ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) ދިރިއުޅުއްވާ ހިލާލީގެއިން ނުކުމެވަޑައިގެންނެވި ކަމަށް ސޯޝަލްމީޑިއާގައި ފެތުރޭ ވާހަކަތައް އެމަނިކުފާނު ދޮގު ކުރައްވައިފިއެވެ.

ނައިބު ރައީސުންނަށް ހާއްސަކޮށްފައިވާ ގެކޮޅު ކަމަށްވާ ހިލާލީ ގެއިން ނުކުމެވަޑައިގެން ހުޅުމާލޭގައި ހުންނަ އެމަނިކުފާނުގެ އެޕާޓްމަންޓަކަށް ބަދަލުވެވަޑައިގެންފައި ވާ ކަމަށް ބުނެ މީޑީއާއަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ނައިބު ރައީސަށް އެގޮތައް ކަންތައް ކުރައްވަން މަޖުބޫރުވީ ރައީސް މުއިއްޒު އެމަނިކުފާނު ކުރައްވާ ހުރިހާ ކަމަކަށް ޖާސޫސް ކުރައްވާތީ ކަމަށާއި ނައިބު ރައީސް ހުސައިންގެ ފޯނަށް އަންނަ މެސެޖްތަކާއި ބައްދަލު ކުރަން އަންނަ ފަރާތްތަކުގެ މައުލޫމާތު ހިލާލީގޭގައި ރައީސް މުއިއްޒު ޖާސޫސް ކުރަން ބަހައްޓަވާފައިވާ މުވައްޒަފުން ބަލަމުން ގެންދާކަން ޔަގީން ވުމުން ކަމަށް އެ މިޑީއާއިން ރިޕޯޓުކޮށްފައި ވެއެވެ.

އެމަނިކުފާނު ހިލާލީ ގެއިން ނިކުމެވަޑައިގަތީ އެ ގެކޮޅު މަރާމަތު ކުރަން ޖެހޭކަމަށް ވިދާޅުވެ ނަމަވެސް ހިލާލީ ގެ ވަނީ ދާދި ފަހުން ބޮޑެތި މަރާމާތުތަކެއް ކޮށްފައި ކަމަށް އެ މީޑީއާގެ ރިޕޯޓުގައި ވެއެވެ.

https://www.facebook.com/HucenSembe/posts/911165094349249

އެ ވާހަކަތައް ދޮގު ކުރައްވަމުން ނައިބު ރައީސް ހުސެއިން ފޭސްބުކްގައި ކުރެެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެއީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި މުޅި މުޖްތަމައުގެ މަސްލަހަތު ހިމެނޭ މިފަދަ ވާހަތައް ފެތުރުމުގެ ކުރިން ކަމުގެ ހަގީގަތް އޮޅުން ފިލުވުމަކީ މުހިންމު ކަމެއް ކަމަށް ހުސެއިން ވިދާޅުވިއެވެ. "މިފަދަ ދޮގު ވާހަކަތައް ފެތުރުމަކީ މުޖުތަމުގައި ފިތުނަ ފަސާދަ އިތުރުވެ މަސްލަހަތު ގެއްލޭނެ ކަމެއް. މިފަދަ ދޮގު ވާހަކަތައް ނުފެތުރުމަށް ގޮވާލަން" ހުސެއިން ޕޯސްޓުގައިވެއެވެ.

ހިލާލީގޭގައި މަރާމާތުގެ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާތީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ދިރިއުޅުއްވަމުން ގެންދަވަނީ އަމިއްލަ ގެކޮޅުގައެވެ. ވެރިކަމަށް ވަޑައިގަތް ފަހުން އަދި ހިލާލީ ގެއަށް އެމަނިކުފާނު ދިރިއުޅުން ބަދަލު ކުރައްވާފައި ނުވާކަމަށް ނައިބު ރައީސް ވަނީ ވިދާޅުވެފައެވެ. ނަމަވެސް މި ރޯދަ މަހުގެ ތެރޭގައި ނައިބު ރައީސް ހިލާލީގެއަށް ބަދަލުވާނެ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.

ހަމައެފަދައިން ރައީސް ވެސް ވެރިކަމަށް ވަޑައިގަތުމަށްފަހު ފުރަތަމަ ދެ މަހެއްހާ ދުވަހު ދިރިއުޅުއްވީ އަމިއްލަ ގެކޮޅު ކަމަށްވާ ދިމްޔާތުގައެވެ. މަރާމާތުގެ މަސައްކަތަށްފަހު ރައީސްގެ ދެ ކަނބަލުން މުލިއާގެއަށް ބަދަލުވެވަޑައިތީ މިދިޔަ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހުއެވެ.