އުރީދޫ މޯލްޑިވްސްގެ ޕްރިމިއަމް ޕާޓްނަރު ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާއި ގުޅިގެން ބޭއްވުނު ހާއްސަ ލަކީޑްރޯގެ ނަސީބުވެރި ފަރާތް ހޮވައިފިއެވެ.

އުރީދޫ އިން ބުނީ މި ހާއްސަ ލަކީޑްރޯއަކީ އޮކްޓޯބަރު 18 އިން ފެށިގެން ޑިސެމްބަރު 31، 2023 އާއި ދޭތެރޭ އުރީދޫ ގެ މޮބައިލް އަދި ބްރޯޑްބޭންޑް ޕްލޭން އަޕްގްރޭޑްކުރާ ކަސްޓަމަރުންނަށާ، އުރީދޫ ނެޓްވޯކާ އަލަށް ގުޅޭ ކަސްޓަމަރުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ލަކީޑްރޯއެއް ކަަމަށެވެ.

މާޗު 1، 2024 ގައި ބޭއްވުނު ހޭޔަންބޯ ޕްރޮގްރާމުގައި މިލަކީ ޑްރޯގެ ނަސީބުވެރިފަރާތަކަށް ހޮވުނީ އުރީދޫގެ ސުޕާނެޓު ކަސްޓަމަރު އަރުޝަދު އަބްދުލް ހަކީމެވެ. ޕެރިހައް ދާ ދަތުރުގެ ނަސީބުވެރި ފަރާތަށް ޕެރިހަށް ދިއުމުގެ ދެކޮޅު ޓިކެޓާއި، 2 ރެއާއި 3 ދުވަހަށް ފުލް ބޯޑާއި އެކު އެކޮމޮޑޭޝަން ގެ އިތުރުން ޕާކް ޑި ޕްރިންސެސް ސްޓޭޑިއަމް ގެ އުރީދޫ ވީއައިޕީ ލައުންޖުން އޭޕްރީލް 21، 2024 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕީއެސްޖީ އާއި ލިޔޯން މެޗް ބެލުމުގެ ފުރުސަތު ލިބޭނެއެވެ.

ޕެރިހުގައި ޕީއެސްޖީ އާއި ލިޔޯން މެޗް ލައިވްކޮށް ބަލާލުމުގެ ނަސީބުވެރިޔަކަށް ވުމުގެ ފުރުސަތު ކުރިއަށް ގެންދިޔައީ އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށް ވެސް ހުޅުވާލައިގެންނެވެ. ސުޕާނެޓް، ފަސޭހަ ބްރޯޑްބޭންޑް، 5ޖީ އެއަފައިބާ އަދި ޕޯސްޓްޕެއިޑް، ޕްރީޕެއިޑް ޕްލޭން ލަކީޑްރޯ ހުޅުވާލެވިފައިވާ މުއްދަތުގެ ތެރޭގައި އަޕްގްރޭޑް ކުރެއްވި ފަރާތްތަކަށް މި ލަކީ ޑްރޯގެ އޮޓޮމެޓިކުން ބައިވެރި ކުރެވުނެވެ. މި ޕްރޮމޯޝަން ކުރިއަށް ދިޔަ މުއްދަތުގައި އުރީދޫ މޯލްޑިވްސް އާ އަލަށް ގުޅުނު ކޮންމެ ކަސްޓަމަރަކަށްވެސް ލަކީ ޑްރޯގައި އޮޓަމެޓިކުން ބައިވެރިވެވޭނެއެވެ.

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަކީ 2013 ވަނަ އަހަރުން ފެށިގެން އުރީދޫ ގްރޫޕްގެ ޕްރިމިއަމް ޕާޓްނަރެއްގެ އިތުރުން ގްލޯބަލް ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ކްލަބެކެވެ. މި ޕާޓްނާޝިޕް ގެ ދަށުން އުރީދޫ ޕެރިސް ސެއިންޓް ޖާމަން އެކަޑަމީ އާއި ޕެރިސް ސެއިންޓް ޖާމަން ހޭންޑްބޯލް އެކަޑަމީ ފަދަ ހަރަކާތްތަކުގެ ތެރެއިން ގުޅިގެން މެދުއިރުމައްޗާއި އުތުރު އެފްރިކާ އަދި ދެކުނު އިރުމަތީ އޭޝިއާގެ ޒުވާނުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.