ރައްޔިތުންގެ މަޖިލީހުގެ ކޯރަމް ގުނާ އިރު ޖުމްލަ މެންބަރުން ގުނުމުގައި މިހާރު މެންބަރުން ނެތް ހުސްގޮނޑިތައް ވެސް ހިމަނައިގެން ގުނަން ޖެހޭ ކަމަށް ބުނެ ސުޕްރީމް ކޯޓުން ކުރި ހުކުމަށް އަމަލު ނުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ސުޕްރީމް ކޯޓުގެ ހުކުމަށް އަމަލުނުކޮށް، މަޖިލީހުގެ ޖުމްލަ އަދަދަކީ 80 ކަމަށް ބަލައިގެން މަޖިލިސް ޖަލްސާތައް ކުރިއަށް ގެންދިއުމަށް ހުށަހެޅުއްވީ ވިލިނގިލީ ދާއިރާގެ އެމްޑީޕީ މެންބަރު ސައުދު ހުސައިން އެވެ. ސައުދުގެ މި ހުށަހެޅުމަށް ތާއީދު ކުރެއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އެވެ.

މި ހުށަހެޅުމަށް މިއަދު މަޖިލީހުގައި ވޯޓަށް އަހާފައިވާ އިރު އެ ގޮތަށް މަޖިލީހުން ފާސްކޮށްފައި ވަނީ 25 މެންބަރުންގެ ވޯޓުންނެވެ. ވޯޓުގައި ބައިވެރިވި މެންބަރުންގެ ތެރެއިން ނުފެންނަ ކަމަށް ވޯޓު ދެއްވީ ދެ މެންބަރުންނެވެ. މި ހުށަހެޅުން ފާސްވުމުން ދެން ޖަލްސާތަކުގައި މަޖިލީހުގެ މެންބަރުންގެ އަދަދަކަށް ބަލާނީ 80 ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވިއެވެ.

ސަރުކާރު ބަދަލުވުމާ ގުޅިގެން ނައިބު ރައީސް ހިމެނޭ ގޮތަށް ސަރުކާރުގެ އެކި މަގާމުތަކަށް ވަޑައިގަތުމަށް 7 މެންބަރަކު ވަނީ އިސްތިއުފާ ދެއްވާފައެވެ. އެއާއެކު މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ އެމްޑީޕީން ވަނީ ޖުމްލަ މެންބަރުން ގުނާއިރު އެ ހަތް މެންބަރުން ނުހިމަނާ ގޮތަށް މަޖިލީހުގެ ގަވާއިދު އިސްލާހު ކޮށްފައެވެ.

ނަމަވެސް އެ މާއްދާތަކަށް އިސްލާހު ގެނެސްފައި ވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ހުކުމް ކޮށްފައެވެ. އެ މައްސައިގައި ހުކުމް ކުރުމުގެ ކުރިން އެ މާއްދާތައް ބާތިލު ކޮށްފައިވާތީ، ކޯޓުން އަޅައިދެވޭނެ ފިޔަވަޅެއް ނެތް ކަމަށް ވެސް ސުޕްރީމް ކޯޓުން އިއްވި ހުކުމްގައި ބުނެފައި ވެއެވެ.

މިއަދު ބާތިލް ކުރަން ހުށަހެޅި މާއްދާގައި ބުނަނީ، "މެންބަރުކަމުން ވަކިވުމުގެ ސަބަބުން މެންބަރުކަމުގެ ގޮނޑި ހުސްވި ތާރީހުން ފެށިގެން މަޖިލީހުގެ ކުރިއަށް އޮތް އާންމު އިންތިހާބާ ދެމެދު ހަ މަސް ދުވަސް ނުވަތަ އެއަށްވުރެން ކުރު މުއްދަތެއް އޮތުމުން އެ ހުސްވި ގޮނޑިއަކަށް މެންބަރަކު އިންތިހާބު ކުރެވެން ނެތް ހާލަތުގައި، ޖުމްލަ މެންބަރުންގެ އަދަދު ގުނުމުގައި އެ ހުސްވި ގޮނޑި ނުހިމެނޭނެ" ކަމަށެވެ.

އެއާއެކު ޖަލްސާ ފައްޓަވަމުން އަސްލަމް ވިދާޅުވީ، ސުޕްރީމް ކޯޓުން ކުރި ހުކުމުން މަޖިލީހުގެ ގަވާއިދަށް ގެނައި ބަދަލު ގާނޫނުއަސާސީއާ ހިލާފު ކަމަށް ކަނޑައަޅާފައިވާތީ، ގަވާއިދަށް ގެނައި އިސްލާހު އުވާލަން ހުށަހަޅުއްވާ ކަމަށެވެ.