ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ރިޝްވަތު ނުދޭން އޭންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެދިއްޖެއެވެ.

އޭސީސީއިން ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މަސައްކަތް ކުރިއަށްގެންދާއިރު، ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މަސައްކަތް ކުރާ ފަރާތްތަކުން ބައެއް ކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އަންގާފައެވެ.

އޭސީސީއިން ސަމާލުކަން ދިނުމަށް އަންގާފައިވާ ކަންކަން:

  • އިންތިހާބީ ހައްގެއްގެ ފައިދާ ވަކި ފަރާތަކަށް ލެންބުމަށްޓަކައި ނުވަތަ ވަކި ގޮތަކަށް އެފަދަ ހައްގެއްގެ ބޭނުމެއް ކުރީތީ އެއްވެސް އެއްޗެއް ޝުކުރެއްގެ ގޮތުން ނުވަތަ ހަދިޔާއެއްގެ ގޮތުން ވިޔަސް ނުވަތަ އެނޫން ގޮތަކަށް ވިޔަސް ނުދިނުމާއި ނުވަތަ ދޭން ހުށަނޭޅުމާއި، ދޭން ވައުދުނުވުން،
  • ވަކި ފަރުދަކަށް ނުވަތަ ޖަމާއަތަކަށް ނުވަތަ އާންމު ފައިދާއަށް، ސީދާގޮތުން ނުވަތަ ނުސީދާގޮތުން ވިޔަސް، އެއްވެސް ފައިސާއެއް ނުވަތަ މަންފާއެއް ނުވަތަ އެ ނޫންވެސް އެއްޗެއް ނުދިނުން ނުވަތަ އެއްވެސް ބާވަތެއްގެ ހިދުމަތެއް ފޯރުކޮށްދިނުން ނުވަތަ އެއިންކަމެއް ކޮށްދޭނެކަމަށް ނުބުނުން
  • ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މަސައްކަތް ކުރުމުގައި، ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކާ ހިލާފަށް ދައުލަތުގެ ވަސީލަތްތައް ބޭނުން ނުކުރުން

އޭސީސިއިން ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅޭ ކޮރަޕްޝަނުގެ މައްސަލައެއް ފާހަގަ ކުރެވޭނަމަ، އެ މައްސަލައެއް ކޮމިޝަނަށް ހުށަހެޅުމަށް އެދިފައެވެ. އެފަދަ މައްސަލަތައް ކޮމިޝަނުގެ ވެބްސައިޓުގައިވާ އިންތިހާބަށް ހާއްސަ ކުރެވިފައިވާ ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް އޭސީސީއިން ބުނެއެވެ.