ބަނޑުފުރާ ރަގަޅަށް ކައިގެން ކޮޓަރިއަށް ވަދެ އަނެއްކާވެސް ވާހަކަފޮތް ނަގައިގެން ކަޔާން އިށީނީ ކުރިއަށް ދެން ހުރިބައިތައް ކިޔާލުމަށް ޝައުގުވެރިވެގެން ހުރެއެވެ.

*** *** *** *** *** ***

އުޑުމަތި ސާފުވެފައި މޫސުން އެހާމެ ރީއްޗެވެ. މޫދުން ފެންނަމުން ދިޔަ ފުރިހަމަ ރީތި ވިލު ނޫކުލައިގެ ބާނިތަކަށް ގެއްލިފައި ޒީކް އިނީ ވަރަށް ހިތްހަމަޖެހިފައެވެ. މި ފެންނަ މަންޒަރުތަކަކީ ޒީކަށް ވަރަށް އާ މަންޒަރުތަކެކެވެ. ބަރިބަރިއަށް ހުރި ރަށްތަކެއްގެ ތެރެއަށް ލޯންޗު ވަދެ އޭގެ ދުވެލި މަޑުކޮށްލިއެވެ.

ވަށައިގެން ގާތްގާތުގައި ހުރި ރަށްތައް ފެނި ޒީކަށް ހުރެވުނީ އަނގަ ހުޅުވިފައެވެ. އަނގަ ލައްޕާލެވުނީ ކައިރީ ހުރި މީހަކު އައިސް އޭނާގެ ދަތްދޮޅީގައި އަތް ޖައްސާލުމަށް ފަހު ބުނި ޖުމްލަ އަޑު އިވިފައެވެ.

"އޭތް... ހާދަ އަނގަ ބޮޑޭ...." ޒީކަށް އިވުނު މި ޖުމްލައިން އޭނާއަށް އެވަގުތު ހުރެވުނު ގޮތް އިހުސާސްވެ ލަދުގަތެވެ. ކައިރީ ހުރި ވިޝާލް ވެސް ހިނިގަނޑެއް ޖަހާލިއެވެ. ތޫބާ ކުރި ސަމާސާއިން ޒީކް ގާތަށް ވެސް ހިނިއައެވެ.

ވަށައިގެންވާ ފަޅުރަށްތަކަށް ޒީކް ނަޒަރު ހިންގާލިއެވެ. އެވަގުތު އެންމެ ގާތުގައިވާ ފަޅުރަށުގެ ގޮނޑުދޮށާއި ލޯންޗު ކައިރި ކޮށްލިއެެވެ. ހުރިހާ އަންހެން ކުދިންތައް ގޮނޑުދޮށަށް ފޭބިއެވެ. ފިރިހެން ކުދިންތައް ފައިބައިގެން އައީ ލޯންޗަށް އެރުވި ސާމާނުތައް ހިފައިގެންނެވެ.

ދަތުރަށް ގެނައި ކުދި ޓެންޓުތައް ހިފައިގެން މަޒީން ލޯންޗުން ފޭބިއެވެ. މުޅި ރަށުގެ މަލަމައްޗަށް ނަޒަރު ހިންގާލުމަށްފަހު މަޒީނަށް ހުރެވުނީ ހިތް ނުތަނަވަސް ވެފައެވެ. ތޫބާއި އެކު ވިޝާލް އައިސް މަޒީން ގާތަށް ހުއްޓި ގޮނޑުދޮށުގައި ޓެންޓުތައް ޖެހުމަށް މަސައްކަތް ފަށައިގަތެވެ. އޭރުވެސް އިރުއިރުކޮޅާ މަޒީނަށް ރަށުތެރެއަށް ބަލާލެވެނީ ހިތަށް ކުރުވަމުންދާ ބުނެދޭން ނޭނގޭ ކަހަލަ ހިޔާލުތަކަކުންނެވެ. އެކަން ވިޝާލަށް ފާހަގަ ކުރެވުނެވެ.

"ހެއި ބްރޯ.... ކިހިނެއްވީ... ހާދަ ފާޑަކަށޭ ތިހުރީ..."

ވިޝާލް ކޮށްލި ސުވާލުން މަޒީނަށް ސިހުމެއް ލިބުނެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ހަމަޖެހިގެން ހުރިކަން ދައްކާލުމަށް ހަށިގަނޑު އިސްކޮޅަށް ދަމާލުމަށް ފަހު މަޒީން ޖަވާބުދިނެވެ. "ކީއްވެ މިރަށަށް ތި އައީ؟؟.... މިތާ ބައިވަރު ސަޅި ރަށްތައް އެބަހުއްޓެއްނު..."

"ދިޔަވަރު ހިކިފައި އޮތީމަ، ފަރުތައް ބޮޑުކަމުން ދާން އުނދަގޫވާނެ... އެހެންވެ... އެކަމު މިރަށު އެފަރާތު ފަރުމަތިން ލާފަ ޖެހިގެން ހުރި ރަށްތަކަށް ދެވޭނެ... ކުޑަ ތަންކޮޅަކަށް ފަތާލަން ޖެހުނަސް މިތިބަ ކުދިންތައް ގޮވައިގެން ދާކަށް އުނދަގުލެއް ނުވާނެ...." ވިޝާލް ޖަވާބު ދެމުން ތޫބާ ގައިގައި ކޮއްޓާލިއެވެ.

ޓެންޓުތައް ރާވަން އިން ތޫބާގެ ލޮލުގައި ދޮން ވެލިގަނޑު މަތީ އިން ޒީކް އަޅައިގަތެވެ. "މިސް ފޮޓޯގްރާފަރ" ތޫބާ މިހެން ބުނެލުމުން ވިޝާލާއި މަޒީން އެދިމާލަށް ބަލާލިއެވެ. އައްސޭރިފަށުގައި އުޅޭ ބަރަވެލިތަކާ ކުޅެ އޭގެ ފޮޓޯ ނަގަމުން ދިޔަ ޒީކް އިނީ ދޮން ވެލިގަނޑުމަތީ ކަކޫ ޖަހައިގެން ބަރަވެލިތަކާ ގާތްވުމަށް ގުދުވެގެންނެވެ. އެވަގުތު އެހިސާބަށް އައިސް އަރާ ހަމަކުރި ލީވާން ޒީކް ސަމާސާ ކޮށްލިއެވެ. "ހާދަ ބޮޑޭ....."

ޒީކް ތެދުވެ ކަކުލުގައިވާ ވެލިތައް ފޮޅާލުމަށްފަހު ލައިގެން ހުރި ސޯޓުބުރި ރީތިކޮށްލިއެވެ. "ކޯއްޗެއް؟؟...."

ލީވާންގެ ކަޅިހުރީ ޒީކަށް ހުއްޓިފައެވެ. ލާނެއް ޒާތަކަށް ޒީކުގެ ބުޑުމައްޗާއި ދިމާލަށް ބަލަން ހުރެ ލީވާން ޖަވާބު ދިނެވެ. "ބަރަވެލި"

ޒީކަށް އެވަގުތު ދުރުގައި ހުރި ތޫބާމެން ފެނުމުން އެމީހުންނާ ދިމާލަށް ދިޔުމަށް މިސްރާބުޖެހީ ލީވާންގެ ނަޒަރު ހުރިގޮތް ފެނި އެކަމާ ހިތްހަމަނުޖެހި ތުންގަނޑު ވިކަމުންނެވެ.

"ހާދަ ނައްޓާފަ...." ޒީކް އައިސް ތޫބާ ގާތުގައި ވެލިގަނޑުމަތީ އިށީނުމުން ތޫބާ އަހާލިއެވެ.

އެ ސުވާލަށް ޖަވާބު ދޭން ބޭނުން ނުވާތީ ޒީކް ވެސް ކޮށްލީ ސުވާލެކެވެ. "ކޮބާ ދެންތިބި މީހުން؟؟....އެމީހުން ކޮންތާކަށް އެ ދިޔައީ؟؟...."

"މަށަށް ހީވަނީ އަލިފާންގަނޑު ޖަހަން ބެނުންވާނެ ސާމާނު ހޯދަންހެން އެ ދިޔައީ...." ވިޝާލް މިހެން ބުނެ ފުރަތަމަ ޓެންޓް ހެދުމަށްފަހު ތެދުވެ މަޒީން ހަދަމުންދާ ޓެންޓު ރޭވުމަށް އެހީތެރިވެދިނުމަށް ކައިރިވެލިއެވެ. "މަ ވަރަށް އާވާނެ މިކަންކަމަށް.... ދަތުރެއް ނުދާތާ ވަރަށް ދުވަސް ވެއްޖެ...." ވިޝާލް އެހީތެރިވުމަށް ގާތްވެލުމުން މަޒީން ބުނެލިއެވެ.

ހަތަރު މީހުން ވެގެން ވަރަށް އަވަހަށް ފަސް ޓެންޓު ހަނދުފަޅިއެއްހެން ގާތްގާތުގައި ޖަހާލިއެވެ. ޓެންޓު ޖަހުމަށްފަހު ޓެންޓުތަކާ ދިހަ ވަރަކަށް ފޫޓު ދުރުގައި ވަޅުގަނޑެއް ކޮންނަން ފެށިއެވެ. ވަޅުގަނޑު ކޮނެ ނިމުނުއިރު ދަތުރުގެ ދެން ތިބި ބައިވެރިން ރަށުގެ އެކި ހިސާބުތަކުން ދަރާއި، ހިކިފަތާއި، އަލިފާންގަނޑު ޖަހަން ބޭނުންވާނެ ފަދަ މި ނޫން ވެސް ތަކެތި ގޯންޏަކަށް އަޅައިގެން ގެނައެވެ.

އަލިފާންގަނޑު ޖަހަން ތަކެތި އަތުރައި ތައްޔާރު ކުރުމުގައި އުޅުނީ ފިރިހެން ކުދިންނެވެ.

ހަތަރު އަންހެން ކުދިން މެންދުރުގެ ކެއުން ތައްޔާރުކުރަން ތަންކޮޅެއް ދުރުގައި ބަހައްޓާފައިވާ މޭޒުދޮށަށް ދިޔައެވެ. މޭޒުމަތީގައި އެއްތަނުން ކެއްކޭ އުނދުނަކާއި ކުޑަ ގޭސް ފުޅިއެއް ހުއްޓެވެ. ކެއްކުމަށް ބޭނުންވާ ތަކެތި ކޮށުމުގައި އެންމެން ބައިވެރިވިއެވެ.

މެންދުރުގެ ކެއުމަށް ތައްޔާރު ކުރީ މަސްބަތާއި ރިހާކުރެވެ. ކައި ނިމުމުން ހުރިހާ އަންހެން ކުދިން އެކުގައި ދިޔައީ ތަށިތައް ދޮންނާށެވެ. ތެލީގައި ބާކީހުރި ބަތްތައް މިރޭގެ ކެއުމަށް ސަރަފޯސް ޖަހާފައި ބެހެއްޓީއެވެ. ތަށިތައް ދޮވެގެން ގެނެސް މޭޒުމަތީ ބެހެއްޓުމަށް ފަހު އެންމެންގެ ވެސް އަމާޒަކަށްވީ ޖެހިގެން ހުރި ފަޅުރަށްތައް ބަލާލަން ދިޔުމެވެ. ޒީކް އޭނާގެ ފޯނު ނިއްވާލުމަށްފަހު ދަބަހަށް ލިއެވެ. ހުރިހާ ކުދިންގެ ދަބަސްތައް ބެހެއްޓީ ޓެންޓު ތެރޭގައެވެ.

ޓެންޓުން ނުކުންނަން ހިނގައިގެން ޒީކް އޭނާގެ ކެމެރާ މަތިން ހަނދާންވެގެން ކެމެރާ ނަގައި ކަރުގައި އަޅުވަމުން ތޫބާމެން ތިބި ދިމާލަށް މިސްރާބު ޖެހިއެވެ. އޭރު އެ އެންމެން ސަމާސާކޮށް މަޖާކުރަމުން ދިޔައެވެ. އެ އުފާވެރި މާހައުލުން ސަކަރާތް ޖެހުމުގައި އުޅުނު އެންމެންގެ ފޮޓޯތައް ޒީކް ނަގަމުން ދިޔައެވެ. ގޮނޑުދޮށުން ހިނގަމުން އައިސް ދެން ފެންނަން އޮތީ ރަށުގެ ގޮނޑުދޮށުގެ ފަސްގަނޑު ގިރާފައިވާ ހިސާބެކެވެ. އެހެންކަމުން ރަށުތެރެއިން ދެވެން އޮތް މަގުތަކުން ލާފައި އެރަށާއި ޖެހިގެން އޮތް ފަޅުރަށަށް ދާންް ފަރުމައްޗަށް ދިއުމަށް ހިނގައިގަތެވެ.

ރަށުތެރެއަށް ވަނުމަށް ކައިރީ ހުރި މަގުން އަޅާލި ވަގުތު ފެންނަމުން ދިޔަ މަންޒަރުން ހައިރާންވީ ޒީކް އެކަންޏެއް ނޫނެވެ. މަޒީން ވެސް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ވީރާނާވެ ހަލާކުވެފައިވާ ގެތަކެކެވެ. އެޅިގަލުން ރާނާފައިވާ ގެތައް ވަނީ ބިމާ ހަމައަށް ކުދިކުދި ވެފައެވެ. ގެތަކުގެ ފާރުތައް ވަނީ ފުނޑިގެން ބިންމައްޗަށް ފައިބާފައެވެ. ދަޅުތަކާއި ޓައްޕުތަކާއި ޑަބިޔާފަދަ އެކި ސާމާނުތައް އެއްވެސް ތަރުތީބެއްނެތި ވަށައިގެން ހުރި ތަން ފެނުނެވެ.

ގިނަ ތަކެތީގައި ވަނީ ދަބަރު ޖަހާފައެވެ. އަނެއްބައި އެއްޗެހި ހުރީ ފެހި ޖަހާފައެވެ. މުޅި ރަށުތެރޭގައި ވަނީ އެކި ފާޑުފާޑުގެ ކުނިތަކެވެ. މަގުތަކުން އެތެރެއަށް ވަންނަމުން ދިޔަ ވަރަކަށް ރަށުތެރޭން ފެންނަމުން ދިޔަ މަންޒަރުތަކުން މިއީ ކުރިން ބަޔަކު ދިރިއުޅެފައިވާ ރަށެއްކަން ފާހަގަވިއެވެ. ތޫބާމެންނަށް މިކަމުން އެއްވެސް ކަހަލަ އަސަރެއް ނުކުރާ ކަހަލައެވެ. ނަމަވެސް ޒީކް އާއި މަޒީން ހުރީ ކޮންމެވެސް ވަރަކަށް ފަސްޖެހި ބިރުގެންފައެވެެ.

މަގުތަކުގައި މަކުނުވާ ފުރާފައި ހުރިއިރު މިއިން އެއްވެސް މީހެއް ފަސް ނުޖެހި ދިޔައީ މަކުނުވާތައް އަތުން އެއްކައިރިކޮށް މަގު ހަދަމުންނެވެ.

"ޒީކޫ....... މީ ސްޕައިޑަރ މޭން އުުޅުނު ރަށޭ" ތޫބާ އެ މަކުނުވާތައް އަތުން އެއްކައިރިއަށް ޖައްސާލަމުން ބުނެލިއެވެ.

ވަށައިގެން ފެންނަމުން ދިޔަ މަންޒަރުތަކުން ޒީކް ދެތިން ފޮޓޯ ނަގާލިއެވެ. ކެމެރާގެ ލެންސުގައި ލޯޖަހައިގެން ހުރެ ވަށައިގެން ވާ މާހައުލަށް ބަލަމުން ދިޔައެވެ. ކުރިއަށް ގޮސް ޖެހިގެން އޮތް މަގަށް ލަނބާލި ވަގުތު ކުރިމަތިން ހުދުކުލައިގެ ސާލެއް ހުރަސްކުރިހެން ހީވިއެވެ. ލިބުނު ސިހުމާއި އެކީ ކައިރީހުރި މަޒީންގެ ގައިގައި ޒީކް ބައްދައިގަތެވެ.

އެ ދެމީހުންގެ ކުރިއަށް ހިނގަމުން ދިޔަ އެންމެން ފަސްއެނބުރި ބަަލާލީ ޒީކްގެ ހަޅޭކުގެ އަޑަށެވެ. މަޒީން ގައިގައި އޮޅުލައިގަނެގެން ޒީކް ހުރި ގޮތް ފެނި އެންމެން އެއްފަހަރާ ފެށީ ހޭށެވެ. އެވަގުތު އެހިސާބުން ފެންނަން ހުރި މުށި ކުލައިގެ ބޮކެއް ދައްކާލުމަށް ފަހު މަޒީން ބުންޏެވެ. "ޒީކް އެއީ ބޮކެކޭ،..."

މަޒީންގެ ހަށިގަނޑުން އަތް ދޫކޮށްލުމަށްފަހު ޒީކް އޭނާގެ އިސްތަށިގަނޑު އަތުން ރަނގަޅުކޮށްލަމުން ބުންޏެވެ. "އަސްލު... އަސްލު އެއީ ވަރަށް ފަކުރު އެއްޗެއް.... ޔަކް..ޔަކް"

"ހެހެހެ.... ދެން ފޮޓޯގްރާފަރ އޭގެ ފޮޓޯ ނަގަންވީނުން... ސަޅިއެއްނު.... އިޓްސް ނޭޗާރ... މިކަހަލަ އެއްޗިއްސެއް ނުފެންނާނެ މާލެ ސިޓީއަކުން" ތޫބާ ސަމާސާ ކޮށްލުމުން ޒީކް އެއްމިޔަކަނުން ދޫ ދިއްކޮށްލާ ތޫބާއާ ދިމާލަށް ވައްތަރު ޖައްސާލިއެވެ.

ހެމުން ސަކަރާތް ޖަހަމުން އެމީހުން ދާން ބޭނުންވާ މަންޒިލާ ހަމަައަށް ދާން އެންމެން ހިނގައިގަތެވެ. ފަރުމައްޗަށް ދެވެން ހުރި މަގުން ގޮނޑުދޮށާ ދިމާލަށް ދެވުނު އިރު ޒީކް ތަފާތު އެކި ސަރަހައްދުތަކުން ފޮޓޯ ނަގަމުން ދިޔައެވެ. އަތިރިޔާއި ކައިރިވުމަށްފަހު މަޒީން ހުއްޓުނީ ކައިރީގައި ޒީކް ނެތްކަން ފާހަގަވުމުންނެވެ. ފަސް އެނބުރި ބަލާލިއިރު އެހިސާބުގައި ވީރާނާވެފައި ހުރި ގެއަކަށް ބަލަހައްޓައިގެން ޒީކް ހުރީ ހުއްޓުން އަރާފައެވެ. މަޒީން އައިސް ޒީކް ކައިރީ ހުއްޓުމުން ޒީކް، އޭނާގެ އަތް އުފުލާލިއެވެ. އަތުގެ ޝަހާދަތް އިނގިިލި ދިއްކޮށްގެން ހުރި ދިމާލަށް މަޒީން ބަލާލީ ވަރަށް ޖެހިލުންވެ ހުރެއެވެ.

ލިބުނު ހައިރާންކަމުން އެތަނުން ދިއުމަށް ޒީކްގެ އަތުގައި ހިފުމަށްފަހު ހިނގައިގަތެވެ. ޒީކް އެދަނޑިވަޅުގައި ކެމެރާއިން އެ މަންޒަރު ފޮޓޯ ނަގާލިއެވެ. ޒީކްގެ އަތުގައި ހިފައިގެން މަޒީން މޫދުގެ ރާޅުޖަހާ ހިސާބަށް ފޭބިއެވެ. ދިޔަވަރު ހިކިފައި އޮތުމުން ވަރަށް ފަސޭހައިން ފަޅުމަތިން ހިގާފައި ޖެހިގެން އޮތް ފަޅުރަށަށް އާދެވިއްޖެއެވެ.

މެންދުރުގެ ހޫނު އަވީގައި އެހިސާބަށް ދެވުނީ ފަނަވަރަކަށް މިނެޓުންނެވެ. އޭރު އެންމެން ތިބީ ވަރުބަލިވެފައެވެ. އެހެންކަމުން ހުރިހާ ފިރިހެން ކުދިންތައް ރަށުތެރެއަށް ދިޔައީ ކުރުނބާ އެޅުމަށެވެ. ހުރިހާ އަންހެން ކުދިންތައް އަތިރިމަތީ ހުރި ގަސްތަކުގެ ހިޔާ ދަށުގައި އިށީނދެގެން ތިބީ ލަވަ ބާޒީ ކުޅޭށެވެ.

ކިޔަމުން ދިޔަ ލަވަތަކާއި އެއްވަރަށް އަތްޖަހަމުން ދިޔަ ޒީކްގެ ނަޒަރު ގޮސް ހުއްޓުނީ ކުރިމަތިން ފެންނަން އޮތް ފަޅު ރަށަށެވެ. ދެންމެ އެމީހުން އެ އައީ އެ ރަށުންނެވެ. އެރަށުގެ މަލަމަތި ކިތަންމެހާވެސް ބިރުވެރިއެވެ. އެ ބޮޑު ފަޅުގެއަށް ޒީކްގެ ނަޒަރު ގޮސް ހުއްޓުމުން ހަނދާންވީ ކެމެރާއިން ނެގި ފޮޓޯގަނޑު މަތިންނެވެ.

ކަރުގައި އަޅާފައިވާ ކެމެރާ ނެގުމަށް ފަހު އޭގައިވާ ފޮޓޯ ބަލާލުމަށް ހުޅުވާލިއެވެ. އެގޭގެ ފުރާޅެއް ނެތެވެ. ފާރުމަތިން ފެންނަން ހުރި ބިޔަ ގަސް ވަނީ ވީރާނާވެ ފަތްތައް ހިކިފައެވެ. ގަހުގައި ހުރި ފަތަށް ވުރެ ގިނައީ އެ ގަހުގައި ޖައްސާފައި ހުރި ކާޅެވެ. އެ މަންޒަރު ވަރަށް ވެސް ތަފާތެވެ. ބިރުވެރިއެވެ. ވިރާނާވެފައިވާ ގެއެއްގެ ކައިރީހުރި ވީރާނާވެފައިވާ ގަހެކެވެ. އަދި އެ ގަހުގައިވާ 100 އެއްހާ ކަޅު ކާޅެވެ.

- ނުނިމޭ -