ޝަރީއަތުގައި ދައްކާ ވާހަކަ އޮޓޯއިން ލިޔެވޭ ސޮފްޓްވެއާ "ކޭލި" އިފްތިތާހުކޮށްފިއެވެ.

ދިވެހި ބަހުން ދައްކާ ވާހަކަ ތާނައިން ލިޔެވޭ ސޮފްޓްވެއާ "ކޭލި" ޝަރުއީ ދާއިރާއަށް މުޅިން އަލަށް ތައާރަފްކޮށް އިފްތިތާހުކޮށްދެއްވާފައިވަނީ ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނެވެ.

އެކަމާ ގުޅިގެން މުއުތަސިމް ވިދާޅުވީ މިއަދު އެ އިފްތިތާހް ކުރެވުނު "ކޭލި" ސޮފްޓްވެއާގެ ސަބަބުން ޝަރުއީ ދާއިރާއަށް ގިނަ ގުނަ ފައިދާތަކެއް ވާނެ ކަމަށާއި ޝަރީއަތްތައް ހިންގައި ނިންމުމުގައި ފަސޭހަކަން ފަނޑިޔާރުންނަށް އިހުސާސްކުރެވިގެންދާނެ ކަމަށެވެ. އަދި އެ ސޮފްޓްވެއާ ޑިވެލޮޕެކުރުމުގެ މަސައްކަތްކުރީ އިންޓެލިއާ ޕާޓްނާޝިޕްގެ ޑިވެލޮޕަރުންނެވެ.

އެ ރަސްމިއްޔާތުގައި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް ހިސާން ހުސައިން ދެއްކެވި ވާހަކާގައި ވިދާޅުވީ "ކޭލި" ސޮފްޓްވެއާ ބޭނުންކުރަން ފެށުމަކީ ދިވެހި ބަހަށާއި ޝަރުއީ ދާއިރާއަށް އިންގިލާބެއް ގެނުވާނެ ކަމެއް ކަމަށާއި މީގެ ކުރިން 30 މިނެޓްގެ ބަޔާނެއް ޓައިޕްކުރުމަށް 2 ގަޑިއިރު ހޭދަވާއިރު މި ސޮފްޓްވެއާ މެދުވެރިކޮށް 30 މިނެޓްގެ ބަޔާނެއް ޓައިޕްކުރުމަށް ހޭދަވާނީ ގިނަވެގެން 3 މިނެޓްކަމުގައިވެސް ހިސާން ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދު ވިދާޅުވީ އެ ސޮފްޓްވެއާ އަކީ ޝަރުއީ ދާއިރާއިން ޓެކްނޮލޮޖީއަށް ފައިހަމަކޮށް، ޓެކްނޮލޮޖީގެ މާހައުލުގައިވެސް ދިވެހި ބަސް ހިފަހައްޓާލެވޭނެކަން ރަމްޒުކޮށްދޭ އަލިގަދަ ދަލީލެއް ކަމަށެވެ.

އޭގެ އިތުރުން ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އާއިޝަތު ރިޒްނާ ދެއްކެވި ވާހަކާގައި ވިދާޅުވީ ސޮފްޓްވެއާގެ ބޭނުންކުރަން ފެށުމުން ޝަރުއީ ކޯޓުތަކަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުންކަމަށްވާ މުވައްޒަފުންނާއި ވަސީލަތް ނެތުމުގެ ސަބަބުން ޝަރީއަތްތަކުގެ ބަޔާންތައް ޓައިޕްކުރުމުގަ ދިމާވާ ދަތިތަކަށް ހައްލު ލިބިގެންދާނެ ކަމަށާއި ޝަރީއަތްތަކުގައި ދެކެވޭ ވާހަކަ އަކުރުން އަކުރަށް ލިޔެ ޕަބްލިޝަކުރުމުގެ މަސައްކަތް ފަސޭހަވެ އަވަސްވެގެންދާނެ ކަމަށެވެ.