21 އަހަރު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހިދުމަތް ކުރެއްވުމަށްފަހު އީސީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އިސްމާއީލް ހަބީބް އެ ކޮމިޝަނުން ވަކިވެވަޑައިގެންފިއެވެ.

ހަބީބް އީސީއިން ވަކިވެވަޑައިގެންފައި ވަނީ އީސީގެ މެންބަރެއްގެ ގޮތުގައި 2 ދައުރު އަދާ ކުރުމަށްފަހުއެވެ. އީސީގެ މެންބަރު ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ވެސް ހަބީބް ވަނީ އިސީގައި 11 ވަރަކަށް އަހަރު މަސައްކަތް ކުރައްވާފައެވެ.

އީސީއިން ވަކިވެވަޑައިގެންކަން ހާމަކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހަބީބް ވިދާޅުވީ އާންމު އިންތިހާބުތައް ރާވާ ހިންގުމާއި އިންތިހާބުތަކާ ބެހޭ އޮފީހުގެ މުވައްޒަފެއްގެ ހައިސިއްޔަތުން އަދި އީސީގެ މެންބަރެއްގެ ހައިސިއްޔަތުން ރައްޔިތުންނަށް ހިދުމަތް ކުރަން ލިބުނު 21 އަހަރު ދުވަހަކީ ދެމިހުންނާނެ ތަޖުރިބާއެއް ކަމަށެވެ.

ހަބީބްގެ ދައުރު ހަމަވުމާއެކު، އިލެކްޝަންސް ކޮމިޝަނުގެ ގާނޫނުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން 2024 އީސީއިން ވަނީ މިއަދު ބޭއްވި އެ ކޮމިޝަނުގެ 820 ވަނަ އާންމު ޖަލްސާއިން އީސީގެ ނައިބު ރައީސްގެ މަގާމަށް މެންބަރަކު ކަނޑައަޅާފައެވެ. އީސީގެ އާ ނައިބު ރައީސްއަކަށް އައްޔަން ކޮށްފައި ވަނީ މިހާރު ވެސް އީސީގެ މެންބަރެއްގެ ގޮތުގައި ހުންނެވި އަލީ ނަޝާތު އެވެ.

ނަޝާތު އީސީގެ ނައިބު ރައީސްގެ މަގާމަށް އައްޔަންކޮށްފައިވާއިރު އޭނާ ވަނީ އީސީގެ މެންބަރު ކަމުގެ 1 ދައުރު ފުރިހަމަކުރައްވާފައެވެ. އަދި އީސީގެ މެންބަރުކަމުގެ 2 ވަނަ ދައުރަކަށް އޭނާ އައްޔަންކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ.