ޕީއެންސީ މަޖިލިސް ޕްރައިމަރީ ނާކާބީޔާބުވި، ނަބީލް ޒަމީލްއަށް އެންވަޔަރަމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ދީފިއެވެ.

ކުރިއަށް ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީގެ ފަރާތުން މަޖިލީހަށް ވާދަ ކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭއްވި ޕީއެންސީ މަޖިިލިސް ޕްރައިމަރީގައި މިލަންދޫ ދާއިރާއަށް ވާދަ ކުރެއްވި ނަބީލްގެ މައްޗަށް ކުރި ހޯއްދެވި މަޖިލީހުގެ މިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ހަސަން މުފީދެވެ.

ޕީއެންސީގެ ޕްރައިމަރީ ނާކާމިޔާބުވުމާއެކު، އަމިއްލަ ގޮތުން މަޖިލީހަށް ކުރިމަތިލެއްވުމަށް ނަބީލް ވަނީ ނިންމަވާފައެވެ. އަދި ނަން އަނބުރާ ގެންދިއުމަށް ލިބުނު ފުރުސަތުގައި ވެސް އޭނާ ނަން އަނބުރާ ގެންގޮސްފައި ނުވާތީ އޭނާގެ ނަން މަޖިލީހަށް ވާދަ ކުރާ މެންބަރުންގެ ލިސްޓުގައި އަދިވެސް އެބައޮތެވެ.

ޕީއެންސީގެ ޕްރައިމަރީ ކާމިޔާބު ކުރި ހަސަން މުފީދަށް ތާއީދު ކުރުމަށް ނަބީލް ވަނީ ފަހުން އެދިވަޑައިގެންފައެވެ. ނަބީލް ވިދާޅުވީ ދާއިރާގެ ކުރިމަގު ބައްޓަން ކުރެވޭނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ނުކުމެހުރި ކެންޑިޑޭޓަށް ކަމަށްވާތީ އެމްޑީޕީއަށް ގޮނޑި ނުދޭނެ ކަމަށެވެ.

ނަބީލްއަކީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ މަގުމަތީގެ ހަރާކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތެކެވެ. އެ ހަރަކާތްތަކުގެ ތެރެއިން މިދިޔަ 5 އަހަރުގެ ތެރޭގައި ވެސް އޭނާ ވަނީ އެތައް ފަހަރަކު ހައްޔަރު ވެސް ކޮށްފައެވެ.