"ބޮލުގައި ވަރަށް ރިއްސާ..... ތޫ މާބާރަށޭ ދޮރުގައި ތި ޖެހީ... ހީވަނީ މަގޭ ބޮލުގައި ތެޅިހެން..... އަސްލުވެސް ދަތުރު ކެންސަލް ކުރަމާ..." ޒީކް ހުރީ ދަތުރު ދާ ކަހަލަ މޫޑެއްގައެއް ނޫނެވެ. ނަމަވެސް ތޫބާ ކުރުނުކޮށް ޝަކުވާ ކުރަމުން ދާތީ ޒީކް އެންމެފަހުން ރީތިވާން ދިޔައެވެ.
ކޮޓަރިން ދެމީހުން ނުކުތް އިރު ސީމާ ހުރީ ސިޓިން ރޫމުގައި ޒީކަށް ކޮފީ ތައްޓެއް ތައްޔާރު ކޮށްގެންނެވެ. ކޮފީ ތަށިން އެއްބައި ބޯލުމަށް ފަހު ކޮނޑުގައި އަތް ދަބަސް އަޅުވާލައިގެން ގެއިން ނުކުތުމަށް ހިނގައިގަތެވެ. އެވަގުތު ބަދިގެ ފަރާތުން ސިޓިން ރޫމަށް އައި ޒީކްގެ މާމަ ސަފިއްޔާ އަހާލިއެވެ. "ސީމާ... އެމަންޖެ ކޮންތާކަށްތަ އެދަނީ؟"
ޒީކް ބެހެއްޓި ކޮފީތަށި ތަބަކަށް ލައިގެން ބަދިގެއަށް ދާން ހިނގައިގެން ސީމާ އޭނާގެ މަންމައަށް ޖަވާބު ދިނެވެ. "އެމަންޖެ ގެއިން ބޭރަށް ނުނިކުންނާތީ.... ޝަހީމައްތަގެ ތޫބާ ކައިރީ ބުނެގެން ދަތުރެއް ރޭވީ... ފަހަރެއްގައި ދަތުރު ނިންމާލާފަ އަންނަ އިރު ކުދިންކުދިންނާ ރައްޓެހިވެ މި މާހައުލަށް ވެސް ހޭނިދާނެއްނު....."
ތޫބާއަކީ ސީމާ އާއި އެއްބަނޑު އެއްބަފާ ދައްތަގެ ހުރި ހަމައެކަނި އަންހެން ދަރިއެވެ. އުމުރުން 18 އަހަރުގެ ޒީކާއި ތޫބާއަކީ ދެބޭންގެ ދެދަރިންނެއް ކަމަކު އެ ދެމެދުގައި އޮންނަ ގުޅުމުން މާނަ ކުރެވެނީ އެއީ ގާތް ރަހްމަތްތެރިންގެ ގޮތުގައެވެ.
އިސްކޮޅުން ޒީކަށް ވުރެ ކުރުކޮށް ބިސް ގޮތަކަށް ހުންނަ ތޫބާގެ ހަމުގެ ކުލަ ކަޅަކަސް އޭނާއަށް ލިބިފައިވާ ފަން ދިގު އިސްތަށިގަނޑުން އޭނާގެ ސިފަތަކަށް އިތުރު ފުރިހަމަ ކަމެއް ގެނެސް ދެއެވެ. ތޫބާއަކީ މިޒާޖުގެ ގޮތުން ވަރަށް ސަކަ ގޮތެއް ހުންނަ، މީހުންނާ ވަރަށް ގުޅޭ ހިތްހެޔޮ މިޒާޖެއްގެ މީހެކެވެ.
ގެއިން ނުކުމެ ބަނދަރާ ދިމާއަށް މިސްރާބު ޖެހި ޒީކާއި ތޫބާގެ ފިޔަވަޅު މަޑު ޖެހުނީ އަތިރިމަތީ ހުރި ބެންޗެއްގައި އިން ޒުވާނާ ފެނުމުންނެވެ. "ޒީކް ބަލާބަަލަ އެހެރަ ސޮރެއް....އެއީ މަޒީން... އޭނަ ވަރަށް ހެންޑްސަމް ދޯ... މަ ވަރަށް އާދޭސްކޮށްގެން އޭނަ މި ދަތުރުގައި ބައިވެރިވާން އެއްބަސް ކުރުވީ.... ދެން އަނެއްހެން ދަނީ ހުސް ކަޕްލްސް...."
ކަޅި ޖަހާ ނުލާ އެ ޒުވާނާއާ ދިމާއަށް ބަލަން ހުރި ޒީކްގެ މޫނަށް ބަލާލަމުން ތޫބާ ވާހަކަ ދެއްކިއެވެ. ޒީކަށް މަޒީން ކަމުދާނެ ކަން އޭނާއަށް މާކުރިން ވެސް ހީވެފައި ހުރުމުން ޒީކް ބުނާ އެއްޗެއް ބަލާލަން ތޫބާ ހުރީ ބޭނުން ވެފައެވެ.
މަޒީންއާ ދިމާއަށް ބަލަންހުރި ޒީކްގެ ހިތަށް އެރިއެވެ. "ތެދެކެވެ. އެއީ ހާދަ ރީތި ފިރިހެނެކޭ." ހިތާހިތުން އެހެން ބުނި ނަމަވެސް ޒީކްގެ ދުލުން އެ ބަސްތައް ބޭރު ކުރާކަށް ނުކެރުނެވެ. ޒީކްގެ ހިތް ކިޔާ ކަހަލަ ސިފަތަކެއް އެ ޒުވާނާގެ ގައިގައި އެބަ ހުއްޓެވެ.
ކޮނޑާ ހަމައަށް ދިގުކޮށްފައިވާ މަޒީންގެ ފަން އިސްތަށިގަނޑު ޒީކަށް ވަރަށް ކަމުދިޔައެވެ. ވައިގެ ތެރޭގައި އެ އިސްތަށިގަނޑު ވިހުރެމުންދާ އިރު ހީވަނީ މަޑު މަޑު ކަފަ ކޮޅެއް ހެންނެވެ. މޫނު މައްޗަށް ވެއްޓެމުން ދާ އިސްތަށިތަކާއި ހެދި އުނދަގޫ ވެގެން އަތުގެ އިނގިިލިތައް އިސްތަށިގަނޑަށް އަމުނާލައިގެން ހުރެ މަޒީން ދެފާރާތަށް ބަލާލިއެވެ. ތޫބާއާއި ޒީކް އެކީގައި ހުރިތަން ފެނުމުން ބެންޗުމަތިން ތެދުވެ އެމީހުންނާ ދިމާލަށް މަޒީން ހިނގައިގަތެވެ.
"ޒީކް ބަލާބަލަ.... ހުވާ މަގޭ ބިޓެއް ނެތްނަމަ މީނަ ސެޓު ކުރާނަން.... އަޅެ ލޯބިކަން ދޯ...." ތޫބާ ދިޔައީ ޒީކަށް އެކަނި އިވޭނޭ ވަރަށް ޗުކުޗުކު ތަޅުވަމުންނެވެ. މަޒީން އައިސް އެމީހުންނާ އަރާ ހަމަކުރި އިރުވެސް ޒީކްއާއި ތޫބާ ހުރީ އެ ޒުވާނާގެ ހިތްގައިމު ހަށިގަނޑަށް ކަޅިި ޖަހާނުލާ ބަލާށެވެ.
"ތޫބާ... ކޮބާ ހިނގާ އަވަހަށް ފުރަމާ.... ކިތައް ދުވަހަށްތަ ދަނީ.... ތޫބާގެ ވިޝާލް ބުނި އޯވާ ނައިޓަކަށޯ...." އޮޅުން ފިލުވާލަން މި ދަތުރު ޕްލޭންކުރި ތޫބާ ގާތު މަޒީން އަހާލިއެވެ.
"އާނ... ދެ ދުވަސް ނޫނީ ތިން ދުވަހަށް މި ދަނީ.... ދަތުރުގެ މަޖަލާއި ފޯރިއަށް ބަލާފަ އިނގޭނީ ތިންވަނަ ދުވަހަކަށް މަޑުކުރަން ވެސް...." މިހެން ބުނުމަށްފަހު ދަތުރު ދާން އައިސް ތިބި ތޫބާގެ އެކުވެރިންގެ ގާތަށް އޭނާ ހިނގައިގަތެވެ. ތޮށިގަނޑު ކައިރިޔަށް އައިސް މަޑުކުރި ލޯންޗާއި ދިމާލަށް ދާން ޒީކާއި އެކީ މަޒީން ވެސް ހިނގައި ގަތެވެ.
އެންމެން ލޯންޗަށް އަރާ ސީޓުތަކުގައި އިށީނދެ ހަމަޖެހިލުމުން ތޫބާގެ ލޯބިވެރިޔާ ވިޝާލް ފޯނު ނަގާ އެންމެން އެކީ ފެންނާނެ ގޮތަށް ސެލްފީ އެއް ނަގާލިއެވެ. ޒީކް އޭނާގެ އަތްދަބަހުން ކެމެރާއެއް ނަގައި ވަށައިގެން ފެންނަމުންދާ ގުދުރަތީ ރީތި މަންޒަރުތަކުގެ ފޮޓޯ ނެގުމުގައި މަސްއޫލުވެގަތެވެ. އެ ހިސާބުން އެންމެންގެ ތެރޭގައި ބީރައްޓެހިވެފައި ތިބި ޒީކާއި މަޒީން ތައާޜަފް ކޮށް ދިނުމަށް ތޫބާ އަވަސްވެގަތެވެ.
މި ދަތުރުގައި ބައިވެރިވަނީ ޖުމްލަ 10 ޒުވާނުންނެވެ. 4 އަންހެނުން ތިބި އިރު، އެއީ ތޫބާ އާއި ޒީކްގެ އިތުރުން ޝައްފަ އާއި މިންނާއެވެ. ޒީކް ފިޔަވާ އެއިން ކޮންމެ އަންހެނަކު ވެސް މިދަތުރުގައި ބައިވެރިވީ އެމީހެއްގެ ލޯބިވެރިޔާ އާ އެކީގައެވެ. ތޫބާގެ ލޯބިވެރިޔަކީ ވިޝާލްއެވެ. އެއީ ވަރަށް ކަޅު ބިޔަ ދިގު ހަށިގަނޑެއްގެ ވެރިއެކެވެ. ތޫބާއާއި ވިޝާލްގެ ޖޯޑު ގުޅޭ އެއް ސަބަބަކީ ދެމީހުންގެ ހަމުގެ ކުލަ އެއްގޮތް ކަމުން ކަމަށް ގިނަ ބަޔަކު ބުނެއެވެ.
ޝައްފަ ގެ ލޯބިވެރިޔާއަކީ ރާއިފެވެ. ޝައްފައާއި ރާއިފްގެ ސްޓައިލް ހުންނަނީ ޔޫރަޕް ސްޓައިލަށެވެ. ބޮލުގެ އިސްތަށިގަނޑު ހުންނަނީ ހައިލެޓްކޮށް ކުލަޖައްސާފައެވެ. މި ޖޯޑަށް ރަށުތެރޭގައި ކިޔައި އުޅެނީ ޕެރިސް ކުދިން ގޮތުގައެވެ.
ދެން ތިބީ މިންނާ އާއި ލިޝާންއެވެ. އެމީހުންނަކީ ވަރަށް ލޯބިން އުޅޭ ދެކުދިންނެވެ. ސްކޫލު ދައުރުން ފެށިގެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު މިހާރު ވަނީ ކައިވެނި ކުރުމަށް ނިންމާފައެވެ. އެ ދެމީހުން ތިބެނީ ވަރަށް މަޑު މަޑުންނެވެ. އެއީ މި ދަތުރުގައި ބައިވެރިވާ ބަސްއަހާ ޖޯޑޭ ވެސް ބުނެވިދާނެއެވެ.
ލޯބިވެރިންގެ ލިސްޓުން އެއްކިބާވެފައިވާ ޒީކްއާއި މަޒީން ތިބީ ވަރަށް އެކަހެރިކޮށެވެ. ޒީކުގެ ކެމަރާއިން ފޮޓޯތައް ނަގަމުން ދިޔަ ވަގުތުގައި މަޒީން ދިޔައީ އޭނާގެ އައިފޯނުން ފޭސްބުކް ޕޭޖް ހާވަމުންނެވެ. މަޒީނަކީ ވަރަށް މަޑުމައިތިރި ބަސްމަދފު މީހެކެވެ. މީހުންގެ ތެރެއަށް އޭނާ ނުކުމެ އުޅެނީ ވަރަށް މަދުންނެވެ. މަޒީން އަކީ ތޫބާގެ ބައިވެރިޔާ ވިޝާލްގެ ރަހްމަތްތެރިކަމުގައި އެރަށަށް އައިސްއުޅޭ ބީރައްޓެހި ޒުވާނެކެވެ. މަޒީނަކީ މި ބޮޑު ޗުއްޓީގައި ބާއްވަން ހަމަޖެހިފައިވާ ވޮލީ މުބާރާތުގައި އެ ރަށުގެ ޓީމަށް ކުޅެން ގެނެސްފައިވާ ޒުވާނުންގެ ތެރެއިން އެކަކެވެ.
މީގެތެރެއިން އީވާން އާއި ލީވާންްއަކީ ވެސް ވަރަށް އެކަނިވެރިކޮށް އެލޯންޗުގައި ތިބި ދެ ޒުވާނުންނެވެ. ނަމަވެސް އެކަން އެހެން މީހުންނަށް ފާހަގައެއް ނުވެއެވެ. އެމީހުން އޭރުވެސް ދިޔައީ ލޯންޗުގައި އެމީހުން ގެނައި ދެބެރުން ބެރުޖަހާ އަޑު ގަދަކޮށް ލަވަ ކިޔަމުންނެވެ. އީވާން އާއި ލީވާންއަކީ ކުޑަހުވަދޫގެ ބޮޑުވިޔަފާރި ވެރިއެއްގެ ހުރި އެއްމާބަނޑު ދެ ކުދިންނެވެ.
މި ދެމީހުންގެ ވައްތަރުކަމުން ދެމީހުން އެކަކު އަނެކަކާ އަޅާ ކިޔަން ވަރަށް އުނދަގުލެވެ. ހަމުގެ ކުލަ ދޮން، ހެޔޮވަރުގެ އިސްކޮޅަކާ އެކު ލިބިފައިވާ ހަށިގަނޑު އެހާމެ ފުރިހަމައެވެ. އެމީހުންނަކީ މާލޭގެ ނަން މަޝްހޫރު ބޮޑުބެރު ގްރޫޕެއްގައި ބޮޑުބެރު ޖަހަމުން އަންނަ ދެ ޒުވާނުންނެވެ. ތަފާތު މުނާސަބާތަކުގައި ރަށުގައި ބާއްވާ ހަފްލާތަކުގައި ވެސް ބެރުޖަހާ އުޅޭ މި ދެ ޒުވާނުންނަކީ މިޔުޒިކާއި ރައްޓެހި ޒުވާން އަންހެން ކުދިންގެ ހިތްތަކުން ޖާގަ ހޯދަމުން އަންނަ ބައެކެވެ.
މި ދެމީހުން ވައްތަރުކަމުން ގިނަ މީހުންނަށް ފާހަގަ ކުރަން އުނދަގޫވާތީވެ، މި ބޮޑު ޗުއްޓީއަށް ރަށަށް އައިސް ދެމީހުންގެ ހެޔާ ސްޓައިލް ބަހައްޓާފައި ހުންނަނީ ތަފާތުކޮށެވެ. އީވާންގެ ބޯހުންނަނީ އަރިމަތިން ތުނިކޮށްލާފައެވެ. ނިތްކުރިމަތިން ހުންނަ އިސްތަށިތައް ހެޔޮވަރަކަށް ދިގުކޮށްފައި ހުރުމުން ބައެއް ފަހަރު ހުންނަނީ ސްޕައިކް ޖައްސާފައެވެ. ލީވާންގެ އިސްތަށިގަނޑު ހުންނަނީ މަޒީންގެ ބޯ ހުންނަހެން ކޮނޑާއި ހަމަޔަށް އަންނަ ވަރަށް ދިގުކޮށްފައެވެ.
*** *** *** *** *** ***
ކިޔަމުން ދިޔަ ވާހަކަ މެދުކަނޑާލުމަށް ފަހު ގަޑިއަށް ކަޔާން ބަލާލީ ކޮޓަރި ތެރެއަށް އަނދިރިވުމުންނެވެ. އޭރު ގަޑިން ފަސް ގަޑި ބައިވަނީއެވެ. އަދިވެސް އެވާހަކަ ކިޔަން އޮންނަން ބޭނުންވިއެވެ. ނަމަވެސް 8 ޖަހާއިރު ފަށާ މެޗަށް ދާން ޖެހޭ ކަން ހަނދާން ވުމާ އެކު، އޭނާ ހުރީ މިއަދު ރަނގަޅު ކާއެއްޗެއް ވެސް ނުކައި ކަމުން ގޭސް ވެއްޖިއްޔާ ކުޅެން އުންދަގޫ ވާނެތީ ކަޔާން ބޭނުންވީ ކާން ދާށެވެ. ވާހަކައިގެ ކުރިއަށް އޮތް ބައިތައް ކިޔާލަން ބޭނުންވެފައި އިން ނަމަވެސް ދެން އެ ވާހަކަ ފޮތް ލައްޕާލީ ހިތާ ދެކޮޅަށެވެ. ފޮތް އެނދުމަތީ ބާއްވާފައި ކަޔާން ކޮޓަރިން ނުކުތީ އޭނާގެ މަންމަ ހޯދަމުންނެވެ.
"ދަރިފުޅު އޮފީހުން ނައިސް ވަރަށް ލަސްވެއްޖޭ ހިތަށް އަރައިގެން ގުޅާލަން މި އުޅުނީ... ކޮން އިރަކު އައީ؟" ކޮޓަރިން ނިކުމެގެން އައި ކަޔާން ސިޓިން ރޫމް ސޯފާއާއި އަރާ ހަމަވުމުން ކަޔާންގެ މަންމަ މަރީޝާ ނއަހާލިއެވެ.
"މިއަދު ވަރަށް އަވަހަށް އައިސްފިން... މިރޭ މެޗް އޮތީމަ ކުޅޭ ކުދިން އަވަހަށް ފޮނުވާލީ..." ހޭވިފައިވާ އިސްތަށިގަނޑު އޭނާގެ އަތުން ރީތިކޮށްލަމުން ޖަވާބު ދިނެވެ.
"މިއަދު މެންދުރު ނުކަންތަ؟ މަންމައަށް ނުވެސް އިނގޭ ދަރިފުޅު ގޭގަ އުޅޭކަމެއް..... ސައި ހަދަންތަ؟..." މަރީޝާ ތެދުވެ ކާކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. "ނޫން މަންމާ... ސަޔެއް ނުބޮވޭނެ... އަހަރެން ބޭނުމީ ގަދަޔަށް ބަތްކާން..." ނުކައި ގިނަ އިރު ހުރުމުގެ ސަބަބުން ކަޔާން ހުރީ ވަރަށް ބޮޑަށް ބަނޑުހައި ވެފައެވެ.
ބަނޑުފުރާ ރަގަޅަށް ކައިގެން ކޮޓަރިއަށް ވަދެ އަނެއްކާވެސް ވާހަކަފޮތް ނަގައިގެން ކަޔާން އިށީނީ ކުރިއަށް ދެން ހުރިބައިތައް ކިޔާލުމަށް ޝައުގުވެރިވެގެން ހުރެއެވެ.
- ނުނިމޭ -