ގާޒާ ވަށައިގެން ބަންދުކޮށް ކާބޯތަކެއްޗާއި ބޯފެނާއި ބޭސް ލިބުން އިޒްރޭލުން ހުއްޓުވާފައި ވާ އިރު، 1.5 މިލިއަން މީހުން ތިބީ މިހާރުވެސް ހައިހޫނު ކަމުގައެވެ. ކުޑަކުދިން ހިމެނޭހެން އޭގެ ތެރެއިން ގިނަ މީހުންނަށް ދުވާލަކު ކާލާނެ ރޮއްޓެއް ހިސާބު ނުލިބޭ އިރު 576،000 މީހަކު މިހާރު ތިބީ ބަނޑަށް ޖެހުމުގެ ތުންފަތް މަތީގައި ކަމަށް އދ އިން ބުނެފިއެވެ.

އދ ގެ އިދާރާތަކުން ގާޒާއަށް ކާބޯތަކެތި ލިބުނަ ނުދީ އިޒްރޭލުން ގަސްދުގައި ހުރަސް އަޅަމުން ދާ ކަމަށާއި މުޅި އާބާދީގެ ދެބައިކުޅަ އެއްބައި މީހުން ތިބީ ބަނޑަށް ޖެހުމާ އެއް ފިޔަވަޅު ދުރުގައި ކަމަަށެވެ.

އދ އިން މި އިންޒާރު ދިނީ، ގާޒާގެ އުތުރުގެ ސަރަހައްދުތަކުގައި ކާބޯތަކެތި ހޯދަން އެއްވެ ތިބި ބަޔަކަށް އަމާޒު ކޮށް އިޒްރޭލުން ބަޑިޖަހާފައި ވަނިކޮށެވެ. މިހާދިސާގައި މީހަކު ޝަހީދުވި ކަމެއް އަދި ސާފު ނުވާ އިރު، ގާޒާއަށް ކާބޯތަކެތި ވައްދާ މައި ދޮރާށިތަކުގެ ތެރެއިން އިޒްރޭލުގެ ކޮންޓްރޯލް އޮންނަ ދޮރާށި ދޮށުގައި އިޒްރޭލުގެ އާންމުން ދަނީ، ކާބޯތަކެތި ހިފައިގެން ދަތުރު ކުރާ އުޅަނދުތައް ހުއްޓުވައި ގާޒާއަށް ވަނަ ނުދީ ފަހަތަށް ޖައްސަމުންނެވެ. އަދި އެ ފަދަ ޓްރަކް ތަކުގައި ހުންނަ ކާބޯތަކެތި އެތަން މިނަތަނަށް އުކައި ހަލާކު ކުރަމުން ދާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

އިޒްރޭލުން ގާޒާއަށް އެރިތާ 5 މަސް ވެގެން ދާއިރު، މިހާތަނަށް 29،878 މީހަކު ޝަހީދު ކޮށްލާފައި ވެއެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އިޒްރޭލުގެ ހަނގުރާމަ އަކީ އޮކްޓޯބަރު 7، 2023 ގައި ހަމާސް އިން އިޒްރޭލަށް ކުއްލި ހަމަލާއެއް ދީ 1139 މީހަކު މަރާލައި 253 މީހަކު ރަހީނު ކުރުމުން ފެށި ހަނގުރާމައެވެ.

ކޮންމެ ދުވަހަކު އެއްގަމާއި ވައިގެ މަގުން ހަމަލާ ދެމުން، ގާޒާއަށް ވަންނަން އޮންނަ ހުރިހާ މަގެއް ބަންދުކޮށް ކާބޯތަކެއްޗާއި ބޯނެފާއި ބޭސް ހުއްޓުވާފައި ވާ އިރު، ގާޒާ އަކީ މީގެ 17 އަހަރު ކުރިން ސުރެ ފެށިގެން އަނގަމަތީ ޖަލެއްގެ ގޮތުގައި އޮންނަ ތަނެކެވެ. އެތަނުގެ ވަށައިގެން އިޒްރޭލުން ކޮންޓްރޯލް ނަގާ، ވަށައިގެން ދަނގަޅު ތޭރި ޖަހާ ގާޒާ އަކީ ވަކި ކޮއްޓެއް ގޮތަށް ހަދާފައި ވާ އިރު، ގާޒާއަށް ވަދެ ނިމުގެ ހެދެނީވެސް އިޒްރޭލުން ހުއްދަ ދިނިއްޔާއެވެ.

ޔޫއެން ހިއުމެނިޓޭރިއަން އެޖެންސީ އޯސީއެޗްއޭ) އިން ބުނީ، ހަނގުރާމަ އާ އެކު މިހާރު އޮތީ އިންސާނި ކާރިސާއެއްގެ ހާލަތު ކަމަށާއި ވަގުތުން އިންސާނީ އެހީ ފޯރުކޮށް ނުދެވޭނެ ނަމަ ގިނަ އަދަދެއްގެ ބަޔަކު މަރުވެދާނެ ކަމަށެވެ. އެ އިދާރާއިން ބުނީ ގާޒާގެ އުތުރުގައި ކޮންމެ 6 ކުއްޖަކުން 1 ކުއްޖަކީ ރަނގަޅު ކާނާއާއި ބޯފެނުން މަހުރޫމްވެފައި ވާ ކުއްޖެއް ކަމަށެވެ. އަދި މުޅި އާބާދީ [2.3 މިލިއަން] މީހުން މިއަދު ތިބީ ދިރިހުރުމަށްޓަކައި ކޮންމެހެން ބޭނުންވާ ކާބޯތަކެއްޗަށް ޖެހިފައި ކަމަށާއި މިވަގުތު އެއްވެސް ކަމެއް ނުކުރެވިއްޖެ ނަމަ، ހައިހޫނުކަމުގެ އިންތިހާއާ އެމީހުން ކުރިމަތިލާން ޖެހޭނެ ކަމަށާއި އެއާއެކު ދިމާވާނެ ކަންކަމަކީ އަނބުރާ އިއާދަ ނުކުރެވޭނެ ކަންކަން ކަމަށް ވެސް އދ ގެ އިދާރާއިން ބުނެފައި ވެއެވެ.