ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތް ރަނގަޅު ކުރާނެ ކަމަށާއި ހުޅުމާލޭގައި އިތުރު ހޮސްޕިޓަލެއް އަޅާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ރައީސް އޮފީހުން ފަށާފައިވާ "ރައީސްގެ ޖަވާބު" ސިލްސިލާގެ ތެރެއިން ހުޅުމާލެ، ފްލެޓް ނަންބަރު 51503، މުހައްމަދު ރިޔާޒް އަމާޒު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ހުޅުމާލޭގައި 100،000 އަށް ވުރެ ގިނަ މީހުން ދިރިއުޅެމުން ދާއިރު ހުޅުމާލެ ހޮސްޕިޓަލުގެ ހިދުމަތްތަކަށް އެކަށީގެންވާ ބަދަލެއް އައިސްފައިނުވާ ކަމަށާއި ހުޅުމަލޭ ހޮސްޕިޓަލުން އެތެރެހަށީގެ ޑޮކްޓަރަކަށް އެޕޮއިންޓްމެންޓްއެއް ހޯދުމަށް 500 ނުވަތަ 600 މީހުންގެ ކިޔުއެއްގައި މަޑުކުރަން ޖެހޭކަން މުހައްމަދު ރިޔާޒްގެ ސުވާލުގައި ވަނީ ފާހަގަކޮށްފައެވެ.

މިކަމާ ގުޅިގެން ރައީސް ވިދާޅުވީ މާލެ ސިޓީ ސަރަހައްދުގެ ސިއްހީ ނިޒާމު ވަރުގަދަ ކުރުމަކީ ސަރުކާރުން ވަރަށް އިސްކަމެއް ދޭ ކަމެއް ކަމަށެވެ. އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލްގެ މަސައްކަތް މިހާރު ބާރު ސްޕީޑްގައި ފެށިގެން ކުރިއަށްދާ ކަމަށާއި ދަރުމަވަންތަ ގްރޫޕް އޮފް ހޮސްޕިޓަލްސް އައިޖީއެމްއެޗް ހިމެނޭހެން ހުޅުމާލެ އަދި ވިލިމާލެ ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެެވެ.

މީގެއިތުރުން ހުޅުމާލެ ހޮސްޕިޓަލާ ގުޅިގެން ފާހަގަ ކުރި ކަންކަން ހައްލުވެގެންދާނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވިއެވެ. ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގައި ދިިރިއުޅެމުންދާ ޖުމްލަ އާބާދީ 100،000 އަށް ވުރެ އިތުރުވެފައި ވާއިރު ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތް ބޮޑުތަނުން މަތި ކުރަންޖެހޭ ކަމަށާއި އިތުރު ހޮސްޕިޓަލެއް އަޅަން ޖެހޭނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި އެ މަސައްކަތްތައް ކުރިއަށް ގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުން ހިމެނޭހެން ޖުމްލަކޮށް މާލެ ސަރަހައްދުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް އެންމެ ރަނގަޅު ފެންވަރުގައި ސިއްހީ ހިދުމަތް ދިނުމަށްޓަކައި ސިއްހީ ހިދުމަތްތައް ރަނގަޅު ކުރުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށެވެ. އަދި އެކަމުގެ ނަތީޖާ ފެންނަމުން ދާނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.