ސަރުކާރު ކުންފުނިތަކާ، ސަރުކާރު ހިއްސާވާ ކުންފުނިތަކާ އަދި އެ ކުންފުނިތަކުގެ ސަބްސިޑީއަރީ ކުންފުނިތަކުން ރޯދަމަހާ ގުޅުވައިގެން މުވައްޒަފުންނަށް 'ހަދިޔާ' ދޭންވާނީ ކުންފުނީގެ ކޭޝް ފްލޯއަށް އަސަރު ނުކުރާނެ ގޮތަށްކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ބުނެފިއެވެ.

ޕީސީބީ އިން ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ، ކޮންމެ މުސްލިމު މުވައްޒަފަކަށް ރޯދަ އިނާޔަތުގެ ގޮތުގައި ގާނޫނުގައިވާ 3،000 ރުފިޔާ ދޭންވާނެ ކަމަށެވެ. އަދި މުސާރަ ލިބޭ ގޮތަށް އެއް ވަޒީފާއަށްވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އިނާޔަތް ދޭން ޖެހޭނީ އެ މުވައްޒަފެއް އަސާސީ ވަޒީފާ އަދާކުރަމުން އަންނަ ތަނަކުން ކަމަށެވެ.

މީގެ އިތުރުން އެ ސާކިއުލާގައި ވަނީ ރޯދަ މަސް ފެށޭއިރު، ޕޭ ލީވް އާއި ނޯ ޕޭ ލީވް އަދި ސްކޮލާޝިޕް ލީވްގައި ތިބޭ މުވައްޒަފުންނަށް ރޯދަ އިނާޔަތް ދޭންނުޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް އެފަދަ ލީވްއެއްގައި ހުންނަ މުވައްޒަފަކު ރޯދަމަހުގެ ތެރޭގައި އަނބުރާ މަސައްކަތަށް ނުކުމެއްޖެނަމަ އެ ދުވަހަކުން ފެށިގެން އެ މުވައްޒަފަަކަށް ރޯދަ އިނާޔަތުގެ ގޮތުގައި ދޭންޖެހޭ އަދަދު ބަލައި އެ އަދަދަށްވާ ފައިސާ ދޭން ޖެހޭނެކަމަށެވެ.

އިތުރަށް ޕީސީބީ އިން ބުނެފައިވަނީ ރޯދަ އިނާޔަތުގެ ގޮތުގައި 3،000 ރުފިޔާއަށް ވުރެ ގިނައިން ނުވަތަ މަދުން މުވައްޒަފުންނަށް ދީފައިވާނަމަ އެ ބައި މި މަހުގެ މުސާރައިގެ ތެރެއިން އެޑްޖަސްޓް ކުރަން ޖެހޭނެކަމަށެވެ. އަދި ރޯދަމަހާ ގުޅުވައިގެން މުވައްޒަފުންނަށް ހަދިޔާ ދޭނަމަ އަދި އެ ކުންފުންޏަކީ ފައިދާވާ ކުންފުންޏެއް ނަމަ ކޭޝްފްލޯއަށް ނުރަނގަޅު އަސަރު ނުކުރާ މިންވަރަށް އެކަންކަން ކުރަންޖެހޭނެކަމަށް މި ސާކިއުލާގައި ވަނީ ބުނެފައެވެ.

ޕީސީބީ އިން މިހެން ބުނެފައިވާއިރު މިއަހަރު ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުން ވަނީ 5000 ރުފިޔާ ދީފައެވެ.