ދިވެހި ފިލްމީ ދާއިރާގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދި އިބްރާހިމް ޝާކިރު (ޝާކިރުބެ) ނިޔާއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ޝާކިރުބެ ނިޔާވީ، ސްޓްރޯކެއް ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެމުން ދަނިކޮށް ރޭގެ ވަގުތެއްގައެވެ. ޝާކިރުބެ ނިޔާވިއިރު އުމުރަކީ 85 އަހަރުއެވެ.

ޝާކިރުބެގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މިއަދުގެ މެންދުރު ނަމާދަށް ފަހު ހުޅުމާލެ ސަހަރާގައެވެ.

1990 އަހަރުތަކުގައި ފިލްމީ ދާއިރާއިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ޝާކިރުބެ ވަނީ އެ ދުވަސްވަރު ނުކުތް ގިނަ ފިލްމުތަކުގައި ފެނިގެން ގޮސްފައެވެ. މި ގޮތުން ހެއްވާ މަޖާ ރޯލުތަކާ، ސީރިއަސް ރޯލުތަކުން ފެނިގެން ދިޔަ ޝާކިރުބެގެ އަޑަކީވެސް ގިނަ ބައަކަށް ވަރަށް ކަމުދިޔަ އަޑެކެވެ. މިގޮތުން މުހައްމަދުރަސޫލުﷲ ގައި ވެސް މުހިންމު ބައެއް ކެރެކްޓާތަކަށް ޝާކިރުބެ އަޑު އަޅާފައިވެއެވެ.