އޮކްޓޯބަރު 7، 2023 ގައި ހަމާސް އިން އިޒްރޭލަށް ދިން ކުއްލި ހަމަލާގައި 1139 މީހަކު މަރުވުމުގެ ބަދަލު ހިފަން އިޒްރޭލުން ފެށި އުދުވާނަށް ހިތްވަރާއި މަދަދު ދެނީ އެމެރިކާއިން ކަމަށާއި، މިއަދު ގާޒާ ބަނޑަށް ޖެހުމުގެ ޒިންމާ ބައިޑަންގެ ސަރުކާރުން އުފުލަން ޖެހޭނެ ކަމަށް ހަމާސް އިން ބުނެފިއެވެ.
ހަމާސް އިން ބުނީ، ގާޒާ ވަށާލައި އެތަން ހިފަން ޔަހޫދީ ސިފައިންނަށް އެހީތެރިކަމާއި މަދަދުދީގެން ތިބި އެމެރިކާ އަކީ އިންސާނިއްޔަތަށް އެއްވެސް އިހުތިރާމެއް ކުރާ ބައެއް ނޫން ކަމަށެވެ. އަދި މިއަދު މުޅި ސަރަހައްދަށް ފެތުރިފައިވާ ހައިހޫނު ކަމުގެ ޒިންމާ އެމީހުން އުފުލަން ޖެހޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.
އިޒްރޭލުގެ ހަމަލާތަކުގައި ގާޒާއިން މިހާތަނަށް 29،782 މީހުން ޝަހީދު ކޮށްލައި 70،043 މީހަކު ޒަހަމް ކޮށްލާފައި ވާ އިރު، ގާޒާ ވަށާލައި ބަންދުކޮށް، ކާބޯތަކެއްޗާއި ބޯފެނާއި ބޭސް ވެއްދުން އިޒްރޭލުން ވަނީ ހުއްޓުވާފައެވެ. އޭގެ އިތުރުން އިޒްރޭލުން ވަނީ ގާޒާގެ އެތެރޭގައި ކާބޯތަކެތި އުފައްދާ ތަންތަނާއި ކާބޮތަކެތި ރައްކާ ކޮށްފައި ހުންނަ ހުރިހާ ކޮށާރެއް [ގުދަން ތަކެއް] ހަލާކުކޮށްލާފައެވެ. އެއާއެކު ގާޒާގައި ތިބި 1.5 މިލިއަން މީހުން ހައިހޫނުކަމުގައި ތަހަންމަލް ކުރަމުން ދާ އިރު ކާއެތިކޮޅެއް ބޯނެ ފެންފޮދެއް ނުލިބި ބައެއް މީހުން މަރުވަމުން ދާ ކަމަށް ހަބަރުތައް ބުނެއެވެ. އަދި ކާބޯތަކެތީގެ އެހީ ހިފައިގެން އދ ގެ މަދު ޓްރަކަކަށް ގާޒާއަށް ވަދެވުނު ނަމަވެސް އެތަނެތި ބޭނުންވާ މީހުންގެ އަދަދުގެ ގިނަ ކަމާއެކު، އެއިން އެތިކޮޅެއް ލިބޭ ވަރުވަނީ ގަދަ މީހާ އަށެވެ. އެއިން ކޮންމެ ޓްރަކެއް ގާޒާއަށް ވަންނަ އިރު އާންމުން އެ ޓްރަކް ތަކަށް އަރައިގަނެ ކާބޯތަކެތި އަތުލައިގެން ގެންދާތީ އދ ގެ އިދާރާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ގާޒާގެ ހާލަތަށް އެމެރިކާ އިން ޒިންމާވާން ޖެހޭނެ ކަމަށް ހަމާސް އިން ބުނެފައި ވާ މިދަނޑިވަޅުގައި އެމެރިކާގެ އިސްނެގުމަށް ކުރިއަށް ދާ ސުލްހައިގެ މަޝްވަރާތަކުގައި އަންނަ ހޯމަ ދުވަހާ ހަމައަށް އަލިމަގެއް ފެންނާނެ ކަމަށް ރައީސް ޖޯ ބައިޑަން މިއަދު ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، ހޯމައާ ހަމައަށް ގޮތެއް ހޯދޭނެ މަޝްވަރާތަކުގައި، ހަމާސް އިން އިޒްރޭލަށް އެރި ދުވަހު ރަހީނު ކުރި މީހުންގެ ތެރެއިން 40 މީހަކު މިނިވަން ކުރުމާއި، އިޒްރޭލުން ފަލަސްތީނުގެ އެކި ސަރަހައްދުތަކުން ރަހީނު ކުރި 8000 މީހުންގެ ތެރެއިން 400 މީހަކު ދޫކޮށްލުން ހިމެނޭ ކަމަށެވެ.
މީގެ އިތުރުން އިތުރު ތަފްސީލެއް އެމެރިކާއިން ހާމަ ކޮށްފައި ނުވާ އިރު މިއީ ގަތަރާއި، އެމެރިކާ އަދި އިޒްރޭލު ހިމެނޭހެން ފްރާންސްގައި ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި އެއްބަސްވުމަކަށް އާދެވިފައިވާ ކަމެއް ކަމަށް ވެސް ހަބަރުތައް ބުނެއެވެ.