ސާޗް އެންޖިން ޖަޔަންތް ގޫގްލްގެ އިންޖިނޭރެއްގެ ގޮތުގައި މަސައްކަތް ކުރި މީހަކު އެތާނގެ އޭއައި ޓެކްނޮލޮޖީއާ ގުޅޭ ފައިލްތަކެއް ވަގަށް ނެގިކަން ފަޅާ އަރައި އަތުލައިގެންފިއެވެ.
އެމެރިކާގައި ދިރިއުޅެ ޗައިނާ ދަރިކޮޅަށް ނިސްބަތްވާ ލިންވޭ ޑިންގް ހައްޔަރު ކޮށް ދައުވާ އުފުލާފައި ވާ އިރު، އޭނާ ވަނި އޭއައި ތެކްނޮލޮޖީއާ ގުޅޭ ސިއްރު މައުލުމާތު ހިމެނޭ 500 ފައިލް ވަގަށް ނަގާ ޗައިނާގެ ދެ ކުންފުންޏަކާ އެކު ވިޔަފާރި ކޮށްފައި ކަމަށް ހަބަރުތައް ބުނެއެވެ.
އޭނާގެ މައްޗަށް އުފުލާފައި ވާ ދައުވާތަކަށް 10 އަަހރުގެ ޖަލު ހުކުމަކާއި 250،000 އެމެރިކާ ޑޮަލރުގެ ޖޫރިމަނާއެއް އަންނާނެ ކަމަށް ބެލެވޭ އިރު، ކުރިމަތި ކުރާ ކޮންމެ ދައުވާއަކަށް އެ މިންވަރުޖެ ޖޫރިމަނާއެއް އަންނާނެ ކަމަށް ޓެކް ނިއުސްތައް ބުނެއެވެ.
ލިންވޭ އެ ފައިލްތައް ވަގަށް ނަގާފައި ވަނީ އޭނާ ގޫގްލްގެ ސުޕާ ކޮމްޕިއުޓާ ޑޭޓާ ސެންޓަރަ ގުޅޭ ސޮފްޓްވެއާ ޑިވެލޮޕް ކުރުމަށް ވަޒީފާ ދީފައި ވަނިކޮށް 2019 އިން ފެށިގެން އަހަރެއްހާ ދުވަސް މަތިންނެވެ. އޭނާ އަމިއްލަ ނަމުގައި އޮންނަ ގޫގްލް އެކައުންޓަކަށް ފައިލްތައް ޓްރާންސްފާ ކުރަމުން ގެންގޮސްފައި ވާ ކަމަށާއި އެ މައުލޫމާތު ޗައިނާގެ ސްޓާޓްއަޕް ކުންފުންޏެއް ކަމަށް ވާ ރޮންގްޝޫ ލިއާންގްޒީ އަށް ދެމުން ގެންގޮސްފައި ވެއެވެ. އެ ކަން އޭނާ ކުރީ އެކުންފުނީގެ ފަރާތުން އޭނާއަށް ވަޒީފާއެއް ހުށަހަޅާ މަހު މުސާރައަށް 14،000 އެމެރިކާ ޑޮލަރު ދޭނެ ކަމަށް ބުނުމާއެކު އެ ކުންފުނީގެ ޗީފް ޓެކްނޮލޮޖީ އޮފިސަރަކަށް އޭނާ ހަަމަޖެއްސުމުންނެވެ.
އޭނާ އާ ހަވާލާދީ ބައެއް ރިޕޯޓްތައް ބުނާގޮތުން އޭނާ ވަނީ އަމިއްލަ ނަމުގައިވެސް އައިޓީ ކުންފުންޏެއް ހަދާ އޭއައި މެޝިން ލާނިން ޓެކްނޮލޮޖީ ބޭނުންކޮށްގެން އެ ކުންފުނީގެ މަސައްކަތްތައް ފައްކާ ކޮށްފައެވެ.
އެމެރިކާއަށް ޖާސޫސްކޮށް އެމެރިކާގެ ޓެކްނޮލޮޖީއަށް ޗައިނާގެ ކުންފުނިތަކުން ފާރަލަމުން ގެންދާ ކަމަށް އެމެރިކާ ބުނަމުން ދާ ދުވަސްވަރެއްގައި މިކަން ފެންމަތިވުމުން އެމެރިކާއިން ވަނީ އިންޓަނެޓުގެ ދާއިރާގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރުމުގެ މަސައްކަތްތަކެއް ވެސް ފަށާފައެވެ.