މި އަހަރުގެ ރަަމަޟާން މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޝައްވާލު މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް މާލެ ސަރަހައްދުގައި ވިޔަފާރި އުސޫލުން އެއްގަމު އުޅަނދުގައި ގަނޑުކޮށް މުދާ އުފުލުމަށް ހަމަޖެހިފައިވާ ގަޑިތައް އާއްމުކޮށްފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވަނީ ރޯދަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހުގެ ނިޔަލަށް ބަރު އުޅަނދާ ހުރިހާ ބާވަތެއްގެ މުދާ އުފުލާ އުޅަނދުތަކުގައި މުދާ އުފުލޭނީ ހެނދުނު 9:30 އިން ފެށިގެން ހަވީރު 16:30 އަށް ކަމަށެވެ. އަދި ރޭގަނޑު 20:00 އިން ފެށިގެން ހެނދުނު 6:00 އަށް ކަމަށެވެ. އަދި މި މުއްދަތުގައި ހަވީރު 16:30 އިން ފެށިގެން 20:00 އަށް އަދި ހެނދުނު 6:00 އިން 9:30 އާއި ދެމެދު މުދާ އުފުލުމަށް ބޭނުންކުރާ އުޅަނދުތަކާއި ބަރު އުޅަނދުތައް ދުއްވުމާ މުދާ އުފުލުން މަނާވާނެ ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.

މީގެ އިތުރުން މި އިއުލާނުގައި ބުނެފައިވަނީ، ރޯދަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން ޝައްވާލް މަހުގެ 07 ވަނަ ދުވާހަ ހަމައަށް ބަރު އުޅަނދާއި ހުރިހާ ބާވަތެއްގެ މުދާ އުފުލާ އުޅަނދުތަކުގައި މުދާ އުފުލޭނީ ހެނދުނު 9:30 އިން ހާވިރު 16:30 އަށް ކަމަށެވެ. އަދި ރޭގަނޑު 20:00 އިން ހެނދުނު 6:00 އަށް ކަމަށެވެ. އެ މުއްދަތުގައި ހަވީރު 16:30 އިން ރޭގަނޑު 20:00 އަށް މުދާ އުފުލުމަށް ބޭނުންކުރާ އުޅަނދުތަކާއި ބަރު އުޅަނދުތައް ދުއްވުމާއި މުދާ އުފުލުން މަނާ ވާނެ ކަމަށް ވެސް އިއުލާނުގައިވެއެވެ.

އިތުރަށް މިނިސްޓްރީން ބުނީ މި އެންގުމާއި ހިލާފުވާނަމަ 750 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށެވެ.