ރޯދަ މަހަކީ އަޅުކަމުގެ މަސް ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަވަސްކުރަން އޭރު އެމްޑީޕީން އެއްބަސް ނުވީ އަޑި ނޭނގޭ ސަބަބުތަކެއް އޮތުމުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ އުތުރުގެ ހަތަރު އަތޮޅުތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެންމެ ފަހު މަންޒިލެއްގެ ގޮތުގަ ނ. ކެނދިކުޅުދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ގާނޫނު އަސާސީއާ ހިލާފަށް ހަމައެއްކަމެއްވެސް ނުކުރައްވާނެ ކަމަށާއި ރައްޔިތުން ހަވާލުކުރި ޒިންމާ އަދާ ކުރައްވަނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކުގައި ކަމަށެވެ. އަދި ﷲ ގަންދީ ކުރެއްވި ހުވަޔަކީ އޭގެ ކޮންމެ ލަފްޒަކަށް އެމަނިކުފާނު ދުނިޔެއާއި އާހިރަތުގައިވެސް ޒިންމާވެވަޑައިގަންނަވަން ޖެހޭ ހުވައެއް ކަމަށާއި ގާނޫނު އަސާސީއާ ކުޑަތަންކޮޅެއްވެސް ހިލާފެއް ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގާނޫނީ އަސާސީގެ ދަށުން ކަންކަން ހިނގަނަމަ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށާއި މިއަދުގެ ކުޑައިރުކޮޅެއްގެ ކުރިން ސުޕްރީމް ކޯޓުގެ 5 ފަނޑިޔާރުންގެ އިއްތިފާގުން އެ ނިންމީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު 80 ކަމަށް ކަނޑައަޅައިގެން ނިންމާ ކޮންމެ ނިންމުމަކީ ގާނޫނު އަސާސީއާ ހިލާފު ނިންމުމެއް ކަމަށެވެ.

ރައްޔިތުން މަޖިލީސް އިންތިހާބާ ގުޅިގެން އިއްޔެ މަޖިލީހުން ފާސްކުރި ބިލާ ގުޅިގެން ރައީސް ވިދާޅުވީ އެއާއެކު ކުރިއަށް ދެވޭނީ ގާނޫނު އަސާސީ އާ އެންމެ ތަންފުކެއްވެސް ހިލާފު ނުވާނެ ނަމަ ކަމަށާއި ބަންޑާރަ ނައިބުގެ ގާނޫނީ ލަފަޔަށް މިހާރު ދަންނަވާފައިވާ ކަމަށެވެ. އަދި އެކަހަލަ ނިންމުމެއް ނިންމީ 80 މެންބަރުންނަށް ބަލައިގެން ކަމަށްވަނީނަމަ އެކަމުގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފެދޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިއްޔެ ނެގި ވޯޓުގައި ގާތްގަނޑަކަށް 47 ވޯޓު ލިބުނުއިރު އެ ބޭފުޅުން ބެއްލެވީ މަޖިލީހުގެ އަދަދަކީ 80 ކަމަށް ކަމަށްވާއިރު އެކަމުގައި ކުރިއަށް ދެވޭނީ ބަންޑާރަ ނައިބު ލަފައެއް ދެއްވުމުން ކަމަށާއި އެއީ އެތައް ރައްޔިތުންގެ ހައްގެއް އޭގައި އެކުލެވޭތީ ކަމަށެވެ. އަދި މިކަމުގައި އެއްވެސް ސިޔާސީ ވާހަކައެއް މުހިއްމު ނޫން ކަމަށާއި ރައްޔިތުން މަޖިލިސް އިންތިހާބު ރޯދައިގެ ތެރޭގައި ބޭއްވުމުން ރައްޔިތުންނަށް ދަތި އުދަނގޫ ކުރިމަތިވާނެތީ އެ ރޯދައިގެ ކުރިން ބާއްވަން ބޭނުންވެވަޑައިގެންނެވި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެހެންނަމަވެސް މިހާރު އޮތް މަޖިލީހުން އެއްގޮތަކަށް ރޯދައިގެ ކުރިއަށް މަޖިލިސް އިންތިހާބު ބަދަލުކުރުމަށް ގާނޫނު އިސްލާހުކޮށްދެން އެއްބަސް ނުވި ކަމަށާއި ގާނޫނު އިސްލާހު ކުރަން އެއްބަސް ނުވި ސަބަބު ކިޔައިދެއްވަން އެބަ ޖެހޭ ކަމަށެވެ. އަދި ރޯދަ މަހު ގެ ތެރޭގައި އިންތިހާބު ބާއްވަން އެމަނިކުފާނު ބޭނުންވެވަޑައިނުގަންނަވާ ކަމަށާއިރޯދަ މަހަކީ އަޅުކަމުގެ މައްސަރެއްވުމުން ކެމްޕެއިންގައި ވައުދުވެވަޑައިގެންނެވި ގޮތަށް ރަސްމީ ކޮށް ރޯދަ މަހުގެ ފަހު 10 ވެސް އެއީ ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ރޯދަ މަހުގެ ފަހު 10 އަށް ބަންދު ދުވަސްތައް ކަނޑައަޅައިގެން އަޅުކަމަށް ހާއްސަކުރަންވީ ދުވަސްތަކުގައި އިންތިހާބުގައި ކެމްޕެއިން ކުރައްވަންތޯ ވެސް އައްސަވާފައެވެ. އަދި ނުރަސްމީކޮށް އިލެކްޝަން ކޮމިޝަންގެ މެންބަރުން އިންތިހާބާ ގުޅޭ ގޮތުން އެއްސެވުމުން ގާނޫނު އަސާސީއާ ގާނޫނާ ހިލާފު ނުވާނަމަ ރޯދައިގެ ކުރިން އިންތިހާބު ބާއްވަ ދޭން އެދިވަޑައިގެންނެވި ކަމަށާއި އެހެންނަމަވެސް މަޖިލީހުން އެކަން ނުކޮށްދެއްވި ކަމަށް ރައީސް ވިދާޅުވިއެވެ.

"އެ ބޭފުޅުންނަށް ބާރު ހިންގާ އެ ބޭފުޅުން އޮޕަރޭޓްކުރާ އެހެން ފަރާތެއް އެބަ އޮތް. ޖޮއިސްޓިކް އޮތީ އެހެން ފަރާތެއްގައި ޖޮއިސްޓިކް އަނބުރާ ގޮތަކަށް ޕަޕެޓްތަކެއް ގޮތަށް އެނބުރެމުން މިދަނީ ރައްޔިތުން މަޖިލީހުގެ އެމްޑީޕީގެ ބައެއް މެންބަރުން މި ހަގީގަތް ލޯ މަރާލެވޭނެ ގޮތެއް ނޯންނާނެ"
ރައީސް

ރައީސް ވިދާޅުވީ އިއްޔެ ނިންމި ނިންމުމަކީ ތަސްދީގުކުރަން ޖެހޭ ނިންމުމެއް ކަމަށް ބަންޑާރަ ނައިބު ލަފާދެއްވައިފިނަމަ އެކަން ކޮށްދެއްވާނެ ކަމަށެވެ.