ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޅ. އަތޮޅަށް ވަޑައިގެންފިއެވެ.

އެއްދުވަހަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސް ޅ. އަތޮޅުގެ 3 ރަށަކަަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ކުރެންދޫ، ހިންނަވަރު އަދި ނައިފަރެވެ.

އެމަނިކުފާނުގެ ފުރަތަމަ މަންޒިލަކީ ކުރެންދޫ ކަމަށް ވާއިރު ކޮންމެ ރަށެއްގެވެސް ކައުންސިލާއި އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލު ކުރައްވާ އެ ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާއިރު އެމަނިކުފާނުގެ އަމާޒަކީ މި ފަސްއަހަރުގެ ތެރޭގައި ރާއްޖޭގެ ކޮންމެ ރަށަކަށްވެސް މަދުވެގެން ދެ ފަހަރު ޒިޔާރަތްކުރެއްވުމެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ހަތަރު އަތޮޅަކަށް ކުރެއްވި ދަތުރުފުޅަށް ފަހު މާލެއަށް ވަޑައިގެންފައިވަނީ އިއްޔެއެވެ. 3 ދުވަހުގެ އެ ދަތުރުފުޅުގައި ރައީސް ވަނީ ރ އަދި ބ އަތޮޅުގެ ގިނަ ރަށްތަކަކަށް ވަޑައިގެންފައެވެ.

މިދިޔަ ފެބްރުވަރީމަހުގެ ތެރޭގައި ރައީސް ވަނީ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ، ތ. އަތޮޅު އަދި ގދ. އަތޮޅުގެ ހުރިހާ ކައުންސިލުތަކާ ބައްދަލުކުރައްވާފައެވެ. އަދި ދެ ކައުންސިލެއް ފިޔަވާ ގއ. އަތޮޅުގެ ހުރިހާ ކައުންސިލަކާވެސް އެމަނިކުފާނު ބައްދަލުކުރެއްވެވިއެވެ.

މީގެއިތުުރުން ހއ. ހދ، ށ އަތޮޅުގެ ހުރިހާ ކައުންސިލުތަކާއި އަދި ނ އަތޮޅުގެ ވެސް އެންމެ ކައުންސިލެއް ފިޔަވާ އެހެން ހުރިހާ ރަށެއްގެ ކައުންސިލުތަކާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި ތަރައްގީގެގެ ކަންކަމާ ގުޅޭގޮތުން އެމަނިކުފާނު ވަނީ މަޝްވަރާކުރައްވާފައެވެ.