މާލެތެރޭގައި އާދަޔާ ހިލާފަށް ކުނި ގިނަވެ މާލެ ސިޓީ ކައުންސިލުން މާލެތެރެ ސާފުކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށް އެބަދެއެވެ.

އެ ކައުންސިލުން ބުނީ 11 ވީ ހޯމަ ދުވަހުގެ ރޭ 09:00 އިން މެންދަމު 01:00 އަށް 350 ކިލޯގެ 17 ޕިކަޕު އަދި 1.5 ޓަނުގެ 11 ޕިކަޕުގެ ކުނި ރޭ އެކަނިވެސް އުކާލާފައިވާ ކަމަށެވެ.

މިކަމާއި ގުޅިގެން އިތުރު ތަފްސީލު ހާމަކުރައްވަމުން މޭލެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، އެންމެ 4 ގަޑިއިރުން 22.5 ޓަނުގެ ކުނި ސިޓީ ކައުންސިލްގެ ހީވާގި މުވައްޒަފުން އުކާލާފައިވާ ކަމަށެވެ. އަދި މިދިޔަ 16 ދުވަސްތެރޭ 222.5 ޓަނުގެ ކުނި މާލެ ތެރެއިން ނެގިފައިވާ ކަމަށާއި މިއީ 25 ފޫޓުގެ 9 ކޮނޓޭނަރުގެ ކުނި ކަމަށް އާޒިމް ވިދާޅުވިއެވެ.

މިއީ ރޯދައަށް މީހުން ގެތައް ސާފުކޮށް މަގުމައްޗަށް ނެރެފައިވާ ބާ ފަރުނީޗަރާއި އެހެނިހެން ހިފާ ގެންގުޅޭ ސާމާނުތަކެވެ. މިފދަ ކުނި ފުނި ފުނިން މުޅި މާލެ ފުރާލާފައިވާއިރު އެކަމުގެ ސަބަބުން ވެހިކަލްތައް ޕާކުކުރާނެ ސަރަހައްދު ކުޑަވެ، ހިނގާ ބިނގާވެ އުޅޭ މީހުންނަށް ކުންޏާ ހެދި ދަތިތައް ވަނީ ކުރިމަތިވެފައެވެ.

ކުނީގެ މައްސަލަ ބޮޑުވެ، މާލެ ސިޓީ ކައުންސިލާއި ވެމްކޯ ގުޅިގެން މާލެ ސާފުކުރަން ފަށައިފައިވާއިރު، މާލެ ސަރަހައްދުގެ އުފެދޭ ބޮޑު ކުނި ބުދަ ދުވަހުގެ ނިޔަލަށް ހިލޭ އުކާ ދިނުމަށް ވެމްކޯއިން ވަނީ ނިންމާފައެވެ.