ފޭސްބުކް ސްޓޭޓަސްގައި "ޑެސްޕަރޭޓްލީ ވެއިޓިންގް ޓު ރީޑް ދެޓް ބުކް..." މިހެން ޖަހާލުމަށްފަހު ފޯނު ބާއްވާ ނިދަން އޮށޯތީ މާދަމާ އެ ވާހަކަ ހޯދައިގެން ކިޔާލުމުގެ ނިޔަތުގައެވެ.
*** *** *** *** *** ***
ހެނދުނު އޮފީހަށް ގޮސް މަސައްކަތުގައި އުޅުނު އިރުވެސް ކަޔާންގެ ސިކުނޑި ތެރޭގައި އެނބުރެމުން ދިޔައީ އަލީނާގެ ހަނދާންތަކެވެ. އަލީނާ އާ ދިމާނުވާތާ ތިން އަހަރަށް ވުރެ ގިނަ ދުވަސްވީއެވެ.
ދަތްދޮޅީގައި އެއް އަތް ވިއްދާލައިގެން އަނެއް އަތުން މޭޒުމަތީގައި އޮތް ނޯޓު ޕޭޑްގައި ގަލަން ޖައްސާލައިގެން ހުރި ކަޔާންގެ އަތް ހަރަކާތްކުރަމުން ދިޔައެވެ. ވަރަށް ހަލުވިކޮށް އެ ހުސް ގަނޑުގައި ހުރަހަށް ލިޔަމުން ދިޔައީ އިނގިރޭސި އަކުރުތަކެކެވެ. ގުޅުވާލެވިފައިވާ އިނގިރޭސި އަކުރުތަކަކުން ލިޔަމުން ދިޔައީ ކަޔާންގެ ހިތުގެ ޝުއޫރުތަކެވެ.
"ވެއާ އާ ޔޫ.... ވައި ޑިޑް ޔޫ ލީވް މީ.... އައިމް އޯލް އަލޯން.... އަލީނާ ކަމްބެކް، ޕްލީޒް..."
ކަޔާންގެ ހަނދާނަށް އަންނަން ފެށީ އަލީނާއާ ދިމާނުވެގެން އުޅުނު ހިތްދަތި ދުވަސްތަކެވެ. އެ ހިޔާލުތަކުގެ ތެރެއަށް ގެނބިގެން ދިޔައީ ހީވެސް ނުކުރާހާ ހަލުވިކޮށެވެ.
*** *** *** *** *** ***
ހިތުގައިވާ ހުރިހާ ޝުއޫރުތަކެއް ފާޅުކުރުމަށް ނިންމައިގެން ހުރި ކަޔާން ފޭސްބުކުން އަލީނާއާ ދިމާނުވާތީ އޭނާގެ ވޯލް ހުޅުވާލަން މަސައްކަތް ކުރިއެވެ. ނަމަވެސް ނުވަދެވުމުން މީ އިންޓަނެޓް މައްސަލައަކުން ވާކަމެއް ކަމަށް ނިންމިއެވެ. ނަމަވެސް އެހެން ޕޭޖެއް ހުޅުވަން މަސައްކަތް ކުރުމުން އެކަން ވަރަށް ފަސޭހައިން ވިއެވެ.
ފޭސްބުކްގައި މިޝްކާ އޮންލައިންގައި އިންތަން ފެނުމުން ކަޔާން މެސެޖެއް ފޮނުވާލިއެވެ. "ހެއި ކޮބާ ލީން... އޭނާގެ ވޯލަށް ނުވަދެވެނީ ކީއްވެތަ؟..."
"ނޭނގޭތަ، އޭނަ އެކައުންޓް ވަނީ ޑީއެކްޓިވޭޓް ކޮށްފަ..." މިޝްކާގެ ޖަވާބު ވަރަށް ކުރެވެ.
މި ހަބަރަށް ފަހު އަލީނާއަށް ގުޅޭތޯ ކަޔާން ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާގެ ފޯނު ވެސް ވަނީ ނިއްވާލާފައެވެ. އެހެންކަމުން މިޝްކާއަށް ގުޅައިގެން ހަބަރު ބެލިއިރު އަލީނާ އެވަގުތުވީ މެލޭޝިޔާގައި ކަމަށް ބުންޏެވެ. އަލީނާއާ ގުޅޭނެ ގޮތެއް ހޯދޭތޯ ވެސް ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް އަލީނާގެ އެންމެ ގާތް އެކުވެރިޔާ ބުނި ޖުމްލައިން ކަޔާނަށް ލިބިގެން ދިޔައީ އަޖައިބު ކުރުވަނި ހައިރާން ކަމެކެވެ.
"އަލީނާ ބުނީ އެއްވެެސް މީހަކާ ކޮންޓެކްޓް ކުރަން ބޭނުން ނުވާ ކަމަށް... ދެން ދިރިއުޅުން އެއްކޮށް މެލޭޝިޔާއަށް ބަދަލުކުރަނީ ޔޯ..... ރާއްޖެ އަންނާކަށް ނުވިސްނަމޭ ވެސް ބުނި...."
މިޝްކާގެ ވާހަކަތައް ގަބޫލު ކުރަން ދަތިވުމުން، ކަޔާން ބެނުންވީ މިޝްކާ އާ ބައްދަލުކުރާށެވެ. ކަޔާން އެކަމަށް އެދެމުން އެއްފަހަރު ނަމަވެސް އަލީނާއާ އޭނާ ވާހަކަ ދައްކާލެވޭނެ ގޮތެއް ހަމަޖައްސައި ދިނުމަށް އެދުނެވެ. މިހެން ކިތަންމެ ފަހަރަކު މިޝްކާ ގާތު އާދޭސްކުރަމުން ދިޔަ ކަޔާނަށް އަލީނާ ވާޙަކަ ދައްކައި ދެވޭނެ ގޮތެއް ހަމަޖައްސައިދެނޭް އޭނާ އެއްބަސްވެ ދެމީހުން ބައްދަލުވެއްޖެއެވެ.
ކަޔާން ގާޓަށް ދެވުމާ އެކު މާގިނަ ވާހަކަތަލެއް ދައްކާކަށް މިޝަކާ މަޑެއް ނުކުރިއެވެ. މިޝްކާގެ ފޯނުން އަލީނާގެ މެލޭޝިޔާ ނަންބަރަށް ގުޅާލި އިރު ތެޅިތެޅި އޮތް ހިތަކާ އެކު ކަޔާން އިނީ އަލީނާ އާ ވާޙަކަ ދެއްކޭނެ ކަމުގެ ފޮނި އުންމީދުގައެވެ. ހިތް އެތައް ގުނައަކަށް އަވަސްވެފައިވާ އިރު، އަލީނާ ވާހަކަ ދައްކަފާނެ ކަމާ މެދު ކަޔާންގެ ހިތުގައި ޝައްކު އުފެދުނެވެ.
ފޯނު ނެގުމާއެކު ކަޔާން އަލީނާއާ ބައްދަލު ނުވެގެން މޮޔަވަނީ ކަމަށް މިޝްކާ ބުނުމުން ކަޔާނާ ވާހަކަ ދައްކަން އަލީނާ ވަރަށް ފަސޭހައިން އެއްބަސް ވެއްޖެއެވެ.
މިޝްކާ އެ ފޯނު ކަޔާނަށް ދިއްކޮށްލުމުން ކަޔާން އެ ފޯނުގައި ހިފާ ކަންފަތުގައި ޖައްސާލީ ބުނާނެ އެއްޗަކާ ދޭތެރޭ ވިސްނާލަމުންނެވެ. ކަޔާނަށް ބަހެއް ނުބުނެވެނީސް އޭނާގެ ކަންފަތުގައި ޖެހުނީ އަލީނާގެ ރީތި އަޑެވެ. "ކީކޭ ކަޔާން..... އަހަރެން ކައިރީ ކޮންވާހަކައެއް ނުދެއްކިގެން ތި އުޅެނީ....." އެ އަޑުގައި ވަނީ ހަރުކަށި ގޮތެކެވެ. ކަޔާނަށް ހުރެވުނީ ހައިރާން ވެފައެވެ. މީ ދުވަހަކުވެސް އަލީނާ އޭނާއާއި މުހާތަބުކޮށް ވާހަކަ ދައްކައިފައިވާ ގޮތެއް ނޫނެވެ.
"ކީއްވެތަ އަހަރެން ތި ދުރުކޮށްލަނީ.... އަހަރެން ހީކުރީ ވީ ހެޑް ސަމްތިންގް ކަމަށް..... ޔޫނޯ... ސަމްތިންގް އަދާ ދޭން ފްރެންޑްޝިޕް...." ކަޔާނަށް މިހެން ބުނެވުނީ ހަމަ ކިރިޔާއެވެ.
"ބުނަން... އަހަރެން ބޭނުމެއް ނޫން އެއްވެސް ރިލޭޝަންޝިޕެއްގައި އިންވޯލްވް ވާކަށް.... ޖަސްޓް ވޯނަ ކޮންސެންޓްރޭޓް އޮން މައި ސްޓަޑީސް..." އަލީނާގެ އުޒުރު ހާމަކުރިއެވެ.
"އޯކޭ އައިކޭން ވެއިޓް.... ލީން ނިމެންދެން ޔާން ވެއިޓް ކުރާނަން.... އައި ޕްރޮމިސް..." ކަޔާނަށް ވާހަކަ ފުރިހަމަ ނުކުރެވެނީސް އަލީނާ އެނާގެ ފަހުބަސް ބުނެލިއެވެ.
"ނޯ.... އަހަރެން ބޭނުމެއް ނޫން.... ޔާން ޕްލީސް މޫވް އޯން...." ފޯނު ކަނޑާލުމުން ކަޔާން އަތުގައިވާ ފޯނު މިޝްކާއަށް ދިއްކޮށްލިއެވެ. ކަޔާނަށް ވެފައިހުރި ގޮތް ފެނި މިޝްކާއަށް އެވީ ކިހިނެއް ކަން ދެނެގަންނަން އެނގުނެވެ. އަދި ކަޔާޏާ މެދު މިޝްކާގެ ހިތުަގައި ހަމަދަރުދީ އުފެދުނެވެ. ވިސްނައިދީ ނަސޭހަތް ދޭން ބޭނުންވެފައި ހުރުމުން މިޝަކާ އެއްޗެކޭ ބުނަނ އަނގަހުޅުވާލި ތަނާ މުޝަކާގެ ވާހަކަ ކުރި މަރާލީ ކަޔާންގެ ހިތުގެ އުދާސްތަކެވެ.
"ޕްލީޒް ކީއްވެ ލީން އެހެން އެ ހެދީ.... އައިމް ޝޮކްޑް.... ހައު ހައު... ކިހިނެއް މަ މޫވް އޯން ކުރާނީ ސަބަބު ނޭނގި... މިޝްކާ ބުނެބަލަ ކީއްވެތަ ލީން އަހަރެން ކައިރިވާން މަސައްކަތް ކުރީމަ އަހަރެން ދުރަށް ލަނީ....."
މިޝްކާވެސް އޭނާއަށް ކަމެއް ނޭނގެއޭ ބުނާފަދަ ގޮތަކަށް ދެކޮނޑު ހިއްލާލިއެވެ. އަލީނާގެ މި ނިންމުމަށް ކަޔާން ވަރަށް ހިތާމަކުރިއެވެ. ނަމަވެސް ކަޔާނަކީ އެމީހަކު ނޫޅޭ ވަރުން އެމީހެއްގެ ފަހަތުން ދުވެ އުނދަގޫ ކުރާ ޒާތުގެ މީހެއް ނޫނެވެ. އެދުވަހަށް ފަހު އޭނާ އަލީނާއާ ބެހޭ ގޮތުން އެއްވެސް ސުވާލެއް ނުކުރެއެވެ.
*** *** *** **** *** ***
މާޒީގެ ހަނދާންތަކަށް ގެއްލިފައި ހުއްޓާ ކަޔާންގެ ކެބިނަށް އައިސް ވަނީ ކަޔާން މަސައްކަތް ކުރާ ޑިޕާޓްމަންޓްގެ އިސްކޮށް ހުންނަ މެނޭޖަރެވެ. ލިބުނު ސިހުމާއެކީ މޭޒުމަތީގައި އޮތް ނޯޓްޕެޑްގައި ކަޔާން ލިޔަން ހުރި ގަނޑު ފޮތާއި ވަކިކޮށްލުމަށްފަހު އަތުތެރެއަށް ބޮނޑި ކޮށްލިއެވެ.
"މިއަދު މެޗު އޮތީމަ އޯކޭ ދެން ގެއަށް ދިޔަޔަސް...... މިރޭ ދާނަން ސަޕޯޓްކުރަން.... ގުޑްލަކް..." މެނޭޖާ އަރީފް މިހެން ބުނެ ކަޔާންގެ ކޮނޑުގައި ހިފާލުމަށް ފަހު ހިނިތުންވެ ހުރެ އެ ކެބިން ތެރެއިން ނިކުމެގެން ދިޔައެވެ.
މިއަދު ކަޔާން ހުރީ މަސައްކަތާ އެހާ ގަޔާވެފައެއް ނޫނެވެ. އެހެންކަމުން ލިބުނު ފުރުސަތުގެ ބޭނުން އަވަހަށް ހިފާލިއެވެ. ކޮމްޕިއުޓާ ނިއްވާލުމަށްފަހު މޭޒު ދޮށުން ތެދުވެ އޮފީހުން ނުކުތުމަށް އަވަސްވެގަތެވެ.
ސައިކަލަށް އެރުމަށްފަހު ގެއަށް ދިޔުމުގެ ބަދަލުގައި ކަޔާންގެ އަމާޒަކަށް ވީ އަޝްރަފީ ބުކްޝޮޕަށް ދިއުމެވެ. ބުކްޝޮޕަށް ވަދެ ކަނޑުފެން ވާހަކަ ފޮތް ގަތެވެ. ގެއަށް އާދެވުމުން ގަމީސް ބަދަލުކޮށްލުމަށް ފަހު އެނދުގައި ޖައްސާލީ ހަމަޖެހިލައިގެން އެވާހަކަ ފޮތް ކިޔާލުމަށެވެ. އެނދުގައި ބާލިސް އަތުރާލުމަށްފަހު އަރާމު ވާނެގޮތަކަށް ޖައްސާލިއެވެ. ފުރަތަމަ ސަފްހާ ހުޅުވާލައި ކަޔާން އެ ވާހަކަ ކިޔަން ފެށިއެވެ.
*** *** *** *** *** ***
ޒީކް ހުރީ ރަށަށް އާދެވުނު މޮޔައޭ ހިތަށް އަރާފައެވެ. ރަށަށް އައިސް ހަފްތާއެއް ވީ އިރުވެސް ޒީކް ހުރީ އިންތިހާއަށް ފޫހިވެފަައެވެ. އިރުވައިމޫސުން ކަމަށްވުމުން މި ދުވަސް ވަރަކީ އަހަރުތެރޭގައި އެންމެ ގަދަޔަށް ހޫނުވާ ދުވަސް ވަރެވެ. ދުވާލު ހަތަރުދަމު ޒީކް ހޭދަކުރަނީ އޭނާގެ ކޮޓަރީގައެވެ. ހަންގަނޑު އަނދާފާނެތީ ގެއިން ބޭރަށް ނިކުމެލަނީ މަދު ފަހަރަކުއެވެ.
ޒީކަކީ ދ. ކުޑަހުވަދޫއަށް އުފަން ކުއްޖެއް ކަމަކު އޭނާގެ އުމުރުގެ ގިނަ ދުވަސްތައް ހޭދަކޮށްފައި ވަނީ މާލޭގައެވެ. މަންމަ އާއި ބައްޕަގެ ތަނަވަސް ދިރިއުޅުމުގެ ސަބަބުން ޒީކްގެ ހެދުން އެޅުމާއި މިޒާޖު ހުންނަނީ ފަހުގެ ޒަމާނީ ކުލަތަކާއި ވައްޓަަފާޅިއަށެވެ. އާންމު ގޮތެއްގައި ލައި އުޅެނީ ކުރުހެދުން ކޮޅު ނޫނީ ޖީންސާއި މަތިކޮޅެވެ. ފަސް ފޫޓުގެ ހެދިހުރި އިސްކޮޅެއް ލިބިފައިވާ ޒީކްގެ ލޫޅާފަތި ހަށިގަނޑަށް އިތުރު ފުރިހަމަ ކަމެއް ގެނެސް ދެނީ އުނަގަނޑާ ހަމައަށް އަންނަ އޭނާގެ ރާޅުބާނި އިސްތަށިގަނޑެވެ. ސައުވީސް ގަޑިއިރު މޭކަޕުން މޫނުގެ ކުލަތައް ރީތިކޮށްފައިވާ ޒީކް ހީވަނީ ދޮންކަމުން ފިހާރަތަކުގައި ހެދުން އަޅުވާ ނަލަކޮށް ބަހައްޓާފައި ހުންނަ ބުދެއްހެންނެވެ.
"ޒީކް... ދަރިފުޅާ.. ތެދުވެބަލަ... މީހާރު އެއޮށް ހަތެއް ޖަހަނީ..." ސީމާ ދިޔައީ ޒީކްގެ ކޮޓަރީގައި ޓަކިދީ ޒީކް ހޭލެއްވުމަށް މަސައްކަތް ކުރަމުންނެވެ.
ސީމާއަކީ ކުޑަހުވަދޫ ދާއިރާގެ މެމްބަރު މުހައްމަދު ރިޒާގެ އަންހެނުންނެވެ. މި އާއިލާ ދިރިއުޅެމުން ދަނީ މާލޭގައެވެ. އެހެންވެ ރަށަށް ނާންނަތާ ގިނަ ދުވަސްތަކެއްވުމުން، ސީމާގެ މަންމަ ސަފިއްޔާ ޝަކުވާކޮށް، މާމަ ދަރި ގޮވައިގެން ރަށަށް އައުމަށް އެދެމުން ދިޔައެވެ. ސީމާގެ އެ ކުޑަ އާއިލާ ބޮޑު ޗުއްޓީއަށް ރަށަށް ދިޔުމަށް ހަމަޖެއްސީ ރާއްޖޭން ބޭރުގައި ކިޔަވަން ހުރި ޒީކަށް ލިބުނު މިޑް ސެމެސްޓަރ ބްރޭކްގައި މާލެ އައުމުންނެވެ.
ޒީކަށް މި ލިބުނު ޗުއްޓީގައި ރާއްޖެ އާދެވުނު ނަމަވެސް މާލޭގައި އުޅޭ އޭނާގެ އެކުވެރިން ދޫކޮށްފައި ރަށަށް ދާން ޖެހުން ވެގެން ދިޔައީ ލިބުނު ވަރަށް ބޮޑު ހިތްދަތި ކަމަކަށެވެ. ރަށަށް އައިސް ގިނަ ވަގުތު ކޮޓަރީގައި ހޭދަކުރާ މައިގަނޑު ސަބަބަކީ ވެސް އެއީއެވެ. ލެޕްޓޮޕްއިން އިނގިރޭސި އަދި ކޮރެޔާ ސީރީސް ބެލުމުގައްޔާއި ލަވަ ޖެހުމުގައި ޒީކް ވަގުތުތައް ހޭދަކުރަމުން ދެއެވެ. އަދި ފޭސްބުކްގައި އޭނާގެ ރަހްމަތްތެރިންނާ ވާހަކަ ދައްކާ ޗެޓް ކުރުމަކީ އޭނާގެ މިފޫހި ވަގުތުތަކަށް ލިއްބައިދޭ ހިތްހަމަޖެހުމެކެވެ.
ކަންފަތްމަތީ ބާރުކޮށް ބާލިސް އަޅައިގެން އޮތް ޒީކްގެ ކަންފަތުގައި ޖެހުނު ބާރު އަޑާ އެކީ ފުންމައިގެން ތެދުވެއްޖެއެވެ. އަދި އަވަހަށް އެނދުން ފާބައިގެންގޮސް ދޮރުގެ ތަންޑު ނެއްޓުމަށްފަހު ތަންމިނަށް ދޮރު ހުޅުވާލިއެވެ.
"މިވަރު ނުކުރަނީސް ދޮރު ނުހުޅުވަންދޯ ތިއޮތީ؟... އެންމެން އެބަ ތިބި ޖެޓީ ކައިރީ.... ދަތުރު ރާވާފަ ނިދަނީދޯ ޕްރިންސަސް..." ކޮޓަރިތެރެއަށް ވަދެގެން އައި ފުރާވަރުގެ ތޫބާ ވާހަކަ ދެއްކީ ވަރަށް ރުޅިއައިސް ހުރެގެންނެވެ.
"އަހަރެމެން މުނާޖާ ކޮޑުއަޅައިގެން ތެދުވިގޮތަށް މިއުޅެނީ.... ސީމައްތައަށް ގުޅީމަ ބުނި ވަރަށް ގޮވައިފީމޯ...." ތޫބާ ވާހަކަ ދައްކަމުން ޒީކްގެ ބުރަކަށީގައި އަޅާ ކޮއްޕަމުން ފާހާނާއާ ހަމައަށް ގެންދިޔައެވެ.
"ބޮލުގައި ވަރަށް ރިއްސާ..... ތޫ މާބާރަށޭ ދޮރުގައި ތި ޖެހީ... ހީވަނީ މަގޭ ބޮލުގައި ތެޅިހެން..... އަސްލުވެސް ދަތުރު ކެންސަލް ކުރަމާ..." ޒީކް ހުރީ ދަތުރު ދާ ކަހަލަ މޫޑެއްގައެއް ނޫނެވެ. ނަމަވެސް ތޫބާ ކުރުނުކޮށް ޝަކުވާ ކުރަމުން ދާތީ ޒީކް އެންމެފަހުން ރީތިވާން ދިޔައެވެ.
- ނުނިމޭ -