ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު 18 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ ތ. ގުރައިދޫ، މިޔަވާލި، ހުސެއިން ޒާހިނުގެ މައްޗަށެވެ. ދައުލަތުން އޭނާގެ މައްޗަށް 3 ދައުވާއެއް ވަނީ އުފުލާފައެވެ.

އެ ގޮތުން އޭނާގެ މައްޗަށް ދައުލަތުން ކޮށްފައިވާ މައިގަނޑު ދައުވާ އަކ އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖައާއި އެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާއެވެ. އެ ދައުވާ އޭނާގެ މައްޗަށް ސާބިތުވެ 15 އަހަރުގެ ހުކުމެއް ކޮށްފައި ވާއިރު ދެން އޭނާގެ މައްޗަށް ކޮށްފައި ވަނީ ލައިގެން ހުރި ހެދުމެއްގެ ބޭރުން ކުޑަކުއްޖަކަށް ފެންނާނެ ގޮތަކަށް، ޖިންސީ ގުނަވަނެއް ހާމަކޮށްގެން ހުރުމުގެ ދައުވާއެވެ. އޭނާގެ މައްޗަށް މި ދައުވާ ސާބިތުވެ 3 އަހަރުގެ ހުކުމެއް ވަނީ ކޮށްފައެވެ.

ދައުލަތުން އޭނާގެ މައްޗަށް ކޮށްފައިވާ ތިން ވަނަ ދައުވާ އަކީ އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދައުވާއެވެ. މި ދައުވާވެސް އޭނާގެ މައްޗަށް ސާބިތުވެފައިވާއިރު، މި ކުށުގެ އަދަބެއްގެ ގޮތުން އެއް މަހާއި ހަ ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފައެވެ.

މި މައްސަލައަކީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައެއްކަމުން، މި މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންގޮސްފައި ވަނީ ސިއްރުންނެވެ.