މީދޫ ބަނދަރުގެ މަސައްކަތް ކުރިޔަށްގެންދާނީ ރައްޔިތުން އެދޭގޮތަށްކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވަނީ މީދޫ ކައުންސިލުގެ މެންބަރުންނާއި އެރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ މިރޭ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
މި ބައްދަލުވުމުގައި ކައުންސިލުން ވަނީ ބަނދަރުގެ ސައިޒުބޮޑުކޮށް ބަނދަރަށް ގެންނަންވާ ބަދަލުތަކާއި ހޮސްޕިޓަލެއްގެ މުހިންމުކަމާއި ބޯހިޔާވަހިކަމުގެ ދަތިކަން ހިއްސާކޮށްފައެވެ. އަދި ގިރާ ސަރަހައްދު ހިމާޔަތްކުރުމާއި ރަށުން ބިންހިއްކެން އޮތް މިންވަރެއްގެ ބިން ހިއްކުމަށް ވެސް ވަނީ އެދިފައެވެ.
މީގެއިތުރުން މިހާރު ނުހެދި ހުރި މަގުތައް ހެދުމުގެ މުހިންމުކަމާއި އިންޑޯ ކުޅިވަރުތައް ކުޅޭނެތަނެއްގެ އިތުރުން އިސްލާމީ މަރުކަޒެއްވެސް ރަށަށް ބޭނުންވާކަން ވަނީ ކައުންސިލުން ފާހަގަކޮށްފައެވެ. އަދި ޑޮލަރު އޭޓީއެމްއެއްގެ މުހިންމުކަން ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.
އަތޮޅު ތެރެއަށް ރައީސް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުތަކަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުގެ އިތުރުން އަތޮޅުތަކާއި ރަށްތައް އަދި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ރައީސް ފަށްޓަވައިގެން ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކެކެވެ.
ރައީސް ވިދާޅުޅުވެފައި ވަނީ އެމަނިކުފާނުގެ އަމާޒަކީ މި ފަސްއަހަރުގެ ތެރޭގައި ރާއްޖޭގެ ކޮންމެ ރަށަކަށްވެސް މަދުވެގެން ދެ ފަހަރު ޒިޔާރަތްކުރެއްވުން ކަމަށެވެ.