރާއްޖޭގައި ތިބޭ ގޮތަކަށް އެއްވެސް ސިޔާސަތެއް ނުގެންގުޅުއްވާ ކަމަށާއި އެހަށް ދުވަހު ތައާރަފްކުރި ސިފައިންގެ އެއާ ކޯ ސާވިސް އާއި ޔޫއައިވީ ޑްރޯންތައް އޮޕަރޭޓްކުރުމުގައިވެސް ބޭރުގެ ސިފައިން ނުތިބޭނެ ކަމަށެވެ. އަދި އެތަކެތި އޮޕަރޭޓްކުރުމުގައި އެއްވެސް ގައުމެއްގެ ސިފައިންގެ އެހީތެރިވާކަށްވެސް ރާއްޖޭގައި ނުތިބޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާރުވެސް ޑްރޯންތައް ދުއްވަނީ ތުރީކީއަށް ރާއްޖޭގެ ސިފައިން ގޮސް އެތަނުން ތަމްރީން ހޯދައިގެން އައިސް ކަަމަށާއި ކުރިއަށް އޮތްތަނުގައި ވެސް އިތުރު ބެޗްތައް ތަމްރީން ހޯދަންދާނެ ކަމަށެވެ. އަދި މިހާރުވެސް ދިވެހި ސިފައިން ތަމްރީނަށް ގޮސްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޑްރޯންތައް އުދުހުމުގައި ހުރިހާ ކަމެއްވެސް ކުރާނީ ދިވެހި ސިފައިން ކަމަށެވެ.