ރާއްޖޭގައި އޮތް އެންމެ ބޮޑު ފަޅު ކަމަށްވާ ވ. ފޮއްތެޔޮ ފަޅާ ބެހޭ މައުލޫމާތު ސަރުކާރުން ހިއްސާ ނުކުރާ ކަމަށް ބުނެ އިހްތިޖާޖު ކުރުމުގެ ގޮތުން ވ. އަތޮޅު ކައުންސިލްގެ މަސައްކަތްތައް ހުއްޓާލަން ނިންމައިވާ ކަމަށް ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ ވިދާޅުވެއްޖެއެވެ.

ޝުޖާއު ވިދާޅުވީ ގާނޫނުން އަތޮޅު ކައުންސިލަށް ލިބޭ ބާރު ކަނޑުވާލާ ވ. އަތޮޅުގެ މަސްލަހަތު ހިމެނޭ ކަންކަން ނިންމެވުމުގައި ގާނޫނާ ހިލާފަށް ސަރުކާރުން ކައުންސިލްގެ ބަހެއް ނުހޯދާ ކަމަށެވެ. އަދި އެ ފަޅާ ބެހޭ ގޮތުން މައުލޫމާތު ނުދޭތީ އިހްތިޖާޖު ކުރުމުގެ ގޮތުން ކައުންސިލްގެ މަސައްކަތްތައް ހުއްޓާލަން ފާސްކޮށްފައިވާ ކަމަށެވެ.

ފޮއްތެޔޮ ފަޅު ސަރުކާރުން ނުއަގުގައި ވިއްކަން އުޅޭ ކަމުގެ އަޑުތައް ފެތުރިފައިވާއިރު ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެފައި އެއްވެސް ތަނެއް ނުއަގުގައި ނުވިއްކާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ. ނަމަވެސް އެ ފަޅު ވިއްކަން އުޅޭކަން އޭނާ ދޮގު ކުރައްވާފައެއް ނުވެއެވެ.

ފޮއްތެޔޮފަޅުގައި ގާތްގަނޑަކަށް ބައި ކިލޯމީޓަރުގެ ސަރަހައްދަަކަށް ގުޅިފައިވާ ފިނޮޅުތައް ހިމެނޭ "ހިނގާ ކުޅި ފިނޮޅު" ނުވަތަ "ދިއްގަރު ފަޅު" ހިމާޔަތް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކައުންސިލާ މަޝްވަރާ ކުރުމެއް ނެތި ރިސޯތް ތަރައްގީ ކުރަން ހުޅުވާ ތަންތަނުގެ ލިސްޓުގައި އެތަން ހިމަނާ ޓުރިޒަމް މިނިސްޓްރީން އިއުލާނު ކުރުމާ ގުޅިގެން ވެސް ޝުޖާ ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

ފޮއްތެޔޮ ފަޅު ވިއްކާލަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕޭނަށް ފައިސާ ހޯދަން ކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަނުން އަންނަނީ ތުހުމަތު ކުރަމުންނެވެ.