މި ސަރުކާރު ހަވާލުވާތާ ފުރަތަމަ 14 ހަފްތާ ތެރޭގައި ކުރަން ކަނޑައަޅާފައިވާ ހުރިހާކަމެއް ފުރިހަމަ ކުރެވިފައިވާކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު އަލިފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ރައްޔިތުން ބޭނުންވާ ފުރިހަމަ ތަރައްގީ ގެނެސްދޭން ބޭނުންވާކަމަށެވެ. އަދި ރެޔާ ދުވާލު އެމަނިކުފާނުގެ ފޯކަސް ހުރީ ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދެއްވުމަށްކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ އެންމެ ބޭނުންފުޅުވާކަމަކީ ނަތީޖާ ނެރެދެއްވުންކަން ފާހަގަކުރައްވަމުން އެ މަނިކުފާނު ވަނީ އިއްޔެ ތައާރަފުކުރި އެއާ އެމްބިއުލާންސާ ގުޅޭ މައުލޫމާތު ރައްޔިތުންނާ ހިއްސާކުރައްވާފައެވެ. މިގޮތުން ރައީސް ވިދާޅުވީ ދިވެހިންނަށް އަމިއްލައަށް މި ހިދުމަތް ދެވޭނެ ގޮތް މިކަމުގެ ސަބަބުން ހަމަޖެހިގެން ދާނެކަމުގައެވެ. މީގެ އިތުރުންވެސް، މި ސަރުކާރުން، ދެން ހުރި ކަންކަމުގައިވެސް އަމިއްލަ ފައިމައްޗަށް ތެދުވެވޭތޯ މަސައްކަތްކުރައްވާނެކަމުގައި ރައީސް ވިދާޅުވިއެވެ.

މިހާރު ފަށާފައިހުރި މަޝްރޫއުތައް ނިންމުމުގައި ހުރި ހުރަސްތަކުގެ މައްޗަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، މިއަހަރަށް ފާސްކޮށްފައި ހުރީ ގިނަ މަޝްރޫއުތައް ނިންމެވޭވަށް ވުރެ މާ ކުޑަ ބަޖެޓެއް ކަމެށެވެ. އެހެންނަމަވެސް އިތުރު ގޮތްތައް ހޯއްދަވައިގެންވެސް ރަށްރަށުގެ ތަރައްގީއަށް ފަށާފައި ހުރި މަޝްރޫއުތައް ނިންމަވައި، އަދި އިތުރަށް މި ސަރުކާރުންވެސް ރަށްރަށުގެ ތަރައްގީއަށްޓަކައި ވައުދުވެފައިވާ ކަންކަންވެސް ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވައިލައްވައި އެ ރަށުގެ ފަތުރުވެރިކަމާއި، ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ކުރައްވާނެ މަސައްކަތްތައް ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.